އެފްޑީސީ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އިންތިޚާބީ ކައުންސިލަރާ ހިއްސާކޮށްފި

އެފްޑީސީގެ ފުލެޓްތަކުގައި ދިރިއުޅޭ މީހުން އިންތިޚާބީ ކައުންސިލަރާ ބައްދަލުކުރުން --- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކެއް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާއާ ވަނީ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރަށްވެހިންގެ ރަޖިސްޓްރީ ނުކުރެވޭ މައްސަލައާއި، ކުލި ބޮޑުވުމުގެ ސަބަބުން ދިމާވާ މާލީ ދަތިތަކެވެ. އަދި އާންމު ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗާއާ ގުޅުންހުރި ގިނަ ޝަކުވާތަކެއް ވެސް ރައްޔިތުން ވަނީ ހުށަހަޅާފައެވެ.

  • ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ނުކުރެވޭ މައްސަލަ.
  • އެއްބަސްވުމަށް ގެނައި ބަދަލުތަކާއެކު ކުލި ބޮޑުވެ މާލީ ބުރައަކަށްވުން.
  • ސަރުކާރުން ދީފައިވާ 3 މަސްދުވަހުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް އެދުން.
  • އިންފްރާސްޓްރަކްޗަރ، ކުނި މެނޭޖްކުރުން، ޕާކިން އަދި ލިފްޓުގެ މައްސަލަތައް.
  • ބަހުގެ ޚިދުމަތް ފުޅާކުރުމާއި ބަސް ސްޓޮޕް ގާއިމްކުރުމަށް އެދުން.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގައި ދިރިއުޅޭ މީހުން، އެމީހުންގެ ކަންބޮޑުވުންތައް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އާ ރޭ ހިއްސާކޮށްފިއެވެ.

އެފްޑީސީގެ ފުލެޓްތަކުގައި ދިރިއުޅޭ މީހުން، އަލަށް އިންތިޚާބުވި ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށް ހިއްސާކުރި ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި ރަށްވެހިންގެ ރަޖިސްޓްރީގެ މައްސަލަ ހިމެނެއެވެ.

ގިނަ ރައްޔިތުންނަށް ރަށްވެހިންގެ ރަޖިސްޓްރީގެ ދަށުން ރަޖިސްޓްރީ ނުކުރެވޭއިރު، ރަޖިސްޓްރީގެ ޝަރުތުތަކަކީ، އެފްޑީސީ ފުލެޓުތަކުގެ އެއްބަސްވުންތަކާ ފުށުއަރާ ޝަރުތުތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއްބަސްވުމަށް އަންނަ ބަދަލުތަކަކީ މާލީ ބުރައެއްކަމަށް ބުނެ އެ ޝަކުވާ ހިއްސާކޮށްފައެވެ. އެގޮތުން ފުލެޓުތައް ފުރަތަމަ އިއުލާންކުރީ ސޯޝަލް ހައުސިންގެ ގޮތުގައި ނަމަވެސް ފަހުން އަގު ބޮޑުކުރިކަން ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

https://sun.mv/220295

މީގެ އިތުރުން ސަރުކާރުން ތިން މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދިންއިރު، އެ މުއްދަތު ނިމުމާ ގާތްވެފައިވާއިރު ގްރޭސް ޕީރިއަޑް އިތުރުކުރަން ގިނަ ބަޔަކު ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން މީގެކުރިން 'އެސްއެސްޓީވީ'ގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ޒާޔާ ވިދާޅުވީ އެފްޑީސީ ފުލެޓްތަކުގެ އެއްބަސްވުންތައް މިސަރުކާރުން ހަދާފައި އޮތީ، ފުލެޓަށް ރަޖިސްޓްރީ ވެވޭގޮތަކަށް ނޫންކަމަށެވެ. މި ސަރުކާރުން އެފްޑީސީ ފުލެޓްތަކަށް ބަދަލުވި ރައްޔިތުންނަށް ޖެއްސުންކުރަމުން ދާކަމަށާއި، އެގޮތުން ކުރިން އޮތް ފުލެޓްގެ އެއްބަސްވުން ބަދަލުކޮށްފައިވާއިރު، އެހެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ޚިލާފަށް، މި ފުލެޓްތަކަށް ރަށްވެހިކަން ރަޖިސްޓްރީ ވެސް ނުކުރެވޭ ކަމަށް ޒާޔާ ވިދާޅުވިއެވެ.

އެފްޑީސީގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އިންތިޚާބީ ކައުންސިލަރާ ބައްދަލުކުރުން -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ރޭގެ ބައްދަލުވުމުގައި އެ ފުލެޓުތަކުގެ އިންފްރާސްޓްރަކްޗާއާއި، މެއިންޓަނަންސް މައްސަލަތަކާއި، ކުނި މެނޭޖްކުރުމުގެ މައްސަލަތަކާއި، ލޭންޑްސްކޭޕިން މައްސަލަތަކާއި، ޑަސްޓް ޕޮލިއުޝަން މައްސަލަތަކުގެ އިތުރުން ޕާކިން މައްސަލަތަކާއި ލިފްޓްގެ މައްސަލަތަކާއި ލައިޓިން މައްސަލަތައް ވެސް ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މި ކަންބޮޑުވުމަށް ފަހު 'ސަން'އަށް ދިން އިންޓަވިއުއެއްގައި ޒާޔާ ވިދާޅުވީ، އެ ފުލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ފުލެޓުތަކުގައި އެމީހުންނަށް ރަޖިސްޓްރީ ނުވެވޭތީ އެ މައްސަލަ ކަމަށެވެ. މީގެ އިތުރުން ކުރީ ސަރުކާރުން ހަދާފައިވާ އެގްރިމަންޓުގައި އޮތް ކުއްޔަށް ބަދަލުކުރުމަށް ރައްޔިތުން އެދެމުންދާތީ އެކަން ވެސް ޒާޔާ ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިނީ ބަހުގެ ޚިދުމަތް ތައާރަފްވެ، އެކަން ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދަން އެބަޖެހޭ. ހަމަ އެހެންމެ ފަރުކޮޅުފުށްޓާ ދިމާލުގައި އެހެރަ ފުލެޓުތަކާ ދިމާލުގައި މެއިން ބަސް ސްޓޮޕެއް ގާއިމްވެފައި ހުންނަން އެބަޖެހޭ. މިއީ ހަމަ އެއް ދުވަހުން ވެސް ސަރުކާރަށް ކޮށްދެވޭނެ ކަންކަން، ހުޅުމާލޭ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)

ޒާޔާ ވަނީ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ރައްޔިތުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވައިލައްވާފައެވެ. ޒާޔާ މީގެ ކުރިން ވެސް ވަނީ އެފްޑީސީގެ ފުލެޓްތަކަށް އަދިވެސް ކޭބަލްގެ ޚިދުމަތް ނުލިބޭކަމަށާއި، މިއީ މި ސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ޖެއްސުމެއްކަމަށް ވިދާޅުވެފައެވެ.

https://sun.mv/220292

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 4،000 ފުލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އެހާ ހިސާބުން ފެށިގެން ގިނަ ބަޔަކު ވަނީ އެ ފުލެޓުތަކަށް ބަދަލުވާން ފަށައިފައެވެ.

comment ކޮމެންޓް