އިންތިޚާބަށް ފަހު އުފެދުނު ޚިޔާލުތަފާތުވުން ހައްލުކޮށް، ލީޑާޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ: ޞާލިޙު

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު: ޚިޔާލުތަފާތުވުން ހައްލުކޮށް، ލީޑާޝިޕް އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ޞާލިޙު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ނިމިދިޔަ އިންތިޚާބަށްފަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ޙައްލެއް ހޯދައިފިކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މި މައްސަލަ އުފެދުނީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުޞަތު ނުދެއްވުމުންނެވެ. ނަމަވެސް، ޕާޓީގެ އިސް ފަރާތްތަކުން ކުރި މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި މުޅި ލީޑާޝިޕް އެކުގައި މަސައްކަތްކުރަން މިހާރު ވަނީ އެއްބަސްވެފައެވެ.

  • އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ޙައްލު ހޯދިއްޖެކަމަށް އިޢުލާންކުރުން
  • މައްސަލަ އުފެދުނީ ކާމިޔާބީ ފާހަގަކުރުމުގެ ޖަލްސާގައި ރައީސް ނަޝީދަށް ފުރުޞަތު ނުދެއްވުމުން
  • ވަގުތީ ޗެއަރޕާސަން ވަކިކުރުމަށް 55 މެންބަރުންގެ ސޮޔާއެކު ހުށަހެޅުނު މައްސަލަ މަޝްވަރާއިން ޙައްލުކުރުން
  • 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ލީޑާޝިޕް އެކުގައި މަސައްކަތްކުރުމަށް އެއްބަސްވުން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތައް މިހާރު ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަން ފުރުސަތު ނުދިނުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.

އެފަހުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަކިކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ހުށަހަޅައި، އެ މައްސަލައަށް ގޮތެއް ނިންމަށް އަންނަ ހޯމަ ދުވަހަށް ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ވެސް އޮތީ ތާވަލުކޮށްފައެވެ. ޗެއާޕާސަންކަމުން ޣަފޫރު ވަކިކުރަން ހުށަހެޅީ ވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ.

އެކަމުގައި ޕާޓީގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް މިރޭ، ޅ. ހިންވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ އެ ޚިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ހުރިހާ ލީޑަރުން ވެސް މިހާރު އެކުގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަލައަކާ ހުރެ އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގެ އިސްކޮށް މިތިބި ހުރިހާ މީހުން މިދަނީ މަޝްވަރާކޮށް މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން. އިއްޔެ ވެސް އަދި ރޭގައި ވެސް އަދި މިއަދު ވެސް އަޅުގަނޑު [ވަގުތު] ހޭދަކުރީ އެކަމުގައި. މިހާރު މިވަނީ މިކަމަށް ހައްލެއް ވެސް ހޯދާފައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ޞާލިޙު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީ ކުރިއަށް ދާނީ މުޅި ލީޑާޝިޕް އެކުގައި އޮވެގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ދިމާވާ ކަހަލަ ޚިޔާލު ތަފާތުވުންތަކެކެވެ.

https://sun.mv/220355

އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު އިރު، މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭ ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ.

އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.

comment ކޮމެންޓް