މީރާ ނައިރްގެ އާ ފިލްމުގެ ޓީމާ ޖައިދީޕް ވެސް ގުޅިއްޖެ

އެކްޓަރު ޖައިދީޕް އަހްލަވާތު އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ރެޑިފް

މި ފިލްމަކީ އިންޑިއާގެ ޒަމާނީ ފަންނުވެރިކަމުގެ ބާނީ ކަމުގައިވާ އަމްރިތާ ޝޭރްގިލްގެ ހަޔާތާއި މަސައްކަތްތަކަށް އަލިއަޅުވާލައިގެން އުފައްދާ ފިލްމެކެވެ. އަމްރިތާގެ ތަފާތު އަދި ހިތްވަރުގަދަ ފަންނުވެރިކަމަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ އަގުބޮޑު މަސައްކަތްތަކެކެވެ. ޑައިރެކްޓަރު މީރާ ނައިރް ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ފިލްމީ ހަޔާތުގައި އުފެއްދި ކޮންމެ ފިލްމަކަށް ވެސް އަމްރިތާގެ ކުރެހުންތަކުން އިންސްޕިރޭޝަން ލިބިފައިވެއެވެ. މި ފިލްމުގައި އަމްރިތާގެ ރޯލުން އަންޖަލީ ސިވަރަމަން ފެނިގެންދާއިރު، އޭނާގެ ބައްޕަގެ ރޯލު ކުޅޭނީ ޖައިދީޕް އަހްލާވަތުއެވެ. މީގެ އިތުރުން، ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ޕްރިޔަންކާ ޗޯޕްރާ ހަރަކާތްތެރިވާއިރު، އޭނާ ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. ވިހިވަނަ ގަރުނުގެ ކުރީކޮޅު ޔޫރަޕާއި އިންޑިއާގައި ހިނގާދިޔަ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ ޝޫޓިން މިހާރު ދަނީ އިންޑިއާ އަދި ހަންގޭރީގައި ކުރިއަށެވެ. މިއީ މީރާ ނައިރްގެ ކާމިޔާބު އުފެއްދުން "އަ ސޫޓަބްލް ބޯއި" އަށް ފަހު ބެލުންތެރިންނަށް ގެނެސްދޭ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.

  • ފިލްމު "އަމްރީ" އަކީ އިންޑިއާގެ މަޝްހޫރު ފަންނުވެރިޔާ އަމްރިތާ ޝޭރްގިލްގެ ހަޔާތުގެ މައްޗަށް މީރާ ނައިރް ޑައިރެކްޓުކުރާ އާ ފިލްމެކެވެ.
  • އެކްޓަރު ޖައިދީޕް އަހްލާވަތު ފެނިގެންދާނީ އަމްރިތާގެ ބައްޕަ، އުމްރާއޯ ސިންގް ޝޭރްގިލްގެ ރޯލުންނެވެ.
  • މި ފިލްމުގެ ކާސްޓުގައި ޕްރިޔަންކާ ޗޯޕްރާ، އެމިލީ ވަޓްސަން، އަދި ޖިމް ސަރްބް ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ.
  • ފިލްމުގެ އުފެއްދުމުގެ މަސައްކަތް އިންޑިއާ އަދި ހަންގޭރީގައި ކުރިއަށްދާއިރު، ޕްރިޔަންކާ ޗޯޕްރާ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާނެއެވެ.
  • ބެލުންތެރިންނަށް މި ފިލްމު ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

މަޝްހޫރު ޑައިރެކްޓަރު މީރާ ނައިރް ދާދިފަހުން އިއުލާނުކުރި އޭނާގެ އާ ފިލްމު "އަމްރީ"ގެ ކާސްޓަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ސޮއިކުރިކަން އިއުލާނު ކުރިތާ މާގިނަ ދުވަސްތަކެއް ނުވެ އެކްޓަރު ޖައިދީޕް އަހްލާވަތު ވެސް އެ ފިލްމުގެ ކާސްޓާ ގުޅިފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމު "އަމްރީ" ބިނާވެފައި ވަނީ އިންޑިއާގެ ޒަމާނީ ފަންނުވެރިކަމުގެ ބާނީ، އަމްރިތާ ޝޭރްގިލްގެ ހަޔާތާއި އޭނާގެ މަސައްކަތްތަކުގެ މައްޗަށެވެ. އަމްރިތާގެ ހިތްވަރުގަދަ އަދި ތަފާތު ފަންނުވެރިކަމުގެ ސަބަބުން އޭނާ ދިރިހުރި ދުވަސްވަރު އެ ދާއިރާގައި ބޮޑު ގުޑުމެއް އުފެދުނު އިރު، މިއަދު އޭނާއަކީ މުޅި ދުނިޔޭގެ ފަންނުވެރިކަމުގެ ދާއިރާގައި ނުހަނު ގަދަރުވެރި އަދި އަގުބޮޑު ނަމެކެވެ.

"ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އަހަރެން އުފެއްދި ކޮންމެ ފިލްމަކީ ވެސް އަމްރިތާ ޝޭރްގިލްގެ ކުރެހުންތަކުން އިންސްޕިރޭޝަން ލިބިގެން އުފެއްދި ފިލްމެއް. ކަންކަމަށް ބަލަންވީ ގޮތް އަހަރެން ދަސްކުރީ އޭނާގެ ފަރާތުން" މި ފިލްމާ ގުޅޭގޮތުން މީރާ ނައިރް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފިލްމު "އަމްރީ"ގެ ޑައިރެކްޓަރު މީރާ ނައިރު އަދި އަމްރިތާ ޝޭރްގިލްގެ ރޯލް ކުޅޭ ބަތަލާ އަންޖަލީ ސިވަރަމަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ފިލްމުގައި އަމްރިތާ ޝޭރްގިލްގެ ރޯލުން ފެންނާނީ އަންޖަލީ ސިވަރަމަންއެވެ. މީގެ އިތުރުން އޭނާގެ މަންމަ މާރީ-އެންޓޮއިނެޓް ގޮޓެސްމަންގެ ރޯލުން އެމިލީ ވަޓްސަން، ބައްޕަ އުމްރާއޯ ސިންގް ޝޭރްގިލްގެ ރޯލުން ޖައިދީޕް އަހްލާވަތު، ވިކްޓާ އީގަންގެ ރޯލުން ކްރިސްޓިއަން ސަކްވާރީ، އިންދިރާ ޝޭރްގިލްގެ ރޯލުން އަންޖަނާ ވަސަން، ކާލް ހަންޑަލަވަލާގެ ރޯލުން ޖިމް ސަރްބް އަދި މެޑަމް އަޒޫރީގެ ރޯލުން ޕްރިޔަންކާ ޗޯޕްޅާ ފެންނާނެއެވެ.

ވިހިވަނަ ގަރުނުގެ ކުރީކޮޅު ހަންގޭރީ، ފްރާންސް އަދި އިންޑިއާގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ފެންނާނީ، އަމްރިތާގެ ފަންނުވެރި ހިޔާލުތަކާއި ތަސައްވުރު ބައްޓަންކުރުމުގައި ޔޫރަޕާއި އިންޑިއާގެ މާހައުލުން ކުރި އަސަރުތަކެވެ.

މިހާރު މި ފިލްމުގެ އުފެއްދުމުގެ މަސައްކަތް އިންޑިއާ އާއި ހަންގޭރީގައި ކުރިއަށްދާއިރު ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް މަސައްކަތްކުރާނެއެވެ.

ބޮޑު މަގުބޫލުކަމެއް ހޯދި "އަ ސޫޓަބްލް ބޯއި" ޑައިރެކްޓްކޮށް ގެނެސްދިން މީރާ ނައިރްގެ އާ ފިލްމު "އަމްރީ" ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

comment ކޮމެންޓް