ކުންފުނިތައް އިސްލާހުކުރަންޖެހޭ، އެކަމަކު މި ގޮތް އެންމެ ރަނގަޅުތަ؟

ސަރުކާރުގެ ކުންފުނިތަކުގައި ސިޔާސީ ބޭނުންތަކަށް އުފައްދާފައިވާ ގިނަ ވަޒީފާތަކެއް ހުރުމުގެ ސަބަބުން، ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވެއެވެ. މިކަން ހައްލުކުރުމަށް ޕީސީބީން ވަނީ ކޮންމެ ކުންފުންޏަކުން ތެއްތިރީސް އިންސައްތަ މުވައްޒަފުން ވަކިކުރުމަށް އަންގާފައެވެ. ނަމަވެސް، ހުރިހާ ކުންފުންޏަކުން އެއް ހަމައަކުން މުވައްޒަފުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް އިގުތިޞާދީ މާހިރުން ފާހަގަކުރައްވައެވެ. އަދި ވަޒީފާއިން ވަކިކުރެވޭ މީހުންނަށް އާމްދަނީ ހޯދޭނެ އެހެން މަގުތައް ފަހިވެފައި ނެތުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

  • ޕީސީބީން ކޮންމެ ސަރުކާރު ކުންފުންޏަކުން ތެއްތިރީސް އިންސައްތަ މުވައްޒަފުން ވަކިކުރުމަށް އެންގުން.
  • ސިޔާސީ ގޮތުން ދީފައިވާ ވަޒީފާތައް ގިނަވުމުގެ ސަބަބުން ކުންފުނިތަކަށް މާލީ ބޮޑެތި ބުރަތަކެއް އުފުލަންޖެހުން.
  • އެއް ހަމައަކުން މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި، އޮޑިޓްކޮށް ހެކީގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅުމަށް ގޮވާލުން.
  • ވަޒީފާއިން ވަކިކުރެވޭ މީހުންނާއި އާއިލާތަކަށް ދިމާވެދާނެ އިގުތިޞާދީ ދަތިތަކަށް ހައްލެއް ހޯދުމުގެ މުހިންމުކަން.

ތެދެކެވެ. ސިޔާސީ ގޮތުން ކުންފުންޏަކަށް ވިޔަސް ނުވަތަ ދައުލަތުގެ އިދާރާއަކަށް ވިޔަސް ވަންނަންވާނީ ހަމަ ކޮންމެ އިރަކު ވެސް ވަޒީފާ ގެއްލިދާނެކަން ދަނެގެންނެވެ. އެކަމަކު އިދިކޮޅުގައި ފަސް އަހަރު މަގުމަތީ އުޅެއުޅެފައި، ވެރިކަން ލިބި ދެފައި ދަމައި އަރާމުކޮށްލަން "ސްލޮޓެއް" ލިބުނީމާ ދެން އެކަމެއް ހަނދާނަކު ނުހުރެއެވެ. އެއް ބަޔަކު ރަނގަޅު މުސާރާއެއް ލިބޭ ގޮތަށް، ފިންގާ ޖަހައިފައި ގެއަށްދާ ގޮތަށް، ރަށުން ފެނަކަ ވަޒީފާ ހޯދީ، އޭނާ މަހަށް ގޮސްގެން މާ ރަނގަޅު އާމްދަނީއެއް ލިބިލިބި ހުއްޓައެވެ. އަމިއްލަ ކުޑަ ވިޔަފާރި އިހަށް ދޫކޮށްލައިފައި، އެމްއޭސީއެލުން "ސްލޮޓެއް" ހޯދީ ވެސް ހަމަ "ރެސްޓެއް" ކޮށްލުމަށެވެ. މިހެން ގޮސް އެތައް ކުންފުންޏަކާއި، އެތައް މިނިސްޓްރީއެއްގައި މިފަދަ އެތައް ހާސް ސްލޮޓެއްގައި މީހުން އެބަތިއްބެވެ.

އެކަމަކު، ދައުރުގެ މެދުތެރެއިން، ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކުން ލިބުނު ބޮޑު ނާކާމިޔާބީއާއެކު ކުއްލިއަކަށް މި އެންމެންނަށް މި ކުރިމަތިވީ ވަރަށް ބޮޑު ބިރެކެވެ. ކިޔަވައިގެން ތިބި އެތައް ބައެއްގެ މަތީން ގޮސް، ހޯދި މި ވަޒީފާތައް ގެއްލިދާނެކަމުގެ ބިރެވެ. އިއްޔެ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރަވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)ން މި ނިންމީ ދައުލަތުގެ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރާށެވެ. މާނައަކީ ކޮންމެ ކުންފުންޏަކުން އެ ކުންފުނީގެ ޖުމުލަ މުވައްޒަފުންގެ ތެރެއިން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން ޖެހުނީއެވެ.

https://sun.mv/220794

މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކުރަން ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލަން ވެސް އެންގީއެވެ. މީހުން އައްޔަންކުރާ އުސޫލު މިހާރަށް ވުރެ ހަރުދަނާކޮށް އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް އިރުޝާދު ވެސް ދިނީއެވެ.

ޕީސީބީން އެންމެ ފަހުން ހާމަކުރި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ސަރުކާރުގެ އެކި ކުންފުނިތަކުގައި ޖުމުލަ 37،900 އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ. ފެންނަންހުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ. ދެ އަހަރު ކުރި، 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުންފުނީގައި ޖުމްލަ 7،045 މުވައްޒަފުން އެބަތިއްބެވެ. އެހެންވެ، އެ ކުންފުނިން އެކަނި ވެސް 2،324 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް --

ސިޔާސީ ގޮތުން ވެއްދި އެންމެން ކުންފުނިތަކުން ހުސްކުރަންޖެހޭ

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު އެކަންޏެއް ނޫނެވެ. ވޭތުވެދިޔަ ހަތް އަހަރަށް އެކަނި ބެލި ނަމަވެސް ސަރުކާރުގެ ކުންފުނިތައް، ވެރިކަމުގައި ތިއްބެވި ބޭފުޅުން ބޭނުންކުރެއްވި ތަން ފެނުނީ "ސިޔާސީ ހަރުގެ"ތަކެއް ފަދަ ތަންތަނުގެ ގޮތުގައެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ފެނަކަ، މަގު ހަދާ އާރްޑީސީ، ސްޓެލްކޯ، އެމްޓީސީސީ ފަދަ ތަންތަނަކީ މި ތުހުމަތުތަކުގެ ކުލަ އެންމެ ބޮޑަށް ޖެހިފައިވާ ކުންފުނިތަކެވެ. މި ސަރުކާރުގައި އެމްއޭސީއެލް ވެސް މި ލިސްޓަށް އިތުރުވެއްޖެއެވެ.

ކޮންމެ އިންތިޚާބަކާ ދިމާކޮށް ކުދިކުދި އާދައިގެ މަގާމުތަކަށް ވަޒީފާއަށް ހުޅުވައިލައި، ދެތިން ދުވަހުން އިންޓަވިއުތައް ނިންމައި މަގާމު ދެނީއެވެ. ނަން ހާމަނުކޮށް ވާހަކަދެއްކެވި ޕީއެންސީގެ މެންބަރަކު ވިދާޅުވި ގޮތުގައ މިދިޔަ ކައުންސިލް އިންތިޚާބުގައި އެކަނި ވެސް ބޮޑެތި ލިސްޓު ހަދައި އެޕްރޫވުކޮށް ކުންފުނިތަކަށް ފޮނުވައިފައިވެއެވެ.

ނަމަވެސް، މިއީ ސިޔާސީ ކޮޅެއްގައި ނުޖެހި، ކިޔަވައިގެން ނުކުމެ ވަޒީފާ ހޯދާ އެތައް ބަޔަކަށް ބޮޑު ބޭއިންސާފެކެވެ. އަދި، އެ ފަދަ ކުންފުނިތަކުގައި އެތައް ދުވަހެއް ވަންދެން މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނަށް ވެސް ރައްދުވާ ބޮޑު މަލާމާތެކެވެ.

މީގެ އިތުރުން، ސިޔާސީ ވައުދު ފުއްދަން ކުންފުނިތަކަށް ވައްދާ މިހާ ގިނަ އަދަދެއްގެ މީހުންނަކީ ދައުލަތުގެ އެ ކުންފުނިތަކުން އުފުލަންޖެހޭ ބޮޑު ބުރައެކެވެ. ފަންނީ ގޮތުން ރަނގަޅު އެއްވެސް ނަތީޖާއެއް ނުނެރެދެވޭ، ހަމައެކަނި ސިޔާސީ މަސައްކަތްކުރާ ބަޔަކަށް މަހު މުސާރައިގައި ބޮޑެތި އަދަދުތަކުން އިނާޔަތްތައް ދޭއިރު، ކުންފުންޏަށް އެއިންވާ ފައިދާއެއް ނޯވެއެވެ.

އެހެންކަމުން މިފަދަ ސިޔާސީ ސްލޮޓުތަކުގައި ކުންފުނިތަކަށް ވެއްދި މީހުން ނެރެން ޖެހެއެވެ. ކުންފުނިތަކަށް ނުކަތާވަރަށް މި އޮތް ނިޒާމު، ހަރުދަނާކޮށް ވަރުގަދަ ކުރަންޖެހެއެވެ. އަވަހަށް ނަތީޖާ ނެރެދެވޭ ގާބިލު މޮޅެތި މީހުން އައްޔަންކޮށް އެ މީހުންގެ ލަފާގެ މަތިން މަސައްކަތްތައް ބައްޓަންކުރަންޖެހެއެވެ.

މި އެންމެން ކަނޑައިލެވިދާނެ، އެކަމު މި މީހުންނަށް ދެން އޮތީ ކޮން ގޮތެއް؟

ގައުމެއްގެ އިގުތިޞާދު ހިންގުމުގެ މައި ހަކަތައަކީ އެއްގޮތަކަށް ވެސް ސަރުކާރުގެ މުއައްސަސާތަކާއި، އާންމު ޚިދުމަތްތަކަށް ޚާއްސަކޮށްފައި ހުންނަ ސަރުކާރުގެ ކުންފުނިތަކެއް ނޫނެވެ. އެއީ ޕްރައިވެޓް ސެކްޓާއެވެ. އަމިއްލަ ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކެވެ. ވާދަވެރި މާހައުލުގައި ހިންގާ މި އަމިއްލަ ވިޔަފާރިތަކަކީ ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްދީ، އާންމުންގެ ޖީބުތައް ތަނަވަސްކޮށްދޭ އެންމެ މުހިންމު އިގްތިޞާދީ ތަނބެވެ.

އެކަމަކު، މިއަދު ރާއްޖޭގެ ހާލަތަށް ބަލާއިރު، ވޭތުވެދިޔަ ސަރުކާރުތަކާއި، މި ސަރުކާރުން ވެސް ސިޔާސީ ބޭނުމުގައި އެކި ތަންތަނުން ވަޒީފާތައް ބަހައިލުމުގެ ގޯސް ނަތީޖާއާ މިއަދު މިވަނީ ކުރިމަތިލާން ޖެހިފައެވެ. ރަށްރަށުގައި މަހަށްދާނެ ބަޔަކު ނެތެވެ. ދަނޑުވެރިކަން ކުރާނެ ބަޔަކު ނެތެވެ. ހެދުން ފެހުންފަދަ އަމިއްލަ ކުދިކުދި މަސައްކަތްތައް ކޮށް، ރަށު އިގުތިޞާދު ހިންގާނެ ބަޔަކު ނެތެވެ. އެ އެންމެން ތިބޭ ސަރުކާރުން ދޭ މުސާރައިގައި ފެނަކައިގައެވެ. ނަތީޖާއަކީ ކުރިން ހިނގަމުން އައި އަމިއްލަ މަސައްކަތްތައް ވެސް މިއަދު ގެއްލެމުން ދިއުމެވެ. އިގްތިޞާދީ ހަކަތައެއް އުފެދޭހާ ވާދަވެރި މާހައުލެއް ވެސް ނެތުމެވެ.

ޑިސެންބަރު 17، 2020: ވެލާނާ އެއާޕޯޓުގައި ފަތުރުވެރިންތަކަކަށް ޚިދުމަތް ދެނީ - ސަން ފޮޠޯ/ ފަޔާޒު މޫސާ

އެހެންކަމަށްވާނަމަ މި މީހުންނަށް އޮތީ ވަރަށް ހިތްދަތި، ދަތި މަގެކެވެ. އަލުންބަލުން މަސައްކަތްތަކަށް އެނބުރި ދާންޖެހުނީއެވެ. އަމިއްލަ ވިޔަފާރީތަކަށް ބަލައިނަމަ ރާއްޖޭގެ އަމިއްލަ ވިޔަފާރީގެ ބާޒާރުގައި އެ ވަރަށް ވަޒީފާ އެބަހުރިތޯ އެއީ ސުވާލެކެވެ.

އަމިއްލަ މީހުން ކުރަމުން އައި ބައެއް މަސައްކަތްތައް ކަމަށްވާ، ޓެކްސީ ޚިދުމަތް ފަދަ ކަންކަމުގެ ތެރެއަށް ސަރުކާރުން ވަނުމުން އެފަދަ ކަންކަމުން އާމްދަނީއެއް ހޯދަން އޮންނަ ފުރުސަތު ވެސް ހަނިވާނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ކުންފުނިތަކުން މި ކަނޑައި ހުސްކުރާ އެންމެނާއި، އެ މީހުންނާ ގުޅިފައިވާ އެ މީހުން ބަލަހައްޓަމުން އަންނަ އާއިލާތަކަށް ވާނެ ގޮތެއް އެއީ ބޮޑު ސުވާލެކެވެ.

ބްލޭންކެޓް 33 ޕަސެންޓެއް، މިއީ ރަނގަޅު ގޮތެއްތަ؟

މެދުއިރުމަތީގެ މަސްރަހުގައި ހިނގަމުން އަންނަ، ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ކުރިމަތިވި އިގުތިޞާދީ ދަތިކަން ރާއްޖެ ވެސް ދުލެއް ނުކުރެއެވެ. ހުރިހާ އެއްޗެއް އިމްޕޯޓުކުރާ މި ރާއްޖެއަށް، އެންމެ އަސާސީ ތަކެތި ގަންނަން ވެސް ކުރަންޖެހޭ ހޭދަ ބޮޑުވެއްޖެއެވެ. ދައުލަތަށް ބަލައިނަމަ، ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު ނާކާމިޔާބާއި، އިގްތިޞާދީ ގޮތުން މި އެރި ލޮޅުމާއެކު ކޮންމެހެން ވެސް އެންމެ ބޮޑެތި ހޭދަތައް ކުރަންޖެހޭ ދާއިރާތަކަށް "ހެޔޮ ބަދަލުތަކެއް" ގެންނަން މަޖުބޫރުވެއްޖެއެވެ.

ނަމަވެސް، ދައުލަތުގެ ހުރިހާ ކުންފުންޏަކުން ބްލޭންކެޓްކޮށް 33 ޕަސެންޓު މުވައްޒަފުން ކަނޑައިލުމަކީ އިންސާފުވެރި ނިންމުމެއްތޯ އެއީ ބަހުސެކެވެ.

"ބައެއް ކުންފުނިތަކަކީ އޭގެ ޒާތުގައި މަސައްކަތް ގިނަ ކުންފުނިތައް. މިސާލަކަށް އާރްޑީސީ ކަހަލަ ކުންފުންޏަކުން ކަނޑާ ވަރަށް ސްޓެލްކޯއިން ކަނޑަންޖެހެންޏާ އެއީ އެންމެ ފެއާ ގޮތެއް ނޫން. އެ ކުންފުންޏަކުން ކުރާ މަސައްކަތަކާއި، ޚިދުމަތްދޭންޖެހޭ މިންވަރަށް ބަލައިގެން އެކަން ކުރަންވާނީ،" އިގްތިޞާދީ ކަންކަން ދިރާސާކުރައްވައި ބޭފުޅަކު ވިދާޅުވިއެވެ.

މީގެ އިތުރުން، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވި ގޮތުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން އެއް ހަމައަކުން ވަކިކުރުމަށް ނިންމާފައިވާ ނިންމުމަކީ ގޯސް ނިންމުމެކެވެ.

އަމްރު ވިދާޅުވީ ބައެއް ކުންފުނިތަކުގައި ބޭނުންވާ ވަރަށް ވުރެ މާ ގިނައިން މުވައްޒަފުން އެބަތިބި ކަމަށާއި، ނަމަވެސް އަނެއްބައި ކުންފުނިތަކަކީ އެ ކުންފުނިތަކުގެ އޮޕަރޭޝަނަށް ބަލާއިރު މުވައްޒަފުން ވަރަށް މުހިންމު ކުންފުނިތަކެއް ކަމަށެވެ. އެހެންކަމުން، ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ ވަކިވަކި ކުންފުނިތަކަށް އަމާޒުކޮށް، ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނިތައް ހަރުދަނާކޮށް ރީސްޓްރަކްޗާ ކުރުމުގައި ސަރުކާރުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އަމްރު ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ވޯކްފޯސް އޮޑިޓް ހެދުން: ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދާއި އެ މީހުން ކުރާ މަސައްކަތް ދެނެގަތުމަށް އޮޑިޓެއް ހެދުން.
  • ޕްރޮސެސް އޮޑިޓާއި ބެންޗްމާކްތައް ކަނޑައެޅުން: ކުންފުނީގެ މަސައްކަތްތައް ހިނގާ ގޮތާއި އޭގެ ފެންވަރު ވަޒަންކުރާނެ މިންގަނޑުތަކެއް ކަނޑައެޅުން.
  • ގަވަނަންސް ރިފޯމް: ކުންފުނިތައް ހިންގުމުގެ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުން.
  • ސާފު މެންޑޭޓެއް އޮތުން: ކޮންމެ ކުންފުންޏަކީވެސް ކުރަންޖެހޭ މަސައްކަތާއި މަސްއޫލިއްޔަތު ސާފުކޮށް އެނގެން އޮންނަ ތަނަކަށް ހެދުން.

އިސްލާހީ ބަދަލުތައް ވަރަށް މުހިންމެވެ. ޔަގީނުން ވެސް ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރަންޖެހެއެވެ. ސިޔާސީ ބޮޑު ބުރައެއް ޖައްސައި ހަލާކަށް ދޫކޮށްފައިވާ މި ކުންފުނިތައް އަލުން ރަނގަޅުކޮށްގެން ނޫނީ ދައުލަތަށް އޮތް ބުރަ ވެސް ކުޑަ ނުވާނެއެވެ. އަދި އަމިއްލަ ވިޔަފާރީގެ ސިނާއަތް ވެސް ރާއްޖޭގައި ކުރިނާރާނެއެވެ. ނަމަވެސް މި އިސްލާހީ ބަދަލުތައް ގެންނައިރު، ކަނޑައިލާ މުވައްޒަފުންނަށް ވެސް ގޮތެއް އޮންނާން ވާނެއެވެ.

comment ކޮމެންޓް