މިއަދު ޑައިވަރުން އެހާ ފުނަކަށް ނުފީނާނެ، އޮޕަރޭޝަންގައި ދެން އިސްކޮށް އުޅޭނީ ފިންލޭންޑުގެ ޑައިވަރުން: ތަރުޖަމާން

ބަޔަކު ކަނޑުއަޑީގައި: މުންދު ވިދާޅުވީ މިއަދު ޑައިވަރުން އެހާ ފުނަށް ނުފީނާނެ ކަމަށް -- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ވިއަ އަތޮޅު ކައިރިއަށް ޑައިވްކުރަން ގޮސް އުޅެނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ. ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، ދެން ތިބި މީހުން ހޯދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑައިލަން ޖެހުނީ ހަރަކާތްތެރިވި ދިވެހި ސިފައިންގެ ޑައިވަރަކު ސިއްޙީ މައްސަލައެއް ދިމާވެ ނިޔާވުމާ ގުޅިގެންނެވެ. މޫސުން ގޯސްވެ އޮއިބާރުވުމުގެ ސަބަބުން، މިއަދު ޑައިވަރުން މާ ފުނަށް ނުފީނާނެއެވެ. އޭގެ ބަދަލުގައި މިއަދު ކުރިއަށްދާނީ ހަމައެކަނި ސަރަހައްދަށް ފަރިތަވުމުގެ ޑައިވްތަކަކާއި، ކަނޑުއަޑިއަށް ފޮނުވާ ޚާއްޞަ އުޅަނދުތައް ބޭނުންކޮށްގެން ސަރަހައްދު ދިރާސާކުރުމާއި ޗާޓުކުރުމުގެ މަސައްކަތެވެ.

  • ފިންލޭންޑުގެ ތިން ތަޖުރިބާކާރަކު އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވުމަށް ވަނީ ރާއްޖެ އައިސްފައި.
  • ސިފައިންނާއި، ފުލުހުން އަދި އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް އެހީތެރިވާނެ.
  • ކަނޑުއަޑިއަށް ފޮނުވާ ޚާއްޞަ އުޅަނދުތައް ބޭނުންކޮށްގެން ސަރަހައްދު ދިރާސާކުރުމާއި ޗާޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް.
  • މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ފުނަށް ނުފީނައި، ކުރިއަށް ގެންދާނީ ހަމައެކަނި ސަރަހައްދަށް ފަރިތަވުމުގެ ޑައިވްތައް.
  • ދިވެހި ސިފައިންގެ ޑައިވަރަކު ނިޔާވުމާ ގުޅިގެން މެދުކަނޑައިލި މި އޮޕަރޭޝަންގައި ހޯދަމުންދަނީ ގެއްލިފައިވާ ހަތަރު ފަތުރުވެރިން.

ގެއްލިގެން އުޅޭ އިޓަލީގެ ފަތުރުވެރިން ހޯދުމަށް, މިއަދު ޑައިވަރުން އެހާ ފުނަށް ނުފީނާނެ ކަމަށާއި، ޑައިވަރުން މިއަދު އުޅޭނީ އޮރިއެންޓޭޝަން ޑައިވްތަކެއްގައި ފަރިތަވެލަން ކަމަށް، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅު ކައިރިއަށް ޑައިވްކުރުމަށް ގޮސް އުޅެނިކޮށް، އިޓަލީވިލާތަށް ނިސްބަތްވާ ފަސް ފަތުރުވެރިއަކު ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އޭގެ ތެރެއިން އެކަކު ފެނުނީ މަރުވެފައި އޮއްވައެވެ. ދެން ތިބި ފަތުރުވެރިން ހޯދުމުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސް، ވަނީ ވަގުތީގޮތުން މަޑުޖައްސައިލައިފައެވެ.

އެ މަސައްކަތް މަޑުޖައްސައިލައިފައިވަނީ، އެމްއެންޑީއެފްގެ އޮޕަރޭޝަންގެ ތެރެއިން ޑައިވަރަކު މަރުވުމާ ގުޅިގެންނެވެ. ޑައިވް ކުރަނިކޮށް ދިމާވި ސިއްހީ މައްސަލައެއްގައި މަރުވީ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީއެވެ.

އެހެންކަމުން އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި، އިޓަލީވިލާތުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަކަށް ފިންލޭންޑުގެ ތިން ޓެކްނިކަލް ތަޖުރިބާކާރަކު ވަނީ، އިއްޔެ ރާއްޖެ އައިސްފައެވެ.

https://sun.mv/222095

މުންދު 'ސަން'އަށް މިއަދު ވިދާޅުވީ، އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމުގެ މަސައްކަތުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ ފިންލޭންޑުގެ އެ ތަޖުރިބާކާރުން ކަމަށާއި، ދިވެހި ސިފައިންނާއި ފުލުހުންގެ ޑައިވަރުން އެ ތިން ޑައިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި އޭގެ އިތުރުން ދިވެހި ދެ ކުންފުންޏެއްގެ ޑައިވަރުންގެ އެހީތެރިކަންވެސް ލިބޭނެ ކަމަށާއި، އެގޮތުން އެ މީހުން ކުރާނީ ކަނޑު އަޑިއަށް ފޮނުވާ އުޅަނދު، ނުވަތަ އާރުއޯވީ ފޮނުވައިގެން ދިރާސާކުރުމުގެ މަސައްކަތް ކަމަށް، މުންދު ވިދާޅުވިއެވެ.

"އެހެންވީމާ މިހާރު ސަވައިލަންސް އަދި މެޕިން މަސައްކަތްތައް އެބަ ކުރޭ،" އޭނާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި، ކަނޑުވެސް ގަދަ ދުވަސްވަރަކަށް ވާތީ، އޮއިވެސް ބާރެވެ. އެކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، ޑައިވަރުން މިއަދު އެހާ ފުނަށް ނުފީނާނެ ކަމަށާއި، ޑައިވަރުން މިއަދު ދިޔައީ އެ ސަރަހައްދަށް ފަރިތަވެލަން ކަމަށެވެ.

comment ކޮމެންޓް