ދެވަނަ ފިޔަވަހީގެ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވުނީ އަށް ގަޑިއިރު ފަހުން

ސްޓެލްކޯގެ މުވައްޒަފުން ކަރަންޓު މައްސަލަ ހައްލުކުރަނީ: ދެވަނަ ފިޔަވަހީގެ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވުނީ އަށް ގަޑިއިރު ފަހުން -- ފޮޓޯ/ ސްޓެލްކޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމަންޓްތަކުން ކަރަންޓު ކެނޑުނުތާ އަށް ގަޑިއިރު ފަހުން ސްޓެލްކޯއިން ވަނީ އެ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދީފައެވެ. ކަރަންޓު ކެނޑެން މެދުވެރިވީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން މައި ކޭބަލަކަށް ގެއްލުން ލިބުމުގެ ސަބަބުންނެވެ. ބީޗް ސަރަހައްދަށް ވަގުތީ ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.

  • ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުން ކަރަންޓު ކެނޑުނީ މެންދުރުފަހު 15:30 ހާއިރުއެވެ.
  • ކަރަންޓު ކެނޑެން މެދުވެރިވީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިން މައި ކޭބަލަކަށް ގެއްލުންވުމުންނެވެ.
  • އަށް ގަޑިއިރު ފަހުން، ރޭގަނޑު 23:30 ހާއިރު ހުރިހާ ޓަވަރަކަށް ކަރަންޓު ދީފައިވެއެވެ.
  • ބީޗް ސަރަހައްދަށް ކަރަންޓު ދިނުމަށް ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުގައި ކަރަންޓު ކެނޑުނުތާ އަށް ގަޑިއިރު ފަހުން، ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ 15:30ހާއިރެވެ.

"ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން 23:30ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހުރިހާ ޓަވަރަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ބީޗް ސަރަހައްދުގެ ބައެއް ކަސްޓަމަރުންނަށް ކަރަންޓު ފޯރުކޮށްދެވިފައި ނުވާ ކަމަށާއި އެ ކަސްޓަމަރުންނަށް ވެސް އަލުން ޚިދުމަތް ދިނުމަށް ވަގުތީ ކޭބަލެއް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދަތިތައް ދިމާވި ހުރިހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދެން. އަދި ދިމާވި އެ ދަތި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން އެ ކުރަމުންދިޔަ ބުރަ މަސައްކަތްތަކަށް ހިތްވަރުދީ، ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން މީގެ ކުރިން ބުނި ގޮތުގައި، ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދޭން އަޅައިފައިވާ މައި ކޭބަލަކަށް ގެއްލުންވުމުންނެވެ. އެ ކޭބަލަށް ގެއްލުންވީ، ކޮނުމުގެ މަސައްކަތެއްގެ ތެރެއިން ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/220522

ގިނަ އާއިލާތަކެއް ދިރިއުޅޭ ހިޔާ ޓަވަރުތަކަށް ހަވީރާއި ރޭގަނޑު ކަރަންޓު ނުލިބި ގިނައިރުވުމުން، ވަރަށް ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށްފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި މިހާރު ވެސް އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން، ކޭބަލްތަކަށް ގެއްލުންވެ މީގެ ކުރިން ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ.

ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.

comment ކޮމެންޓް