"ބޭސް ގެންނަންކުރާ ޚަރަދު ހަނގުރާމައާހެދި ބޮޑުވެއްޖެ، ނަމަވެސް ސްޓޮކަކަށް އަސަރެއް ނުކުރޭ"

ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުލް މާހިރު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރާ އަސަރުގެ ސަބަބުން ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެފައިވާކަމަށް ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް އަބްދުލް މާހިރު ވިދާޅުވެއްޖެއެވެ. ޝިޕިންގ އަގުތައް އުފުލުމުގެ ސަބަބުން ޚަރަދު ބޮޑުވި ނަމަވެސް، ރާއްޖޭގެ ބޭހުގެ ސްޓޮކަށް މާބޮޑު ދަތިތަކެއް އަދި ކުރިމަތިނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ބޭހުގެ އަގުތައް އުފުލިދާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

  • މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޝިޕިންގ އަގު ބޮޑުވުމުން ބޭސް އެތެރެކުރުމުގެ ޚަރަދު ވަނީ އިތުރުވެފައި
  • އެމިރޭޓްސް ފަދަ އެއަރލައިންތަކުގެ ދަތުރުތަކަށް ކުޑަ ބުރޫއެރުމެއް އައި ނަމަވެސް ބޭހުގެ ސްޓޮކަށް އަސަރެއް ނުކުރޭ
  • އަމިއްލަ ވިޔަފާރިތަކުން ބޭސް އެތެރެކުރުމުގެ އަގު ބޮޑުވުމުގެ ޝަކުވާތައް ދަނީ ކުރަމުން
  • ސްޓޭޓް ފާމާގެ އަމާޒަކީ އަތްފޯރާ އަގުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުން

މެދުއިރުމަތީގެ ހަނގުރާމައާހެދި ދުނިޔޭގެ އިގްތިޞާދަށް ކުރަމުން އަންނަ އަސަރާއެކު، ރާއްޖެއަށް ބޭސް ގެނައުމަށް ކުރަންޖެހޭ ހޭދަ ވެސް ބޮޑުވެފައިވާ ކަމަށާއި، ހަނގުރާމަ ދެމިގެންދާނަމަ ބޭހުގެ އަގު އުފުލިދާނެ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުލް މާހިރު ރޭ ވިދާޅުވެއްޖެއެވެ.

ޑރ. ޝާހް މިފަދައިން ވިދާޅުވީ އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ ބޭސް ގެނައުމުގެ ކަންކަން ހަރުދަނާކުރުަމަށް ހެލްތް މިނިސްޓްރީއާއެކު މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ހުރިހާ ސިނާއަތަކަށް ވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރައްވައި ޝާހް ވިދާޅުވީ، ޝިޕިންގެ އަގު ބޮޑުވުމުގެ ސަބަބުން ވެސް ބޭހުގެ އަގު ބޮޑުވާ ކަމަށެވެ. އެގޮތުން ބޭސް އެތެރެކުރުމުގެ އަގު ކުރިއަށްވުރެ މިހާރު ބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ބޭސް ގެނައުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ޝާހް ވިދާޅުވީ، ބައެއްފަހަރު ބައެއް ދިމަދިމާލުން ބޭސް ގެނައުމުގަ ކުދިކުދި ދަތިތައް ދިމާވާކަމަށެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން މާބޮޑު ގޮންޖެހުމެއް ބޭސް ގެނައުމަށް އަދި ނާންނަކަން ޝާހްވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަވަނީ ބައެއް ފްލައިޓްތައް މިހާރު ދުބާއީއިން އަޅުގަނޑުމެން ގެންނަ ބައެއްކަހަލަ ބޭސްތައް އެބަހުރޭ. އެހެންވީމަ ޑުބާއީ ފްލައިޓްސް އެމިރޭޓްސް ކެންސަލްވާ ހާލަތްތަކުގައި ބައެއްފަހަރު ކޯލްޑްޗެއިން މެއިންޓެއިން ކުރުމަށްޓަކައި ބައެއް އެއާލައިންތަކުގައި މިހުންނަނީ ބޭސް ފިނިކޮށް ބެހެއްޓޭ ގޮތަށް. ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުލް މާހިރު

"އެއީ އެމިރޭޓްސްއާ ސްރީލްނަކަން އެއާލައިން ކަހަލަ އެއާލައިންތައް. އެހެންވީމަ އެމިރޭޓްސް މިދޭތެރެއިން އައި ކުޑަ ލޮޅުމެއް އައި ހަނގުރާމައާ ގުޅިގެން. ކުޑަކުޑަ ޑިލޭއެއް އައި އެހެންނަމަވެސް އަޅުގަނޑުމެންގެ ސްޓޮކަކަށް މާބޮޑު އެނގުމެއްވާވަރުގެ ކަމެއް ދިމައެއް ނުވޭ،" ޑރ. ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ ހަނގުރާމަ އިތުރަށް ދިގުދެމިގެންދާ ހާލަތްތަކުގައި ރާއްޖެއަށް ރަނގަޅު ކޮލެތީގެ ބޭސް ސްޓޮކްކޮށްފަ ބެހެއްޓުމާ، ބޭހުގެ އެވައިލެބިލިޓީ ކަށަވަރުކޮށްފައި ބަހައްޓަން ޖެހޭކަމަށެެވެ.

އޭނާ ވަނީ އާސަންދައިން ބޭހުގެ އަގު ކޮންޓްރޯލްކޮށްގެން މިހާރު ވިއްކިކަމުގައި ވީނަމަވެސް ބޭހުގެ އަގު މައްޗަށް ދިއުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޕްރައިވެޓް ސެކްޓާއިން ބައެއް ބޭސްތަކުގެ އަގު ބޮޑުވުމުން އެ ބޭސްތައް ރާއްޖެ އެތެރެކުރަން ދަތިކަމަށް ބުނެ ޝަކުވާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އަޅުގަނޑުމެންނަށް ޕްރައިވެޓް ސެކްޓާއިން އެބައާދޭ ޝަކުވާ ބޭސްގެނައުމުގެ އަގު މިހާރު ބޮޑުވެއްޖޭ އެހެންވީމަ ބައެއްކަހަލަގެ ބޭސްތައް އެމީހުންނަށް އެތެރެކުރާކަށް ވޯތެއް ނޫނޭ. ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް އަބްދުލް މާހިރު

ޝާހް ވިދާޅުވީ ސަރުކާރުގެ ފަރާތުން ސްޓޭޓް ފާމާއިން، އަަބަދުވެސް އަތްފޯރާ އަގުގައި ބޭސް ލިބެންހުރިކަން ޔަގީންކުރަމުން ގެންދާނެ ކަމަށެވެ.

އަދި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މިހާރު ލިބޭ މައުލޫމާތުތަކަށް ބަލައި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރުންކަމަށެވެ.

comment ކޮމެންޓް