އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން ޓްރަމްޕް ތައްޔާރުވަނީ

އެމެރިކާއިން ހުށަހަޅާ ހަރުކަށި ޝަރުތުތަކަށް އީރާނުން ދެކޮޅުހެދުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގޮތްހުސްވެ، އީރާނާ ދެކޮޅަށް އަލުން އަސްކަރީ ހަމަލާތައް ފެށުމަށް ވިސްނަވަން ފައްޓަވާފައެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުން އެއްކޮށް އަމާންދީ، އެގައުމުގެ ނިއުކްލިޔަރ މަރުކަޒުތައް ރޫޅާލައި، ނިއުކްލިޔަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަށެވެ. ނަމަވެސް، މިއީ އެއްވެސް ހާލަތެއްގައި އީރާނުން ގަބޫލުކުރާނެ ކަމެއް ނޫންކަން އެގައުމުން ވަނީ ހާމަކޮށްފައެވެ. ޓްރަމްޕްގެ މި ނިންމެވުންތަކުގެ ފަހަތުގައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ޒަޔަނިސްޓް ލޮބީގެ ވަރުގަދަ ނުފޫޒާއި ޕްރެޝަރެވެ. އަދި އީރާނަށް ދޫދިނުމަކީ ސްޓްރެޓީޖިކް ގޮތުން އެމެރިކާ ބަލިވުންކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ. އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާނު ފާހަގަކުރައްވާ ގޮތުގައި، މަސްލަހަތު ގާއިމުކުރުމަށްޓަކައި އީރާނުން ވަނީ ދެވެން އޮތް ހުރިހާ ދޫތަކެއް ދީފައެވެ. މީގެ ތެރޭގައި ޔޫރޭނިއަމް ފައްކާކުރުން ފަސް އިންސައްތައަށްވުރެ ދަށްކުރުމާއި، އެ މަސައްކަތް ފަސް އަހަރަށް މެދުކަނޑާލުމުގެ އިތުރުން، ފައްކާކޮށްފައިވާ ޔޫރޭނިއަމްގެ ބައެއް ތިންވަނަ ގައުމަކާ ހަވާލުކުރުން ހިމެނެއެވެ. އެހެންނަމަވެސް، ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ލިބިދޭ ނިއުކްލިޔަރ ހައްގުތައް ދޫކޮށްލުމަށް އެމެރިކާއަށް މަޖުބޫރު ނުކުރެވޭނެކަމަށް އީރާނުން ވަނީ ކަނޑައަޅައިފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިސް ޖެނެރަލަކު ވިދާޅުވިގޮތުގައި، އެމެރިކާއިން އަލުން ހަނގުރާމަ ފެށިނަމަވެސް، އަސްކަރީ ގޮތުން އީރާން ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާއިން އީރާނުގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދީފިނަމަ، ރައްދުގައި ގަލްފުގެ ހުރިހާ ތެޔޮ މަރުކަޒުތަކަކާއި ކަނޑުގެ އަޑީގައިވާ މުވާސަލާތީ ކޭބަލްތައް ނައްތާލާނެކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. މީގެ އިތުރުން، އިސްރާއީލަށާއި މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

  • އެމެރިކާއިން ހުށަހަޅާ ހަރުކަށި ޝަރުތުތަކަށް އީރާނުން އެއްބަސްނުވުމުގެ ސަބަބުން، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ޓްރަމްޕް ދަނީ ސީރިއަސްކޮށް ތައްޔާރުވަމުންނެވެ.
  • މަސްލަހަތު ގާއިމުކުރުމަށްޓަކައި ޔޫރޭނިއަމް ފައްކާކުރުން ފަސް އަހަރަށް މެދުކަނޑާލުން ފަދަ ގިނަ ދޫތަކެއް އީރާނުން ހުށަހެޅިނަމަވެސް، އެމެރިކާއިން ވަނީ އެކަން ގަބޫލުކުރުމަށް ދެކޮޅުހަދާފައެވެ.
  • އެމެރިކާއިން ހަމަލާދީފިނަމަ، ގަލްފުގެ ސަރަހައްދުގައިވާ ތެޔޮ މަރުކަޒުތަކާއި ކަނޑުގެ އަޑީގައިވާ މުވާސަލާތީ ކޭބަލްތައް އެއްކޮށް ނައްތާލާނެކަމުގެ ވަރުގަދަ އިންޒާރު އީރާނުން ވަނީ ދީފައެވެ.
  • ޓްރަމްޕްގެ ނިންމެވުންތަކަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވަމުންދަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ޒަޔަނިސްޓް ލޮބީން ކަމަށްވާއިރު، އީރާނަށް ދޫދިނުމަކީ އެމެރިކާ ބަލިވުންކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.
  • ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ލިބިދޭ ނިއުކްލިޔަރ ހައްގުތަކާއި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ދޫކޮށްލުމަށް އީރާނުން އެއްވެސް ހާލަތެއްގައި އެއްބަހެއް ނުވާނެއެވެ.

ވޮޝިންޓަން (18 މެއި 2026) : އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިޔުމަށް އެމެރިކާ ހުށަހަޅާ ޝަރުތުތަކަށް އީރާން އެއްބަސްނުވާތީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެތްތެރިކަން ކޮޅުންލައިގެންގޮސްފައިވާ ކަމަށާއި ޓްރަމްޕް ތައްޔާރުވަނީ އަލުން ހަނގުރާމަ ފަށަންކަމަށް ވައިޓް ހައުސްގެ މަސްދަރަކާ ހަވާލާދީ ސީއެންއެން ބުނެފިއެވެ.

ސީއެންއެން ބުނާގޮތުން ޓްރަމްޕްގެ ބިރުދެއްކުންތަކާއެކުވެސް އޭނާ ބޭނުންވާ ދޫތައް އީރާނުން ނުދޭތީ ޓްރަމްޕް ވަނީ ގޮތްހުސްވެ ހައިރާންކަމަކާއި މާޔޫސް ކަމެއްގެ ތެރޭގައެވެ. މިއާއެކު އީރާންއާ ދެކޮޅަށް އަލުން ހަމަލާތައް ފެށުން ނޫންގޮތެއްނެތްކަމަށް ޓްރަމްޕަށް މިހާރު ވަނީ ގަބޫލުކުރެވެން ފަށާފައެވެ. ނަމަވެސް ހަމަލާތައް ފަށައިގެން ކާމިޔާބަކާ ހަމައަށް ދެވިދާނެތޯ ވެސްވަނީ އެހާވަރަށް ސުވާލު އުފެދިފައެވެ.

އަލުން ހަމަލާތައް ފެށިޔަސް އަދި އެހަމަލާތަކުން އީރާނުގެ ތެލުގެ މަރުކަޒުތައް ފުނޑާލިޔަސް ޓްރަމްޕް ބޭނުންވާ ދޫތައް އީރާނުން ދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އީރާންވަނީ ޓްރަމްޕް ބޭނުންވަނީ އީރާން އަމާންދިނުންކަމަށާއި އެއީ ކޮންމެފަދަ ހާލަތެއް ކުރިމަތިވިނަމަވެސް އީރާން ނުކުރާނެ ކަމެއްކަމަށް ބުނެފައެވެ.

އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާން އިބްރާހީމް ރިޟާއީ ވިދާޅުވިގޮތުގައި އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި އީރާންވަނީ އެގައުމަށް ދެވެން އޮތް ހުރިހާ ދޫތަކެއް މިހާރު ދީފައެވެ. ދެން އިތުރަށް ދޭނެ ދުލެއްނެތެވެ. ޔޫރޭނިޔަމް ފައްކާކުރުން 5 އިންސައްތައަށް ވުރެދަށް ކުރުމަށާއި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް 5 އަހަރަށް މެދުކަނޑާލުމަށްވެސް އީރާންވަނީ އެމެރިކާއަށް ހުށަހަޅާފައެވެ. އަދި 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމް ގެ އެއްބައި އެމެރިކާއަށާއި އީރާނަށް އިތުބާރު ހިފޭ ތިންވަނަ ގައުމަކާ ހަވާލުކުރުމަށްވެސް އެމެރިކާއަށްވަނީ ހުށަހަޅާފައެވެ.

ނަމަވެސް މިކަންކަމާ ދެކޮލު ހަދައި އެމެރިކާ ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގުން އީރާން މަހުރޫމްކޮށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް އެއްކޮށް ރޫޅާލައި ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލުން ނޫން އެހެން އެއްވެސް ގޮތެއް ގަބޫލުނުކުރާނެކަން އީރާން އަށް އަންގާފައެވެ. މީގެއިތުރުން އެމެރިކާއާއި އިސްރާއީލުން އީރާނަށް އިސްވެ ހަމަލާދީ އީރާނަށް ދިން ގެއްލުންތަކުގެ ބަދަލުދިނުމަށްވެސް އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގަކީ ބައިނަލްއަގްވާމީ މުއާހަދާ އެއްކަމަށްވާ އެންޕީޓީ (ނިއުކްލިޔާ ނޮންޕްރޮލިފަރޭޝަން ޓްރިޓީ) އިން އެހެން ގައުމުތަކެކޭ އެއްގޮތަށް އީރާނަށްވެސް ލިބިދޭ ހައްގެކެވެ. އެމެރިކާ އަލުން އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށިނަމަވެސް މިހައްގު ދޫކޮށްލަން އީރާނަށް މަޖުބޫރު ނުކުރެވޭނެކަމަށް އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާން އިބްރާހީމް ރިޟާއީ ވިދާޅުވިއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އީރާން އާ ދެކޮޅަށް އަލުން ހަމަލާތައް ފެށުމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކަށް ނުފޫޒު ހިންގާ ބާރުގަދަ ޒަޔަނިސްޓް ލޮބީ އާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ޕްރެޝަރު ޓްރަމްޕަށް ކުރިމަތިވުމަކީ އަމާންދިނުން ނޫންގޮތެއް އީރާނުގެ ކިބައިން ބަލައިނުގަތުމަށް ޓްރަމްޕް އަށް މަޖުބޫރުވާ އެއްސަބަބެވެ.

އަނެއް ސަބަބަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުންފަދަ ބޮޑުކަމެއް ހާސިލް ނުވާގޮތަށް އީރާން އާއެކު އެއްބަސްވުމަކަށް އައުމަކީ އެމެރިކާ ސްޓްރެޓީޖިކް ގޮތުން ބަލިވުންކަމަށް ޓްރަމްޕް ދެކުމެވެ. ސްޓްރެޓީޖިކް ގޮތުން އެމެރިކާ ބަލިވާގޮތަށް އީރާން އާއެކު އެއްބަސްވުމަކަށް އައުމުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ ހައިބަތު ގެއްލޭނެތީ މިއީވެސް ކުރަން ޓްރަމްޕަށް ފަސޭހަ ކަމެއްނޫނެވެ. އެހެންކަމުން ޓްރަމްޕްވަނީ މިކަމުގައި ހަދާނެގޮތް ހުސްވެ މާޔޫސްވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ އިސް ޖެނެރަލެއްކަމަށްވާ މުހްސިން ރިޟާއީ ވިދާޅުވިގޮތުގައި އެމެރިކާ އަލުން އީރާން އާ ދެކޮޅަށް ހަނގުރާމަ ފެށިނަމަވެސް އަސްކަރީ ގޮތުން އީރާން ބަލިކުރުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫނެވެ.

އީރާނުގެ ތެލުގެ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލައިފިނަމަ އީރާންވަނީ ގަލްފުގައިވާ ތެލުގެ ހުރިހާ މަރުކަޒުތަކެއްވެސް ހަލާކުކޮށްލާނެކަމުގެ އިންޒާރު އެތަށް ފަހަރަކު ދީފައެވެ. އަދި އީރާންވަނީ މިހާލަތަށް ގޮސްފިނަމަ ގަލްފުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ހުރިހާ މުވާސަލާތީ ކޭބަލްތައްވެސް ބުރިކޮށްލާނެކަމަށް ބުނެފައެވެ. މީގެއިތުރުން އުދުވާން އަލުން ފަށައިފިނަމަ އިސްރާއީލަށާއި މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ކުރިން ދިން ވަރަށްވުރެ އެތަށް ގުނަ ބާރުގަދަ ހަމަލާތަކެއް މިފަހަރު ދޭނެކަމަށްވެސް އީރާން ބުނެއެވެ.

އަނެއްކޮޅުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމަކީވެސް ގަދަބާރުން އެމެރިކާއަށްވެސް އަދި އެހެންގައުމުތަކަށްވެސް ކުރެވޭނެ ކަމެއްނޫންކަން އީރާންވަނީ ހާމަކޮށްފައެވެ. އެހެންކަމުން ބައިނަލްއަގްވާމީ މުއާހަދާތަކުގައި އީރާނަށް ލިބިދޭ ނިއުކްލިޔާ ހައްގުތަކާއި އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގުތައް އީރާނަށް ލިބޭގޮތަށް އެއްބަސްވުން ނޫންގޮތެއް އެމެރިކާއަކަށް ނޯންނާނެކަމަށް އީރާން ބުނެއެވެ. މިގޮތަށް އެމެރިކާ އެއްބަސްވެއްޖެނަމަ މައްސަލަ ހައްލުކުރެވޭނެކަމަށް އީރާނުގެ މަސްއޫލުވެެރިއެއްކަމަށްވާ މުހްސިން ރިޟާއީ ވިދާޅުވިއެވެ. ޚަބަރުތައް ބުނާގޮތުން އީރާން އާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށްޓަކައި ޓްރަމްޕް ވަނީ ރޭ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ އާ ފޯނުން މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް