ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނުގައި ޖުމްލަ 2,304,200 (ދެ މިލިއަން ތިން ލައްކަ ހަތަރު ހާސް ދުއިސައްތަ) ސިނގިރޭޓު ސްޓިކްސް ވަނީ އަތުލައިގަނެފައެވެ. އެއީ ކޮން ގައުމަކުން ގެނައި ތަކެތިކަން ނުވަތަ މިކަމުގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ. ކަސްޓަމްސްއިން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތުން...
ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން މިހާރު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ސިއްރުން އެތެރެކުރަން އުޅެނިކޮށް ދެ މިލިއަނަށްވުރެ ގިނަ ސިނގެރޭޓް ކަސްޓަނަސް އިން ހިފަހައްޓާފައިވާއިރު، ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި, ދެ ވިޔަފާރިވެރިން ކަމަށްވާ, ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފައެވެ.