ހުޅަށް ދިމާވި މައްސަލައަކުން އައިފޯން ފޯލްޑް ނެރުން ލަސްވެއްޖެ

ކުރިން މިފޯނު ނެރެން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހު ނެރޭ އައިފޯން 18 ޕްރޯއާ އެކު ---

އެޕަލްއިން ތައްޔާރުކުރަމުން އަންނަ އައިފޯން ފޯލްޑްގެ ސްކްރީން މައްސަލަތައް ހައްލުކުރެވިފައިވީ ނަމަވެސް، ފޯނުގެ ހުޅަށް ވަނީ ބޮޑެތި މައްސަލަތަކެއް ދިމާވެފައެވެ. މި ކަމުގެ ސަބަބުން ފޯނު ބާޒާރަށް ނެރުމުގެ ކުރިން ހަދަންޖެހޭ މުހިންމު ޓެސްޓުތަކަށް ހުރަސްއެޅި، މިއަހަރު ފޯނު ނެރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ޗައިނާގެ ވީބޯ މެދުވެރިކޮށް އާންމުވި މައުލޫމާތުތަކުން އެނގޭގޮތުގައި، ގިނަގިނައިން ފޯނު ހުޅުވައި ލައްޕާ ހެދުމުން ހުޅު ފެއިލްވާކަން ވަނީ ފާހަގަކުރެވިފައެވެ. އެޕަލްގެ ކޮލިޓީ މިންގަނޑުތަކަށް މި ފޯނުގެ ހުޅު ނުފެތޭތީ، މި އުފެއްދުން ބާޒާރަށް ނެރުން 2027 ވަނަ އަހަރަށް ފަސްކުރުމަށް އެ ކުންފުނިން ސަޕްލަޔަރުންނަށް އަންގާފައިވާކަމަށް ނިކޭ އޭޝިއާއިން ރިޕޯޓުކޮށްފައިވެއެވެ.

  • ފޯނުގެ ސްކްރީން މައްސަލަ ހައްލުވިނަމަވެސް، ހުޅަށް ވަނީ ބޮޑު މައްސަލައެއް ދިމާވެފައެވެ.
  • ގިނަ ފަހަރަށް ފޯނު ހުޅުވައި ލައްޕާ ހެދުމުން ފޯނުގެ ހުޅު ފެއިލްވާކަން ވަނީ ޓެސްޓުތަކުން ކަށަވަރުވެފައެވެ.
  • މި މައްސަލައިގެ ސަބަބުން އެޕަލްގެ ކޮލިޓީ މިންގަނޑަށް ފޯނު ނުފެތި، ޑިޒައިނަށް ބަދަލުގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
  • ފޯނު ނެރުން 2027 އަށް ފަސްކޮށްފައިވާކަން އެޕަލްއިން ސަޕްލަޔަރުންނަށް އަންގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލް ކުންފުނިން އުފެއްދުމަށް ތައްޔާރުވަމުން އަންނަ ފަތްޖަހާލެވޭ ފޯނު ނުވަތަ "އައިފޯން ފޯލްޑް"ގެ ސްކްރީނަށް ދިމާވި މައްސަލަތައް ހައްލުވެފައިވީ ނަމަވެސް، ފޯނު ފަތްޖަހާލަން ބޭނުންކުރާ "ހިންގް" (ހުޅު)އަށް ދިމާވި ބޮޑު މައްސަލައަކާ ހުރެ މި ފޯނު ބާޒާރަށް ނެރުން ލަސްވެދާނެ ކަމަށް އާ ރިޕޯޓުތަކުން ދައްކައިފިއެވެ.

މި މައްސަލައިގެ ސަބަބުން ކުރިއަށް އޮތް, ބާޒާރަށް ނެރުމުގެ ޓެސްޓުތަކަށް ހުރަސް އެޅި، މި އަހަރު މި ފޯނު ނެރުމަށް އެޕަލްއިން ކުރަމުންދާ އުންމީދުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.

މި ފޯނު އުފެއްދުމުގެ ކުރިން ހަދަންޖެހޭ މެނުފެކްޗަރިން ޓެސްޓުތައް ފެށިފައިވާ ކަމަށް މީގެ ކުރިން ޚަބަރުތައް ބުނެފައިވީ ނަމަވެސް، ފޯނަށް އެކި ކަހަލަ އާދަޔާޚިލާފު މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިފޯން ފޯލްޑް ނެރުން މިހާތަނަށްވެސް ލަސްވެފައިވަނީ ހުޅުގެ މައްސަލަ ހައްލު ނުވެގެން ---

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ޗައިނާގެ ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ ވީބޯގައި ލީކުތައް ތިލަކުރާ "އިންސްޓަންޓް ޑިޖިޓަލް" ވެސް ވަނީ ފޯނުގެ ހިންގްއަށް ދިމާވެފައިވާ މައްސަލަތައް ކަށަވަރުކޮށްދީފައެވެ. އޭނާ ހާމަކުރި ގޮތުގައި ފޯނު ގިނަގިނައިން ހުޅުވާ ލައްޕާ ހެދުމުން ހިންގް ފެއިލްވާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ދިމާވަނީ ސީދާ ކޮން ގޮތަކުން ކަމެއް އަދި ކިހާ ދުވަހަކުން ކަމެއް އިންސްޓަންޓް ޑިޖިޓަލްގެ ރިޕޯޓުގައި ސާފުކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެޕަލްގެ އަމާޒަކީ ދިގު މުއްދަތަކަށް އަދި ގިނަ ފަހަރުމަތިން ފޯނު ހުޅުވާ ލައްޕާ ހެދިޔަސް ކޮލިޓީ ހިފެހެއްޓުން ކަމަށްވާއިރު، މިހާރު ފެންނަމުންދާ މައްސަލަތަކުގެ ސަބަބުން މި ފޯނުގެ ހިންގް އެޕަލްގެ މިންގަނޑުތަކަށް ފެތޭގޮތް ވަނީ ނުވެފައެވެ. އަދި، މި ކަމަށް ބޮޑު ރީޑިޒައިނެއް ބޭނުންވޭތޯ ނުވަތަ މިއީ ކިހާ ސީރިއަސް މައްސަލައެއްކަން އަދި ސީދާ އެނގޭކަށް ނެތެވެ.

އާންމުކޮށް އެޕަލްއިން ސެޕްޓެންބަރު މަހު ނެރޭ އައިފޯން 18 ޕްރޯއާ އެކު މި ފޯނު ނެރުމަށް ހަމަޖެހިފައިވާ ނަމަ، މި ދުވަސްވަރު މެނުފެކްޗަރިން ޓެސްޓުތަކުން ފޯނު ފާސްވާން ޖެހެއެވެ. އެހެންކަމުން މިހާރު ދިމާވަމުންދާ ލަސްވުންތަކުގެ ސަބަބުން ފޯނު ބާޒާރަށް ނެރުން ފަސްވުމުގެ ފުރުސަތު ބޮޑެވެ.

މީގެ ކުރިން އޭޕްރީލް މަހު ނުކުތް ރިޕޯޓެއް ބުނާގޮތުން މާސް ޕްރޮޑަކްޝަން ދެ މަހަށް ލަސްކުރިޔަސް ފޯނު ނެރުމަށް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، "ނިކޭ އޭޝިއާ"އިން ބުނެފައިވަނީ އައިފޯން ފޯލްޑް ނެރުން 2027 އަށް ފަސްކުރުމަށް ސަޕްލަޔަރުންނަށް އެޕަލްއިން އަންގާފައިވާ ކަމަށެވެ.

comment ކޮމެންޓް