ޑައިވިންއަށް ގޮސް ގެއްލިގެން ހޯދަމުން އައި އިޓަލީ 4 ފަތުރުވެރިން ހޮހޮޅަ ތެރެއިން ފެނިއްޖެ

އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުނު މީހުން --

މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އިޓަލީ ސަރުކާރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު މިއަދު ވަނީ ފެނިފައެވެ. މި ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވްކުރަން ފޭބި ނުރައްކާތެރި ހޮހޮޅައިގެ ތެރެއިންނެވެ. މިހާރު މި ހަށިގަނޑުތައް ހުރި ތަން ދެނެގަނެވިފައިވީ ނަމަވެސް، ކަނޑުއަޑީގެ ހޮހޮޅައިން އެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް އަދި ނުނިމެއެވެ. އެހެންކަމުން ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަށިގަނޑުތައް ނެގުމަށް ރާވާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

  • ގެއްލުނު ފަތުރުވެރިންގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު ހޮހޮޅައެއްގެ ތެރެއިން ފެނިއްޖެއެވެ.
  • މިއީ އެމްއެންޑީއެފާއި ފުލުހުން އަދި އިޓަލީގެ ތަޖުރިބާކާރުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
  • ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވްކުރަން ފޭބި ނުރައްކާތެރި ހޮހޮޅައިގެ ތެރެއިންނެވެ.
  • ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް ކުރިއަށް އޮތް ޑައިވްތަކުގައި ކުރާނެއެވެ.

ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ޖުމްލަ ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ނުފެނި އޮތް ހަތަރު ހަށިގަނޑު މިއަދު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ. އެއީ ވ. އަލިމަތާ ކޭވްއެވެ.

މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

https://sun.mv/221996

އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.

ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިން ހަމަ އެ ކޭވްއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބާކީ ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭކަމަށް އެ ދުވަހު ބުންޏެވެ.

https://sun.mv/222081

އެއާއެކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް ދިވެހި ސިފައިންގެ ޑައިވް ޓީމުން ވަނީ އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ.

ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު އެ ނުރައްކާތެރި އޮޕަރޭޝަނުގައި ޑައިވްކުރި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވެސް މަރުވުމާއެކު، އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީއެވެ.

https://sun.mv/222150

އެއަށްފަހު މިއަދު އެ އޮޕަރޭޝަން އަލުން ފެށީ، މަހުދީގެ މަރަށްފަހު، ކަމުގެ މާހިރުންގެ އެހީ ހޯދަން ނިންމައި، ބޭރުގެ ޑައިވަރުން ރާއްޖެ އައުމާއެކުގައެވެ.

ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

https://sun.mv/222109

އޮޕަރޭޝަން އަލުން ފެށުމަށްފަހު، މިއަދު ހަތަރު މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، ހަށިގަނޑުތައް ފެނިފައިވަނީ އަލިމަތާ ހޮހޮޅައެއްގެ ތެރެއިންނެވެ.

އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވައިފައިވާކަމަށް ބުންޏެވެ.

މުޅި ދުނިޔޭގެ ސަމާލުކަން މި ހާދިސާއަށް ހުއްޓިފައިވާއިރު، މި ކަން ހިިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގަން ގިނަ ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.

comment ކޮމެންޓް