ޔޫޓިއުބްގެ 'ލައިކްނަސް ޑިޓެކްޝަން' ޓޫލް އެޑަލްޓް ކްރިއޭޓަރުންނަށް ދޫކޮށްލަނީ

މީގެ ކުރިން މި ޓޫލް ދޫކޮށްފައިވަނީ ވަކި ހާއްސަ ކްރިއޭޓަރުންނަށް ---

މި ޓޫލްގެ އެހީގައި ކްރިއޭޓަރުންގެ ސިފަ ބޭނުންކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯތައް އޮޓޮމެޓިކުން ދެނެގަނެ، އެފަދަ ކޮންޓެންޓް ރިޕޯޓުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ކުރިން ހަމައެކަނި ޚާއްޞަ ފަރާތްތަކަކަށް ދޫކޮށްފައިވާ މި ފީޗާ، ޔޫޓިއުބް ސްޓޫޑިއޯ މެދުވެރިކޮށް އެކްޓިވޭޓް ކުރުމުން އެލްގޮރިދަމްގެ ޒަރީއާއިން މުޅި ޕްލެޓްފޯމް މޮނިޓަރ ކުރާނެއެވެ. ނަމަވެސް، މިއީ ހަމައެކަނި މޫނުގެ ސިފަތައް ދެނެގަންނަ ނިޒާމަކަށް ވުމާއެކު، ހުއްދަނެތި އަޑު ބޭނުންކޮށްގެން ހަދާ ކޮންޓެންޓް ދެނެއެއް ނުގަނެވޭނެއެވެ.

  • އުމުރުން 18 އަހަރުން މަތީގެ ޝަރުތުހަމަވާ ހުރިހާ ޔޫޓިއުބް ކްރިއޭޓަރުންނަށް މި ޓޫލް ލިބޭނެއެވެ.
  • މި ނިޒާމުން ދެނެގަންނާނީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މޫނުގެ ސިފަތަކެވެ.
  • ޔޫޓިއުބް ސްޓޫޑިއޯއިން ފޭޝަލް ވެރިފިކޭޝަން ފުރިހަމަކޮށްގެން މި ފީޗާ އެކްޓިވޭޓް ކުރެވޭނެއެވެ.
  • މިއީ ކްރިއޭޓަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމަށް މި ސިނާޢަތުގައި ތަޢާރަފުކުރެވުނު ފުރަތަމަ ޓޫލްއެވެ.
  • އަޑު އެކަނި ބޭނުންކޮށްގެން ހަދާފައިވާ އޭއައި ވީޑިއޯތައް މި ޓޫލްއިން ދެނެއެއް ނުގަންނާނެއެވެ.

ޔޫޓިއުބްގެ "ލައިކްނަސް ޑިޓެކްޝަން" ޓޫލް ހުރިހާ އެޑަލްޓް ކްރިއޭޓަރުންނަށް ދޫކޮށްލަން އެކުންފުނިން ނިންމައިފިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޭކް ނުވަތަ ޑީޕްފޭކް ވީޑިއޯތައް ދެނެގަނެވޭ "ލައިކްނަސް ޑިޓެކްޝަން" ޓޫލް އާންމުކޮށް ދޫކޮށްލަން އެ ކުންފުނިން ނިންމާފައިވާއިރު، މިއީ 2024 ވަނަ އަހަރު ޔޫޓިއުބުން ފުރަތަމަ އިއުލާނުކުރި ފީޗާއެކެވެ.

https://sun.mv/221419

މީގެ ކުރިން މި ޓޫލް ދޫކޮށްފައިވަނީ ވަކި ހާއްސަ ކްރިއޭޓަރުންތަކަކަށެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ނޫސްވެރިންނަށް ވެސް ވަނީ މި ޓޫލް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި މި ޓޫލް ހުރިހާ އެޑަލްޓް ކްރިއޭޓަރުންނަށް ލިބިގެންދާނެއެވެ.

މީގެ ސަބަބުން ކްރިއޭޓަރުންގެ ސިފަ ބޭނުންކޮށްގެން ޔޫޓިއުބްގައި ދައުރުވަމުންދާ ޑީޕްފޭކް ވީޑިއޯތައް ދެނެގަނެ، އެފަދަ ވީޑިއޯތައް ރިޕޯޓްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ގޫގުލްގެ ސަޕޯޓް ޕޭޖެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޔޫޓިއުބް ޕާޓްނާ ޕްރޮގްރާމް (ވައިޕީޕީ) ގެ ދަށުން ކުރިން ހޮވާލެވުނު މަދު ބަޔަކަށާއި، މަދަނީ ލީޑަރުންނަށާއި، މީޑިއާގެ ފަރާތްތަކަށް އެކަނި ލިބެމުންދިޔަ މި ހިދުމަތް ދެން ލިބޭނީ އުމުރުން 18 އަހަރުން މަތީގެ، ޝަރުތު ހަމަވާ ހުރިހާ ކްރިއޭޓަރުންނަށެވެ.

މި ޓޫލް ލިބުމުން، ކްރިއޭޓަރުންނަށް ޑެސްކްޓޮޕުން ޔޫޓިއުބް ސްޓޫޑިއޯއަށް ވަދެ، ވާތްފަރާތު މެނޫއިން "ކޮންޓެންޓް ޑިޓެކްޝަން" ޚިޔާރުކޮށް، އޭގެ ތެރެއިން "ލައިކްނަސް" އަށް ފިއްތާލުމުން މި ފީޗާ އެކްޓިވޭޓް ކުރެވޭނެއެވެ. އެއަށްފަހު "ސްޓާޓް ނައު" އަށް ފިއްތާލުމުން ހުޅުވޭ ވަކި ޕޭޖެއް މެދުވެރިކޮށް، ކްރިއޭޓަރުގެ ސިފަ ދެނެގަތުމުގެ ހުއްދަ ޔޫޓިއުބަށް ދޭންޖެހެއެވެ. މި މަރުހަލާގައި، އެމީހެއްގެ މޫނުގެ ސިފަތައް ކަށަވަރުކުރުމަށްޓަކައި އެއްފަހަރު ކުރަންޖެހޭ ވެރިފިކޭޝަނެއް ފުރިހަމަކުރަން ޖެހެއެވެ.

މި ސެޓަޕް ފުރިހަމަކުރުމުން، ޔޫޓިއުބްގެ އެލްގޮރިދަމް ބެކްގްރައުންޑްގައި މަސައްކަތްކޮށް، އެ ކްރިއޭޓަރެއްގެ ސިފަ އޭއައި މެދުވެރިކޮށް ހަދައިގެން ޔޫޓިއުބަށް އަޕްލޯޑްކުރާ ކޮންމެ ވީޑިއޯއެއް ދެނެގަންނާނެއެވެ. އެ ޕޭޖުން އެއްވެސް ވީޑިއޯއެއް ނުފެންނަނަމަ، އޭގެ މާނައަކީ އެ ކްރިއޭޓަރެއްގެ ޑީޕްފޭކް ވީޑިއޯއެއް ޕްލެޓްފޯމަށް އަޕްލޯޑްކޮށްފައި ނެތުމެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ފީޗާއިން ދެނެގަނެވޭނީ ހަމައެކަނި ފެންނަ ފެނުމުގައި ހުންނަ ސިފަތަކެވެ. ކްރިއޭޓަރެއްގެ ހުއްދައެއް ނެތި އޭނާގެ އަޑު އެކަނި އޭއައި މެދުވެރިކޮށް ހަދައިގެން ބޭނުންކުރާ ހާލަތްތަކުގައި މި ޓޫލްއަކަށް އެކަން ދެނެއް ނުގަނެވޭނެއެވެ.

ޔޫޓިއުބުން ބުނި ގޮތުގައި މިއީ މި ސިނާއަތުގައި ތައާރަފުކުރެވުނު މިފަދަ ފުރަތަމަ ޓޫލްއެވެ. މީގެ ބޭނުމަކީ ކްރިއޭޓަރުންގެ ސިފަ އޭއައި މެދުވެރިކޮށް ބޭނުންކުރާ ގޮތް ބަލައި، އެކަން މެނޭޖްކުރުމަށް އެހީތެރިވުމެވެ.

ޔޫޓިއުބްގެ ޕްރައިވެސީ ގައިޑްލައިންތަކާ ޚިލާފަށް، ހުއްދައެއް ނެތި އުފައްދާފައިވާ ކޮންޓެންޓްތައް ނަގައިދިނުމަށް ފަސޭހައިން އެދެވޭނެ މަގު ފަހިކޮށްދީ، ކްރިއޭޓަރުންނަށް ހިތްހަމަޖެހުން ހޯދައިދިނުމަކީ ޔޫޓިއުބްގެ އަމާޒެއް ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް