އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ނޯތު ރީޖަން ލީގުގެ ރަންތާޖު ހއ. ދިއްދޫއިން ކާމިޔާބުވީ މުޅި ދިއްދޫގެ ރައްޔިތުން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އެ ޓީމުގެ ހެޑް ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) ބުނެފިއެވެ.
ކޯޗު ފާހަގަކުރި ގޮތުގައި މި ތާރީޚީ ކާމިޔާބީގެ ހަގީގީ ސިއްރަކީ ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި އޭނާ ދެއްކި މަގަށް، ދިއްދޫގެ އެންމެހާ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ހިންގުންތެރިންގެ އިތުރުން ލޮބުވެތި ރައްޔިތުން ބަލައިގަތް ބަލައިގަތުމެވެ.
އޭނާއަށް މުޅި ރަށުން ކުރެއްވި އިތުބާރާއި، ދެއްވި އިހްތިރާމްގެ އިތުރުން ވެވަޑައިގެންނެވި ބޮޑު ލޯތްބަކީ މި ކާމިޔާބީގެ ބިންގަލެވެ.
"މިއީ ދިއްދޫގެ ލޮބުވެތި ރައްޔިތުން އެކުގައި ގުޅިގެން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ. މިއަދު ދިއްދޫ އަކީ މާލެއިން އުތުރުގެ ފުޓްބޯޅައިގެ ޗެމްޕިއަނުން،" އުފާވެރި މެސެޖުގައި ކޯޗު ބުނެފައިވެއެވެ.

ދިއްދޫގެ ކޯޗު މޫސާ އާއެކު ޓީމުގެ އޮފިޝަލުން--
މި މަސައްކަތުގެ އެންމެހާ ހިއްސާދާރުންނަށް ޝުކުރު އަދާކުރަމުން ކޯޗު ވަނީ އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ދިއްދޫގެ އެންމެހާ އާއިލާތަކަށާއި، އަމިއްލަ މައިންބަފައިންނާއި، އާއިލާއާއި، އެކުވެރިންނާއި، ލޮބުވެތި އަނބިކަނބަލުންގެ އިތުރުން އެންމެހާ ސަޕޯޓަރުންނަށް ވަރަށް ބޮޑު ލޯތްބާއި އިހްތިރާމާއެކު ޝުކުރު ދަންނަވާފައެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްދާ ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ދިއްދޫއިން ކަށަވަރުކުރީ ހަނިމާދޫއާ ވާދަކޮށް ކުޅުނު ފޯރިގަދަ މެޗު 1-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ލީގުގައި އެ ޓީމަށް ބާކީ އަދި އެއް މެޗު އޮއްވައި ތާޖު ކަށަވަރުވިއިރު، ދިއްދޫއިން ވަނީ މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 15 ޕޮއިންޓް ހޯދާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ހަނިމާދޫ އަދި ތިންވަނައިގައި އޮތް އޭދަފުށްޓަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ލީގުގައި ދިއްދޫއިން 11 ގޯލު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ 3 ގޯލެވެ.
މެޗަށް ދިއްދޫ ނުކުތްއިރު އެއްވަރުކޮށްލައިގެންވެސް ލީގު ލިބެން އޮތް ނަމަވެސް، މެޗުގެ ދެވަނަ މިނެޓުގައި ހަނިމާދޫއިން ލަނޑެއް ޖަހައި ލީޑު ނެގުމުން ދިއްދޫއަށް ޕްރެޝަރު ބޮޑުވިއެވެ. ފުރަތަމަ ހާފު ހަނިމާދޫ ކުރީގައި އޮވެގެން ނިންމާލި ނަމަވެސް، ފަހު ހާފުގައި ކޯޗުގެ އިރުޝާދާއެކު ދިއްދޫއިން ކުޅުން ވަރުގަދަކޮށް، ފުލުފުލުން ޖެހި ދެ ގޯލާއެކު މެޗުން މޮޅުވެ، މުޅި ރަށަށް ބޮޑު އުފާވެރިކަމެއް ގެނެސްދިނެވެ.
މި ތާރީޚީ ކާމިޔާބީއާއެކު ދިއްދޫއަށް މިވަނީ އަންނަ މަހު މާލޭގައި އޮންނަ "ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން" ބުރުން ޖާގައެއް ކަށަވަރުވެފައެވެ.
މި ބުރުގައި ވާދަކުރާނީ މާލޭ ރީޖަން ލީގުގެ ޗެމްޕިއަނުންނާއި، ރާއްޖޭގެ ތިން ސަރަހައްދެއްގެ ރީޖަން ލީގު ޗެމްޕިއަނުންގެ އިތުރުން، މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ ހޯދި ޓީސީ އަދި އަށްވަނަ ހޯދި ކްލަބު ގްރީން ސްޓްރީޓްސްއެވެ. މި ހަ ޓީމުގެ ތެރެއިން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ އެންމެ މޮޅު ހަތަރު ޓީމެވެ.