ޓެމިލްނާޑޫއަށް ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކުރުމަށް ކަމަލް ހަސަން އެދެފި

ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ކަމަލް ހަސަން، ޓެމިލްނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ކަމަލް ހަސަން، ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭއާ ބައްދަލުކުރައްވައި ފިލްމީ ސިނާއަތް ކުރިއެރުވުމަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވައިފިއެވެ. މި ހުށަހެޅުންތަކުގެ މައިގަނޑު މަގުސަދަކީ ފިލްމު އުފައްދާ ފަރާތްތަކާއި ސިނަމާތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ޓެމިލްނާޑޫއަކީ ފިލްމު އުފެއްދުމުގެ މައި މަރުކަޒަކަށް އަލުން ހެދުމެވެ. މި ހުށަހެޅުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޓެކްސް ކުޑަކުރުމާއި، ޕައިރަސީ ހުއްޓުވުމާއި، އަދި އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމެއް ގާއިމުކުރުން ފަދަ މުހިންމު ކަންކަމަށެވެ. މީގެ އިތުރުން ސިނަމާތަކުގެ ވިޔަފާރި ރައްކާތެރިކުރުމަށްޓަކައި އުސޫލުތަކަށް ބަދަލުގެނައުމަށްވެސް ވަނީ ގޮވާލާފައެވެ.

  • ސަރުކާރުގެ އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމެއް އުފެއްދުމާއި، ލޯކަލް ބޮޑީ އެންޓަޓެއިންމަންޓް ޓެކްސްގެ ގޮތުގައި ނަގާ 4 އިންސައްތަ އުވާލުމަށް އެދިފައިވެއެވެ.
  • ފިލްމު ޕައިރަސީ ހުއްޓުވުމަށް ފުލުހުންގެ ސައިބާ ކްރައިމްގެ ދަށުން ވަގުތުން ފިޔަވަޅު އަޅާނެ ހާއްސަ ޓީމެއް އެކުލަވާލުމަށް ވަނީ ހުށަހަޅާފައެވެ.
  • ސިނަމާތަކަށް އާމްދަނީ އިތުރުކުރުމަށް ކޮންމެ ދުވަހަކު ފިލްމެއްގެ ފަސް ޝޯ ދެއްކުމުގެ ހުއްދަ ދިނުމަށް އެދުނެވެ.
  • ފިލްމު ރިލީޒްކުރާތާ އަށް ހަފުތާ ފަހުން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ނެރެވޭ ގޮތަށް ގަވާއިދު ބަދަލުކުރުމަށް ގޮވާލިއެވެ.
  • ވަޒީފާތަކާއި ފަތުރުވެރިކަން އިތުރުކުރުމަށް ފިލްމު ޕްރޮޑަކްޝަން އިންސެންޓިވް ސްކީމެއް ތައާރަފުކުރުމަށް ހުށަހެޅިއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު ކަމަލް ހަސަން، ޓެމިލްނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭއާ ބައްދަލުކޮށް، ތަމަޅަ ފިލްމީ ސިނާއަތް ކުރިއެރުވުމަށްޓަކައި ހަ ކަމެއް ހިމެނޭ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި ޓެމިލްނާޑޫ ސަރުކާރުގެ އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމެއް އުފެއްދުން ހިމެނެއެވެ.

ކަމަލް ހަސަންގެ ސިޔާސީ ޕާޓީ، މައްކަލް ނީދީ މައިއަމް (އެމްއެންއެމް) އަކީ ޑީއެމްކޭ ކޯލިޝަނާ ގުޅިފައިވާ ޕާޓީއަކަށް ވާއިރު، އެ ޕާޓީން 2026 ވަނަ އަހަރުގެ ޓެމިލްނާޑޫ އެސެމްބްލީ އިންތިހާބުގައި ވާދަކޮށްފައެއް ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދެކުނު އިންޑިއާގެ ކުރީގެ އެކްޓަރު، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭއާ ބައްދަލުކޮށް ހުށަހެޅި ކަންތައްތަކުގެ ތަފްސީލު ކަމަލް ހަސަން ވަނީ "އެކްސް" މެދުވެރިކޮށް ހާމަކޮށްފައެވެ.

ކަމަލް ފާހަގަކުރި ގޮތުގައި، ތަމަޅަ ބެލުންތެރިންނަށް އަތްފޯރާފަދަ އަގުތަކެއްގައި ތަމަޅަ ފިލްމުތަކާއި، މިނިވަން އުފެއްދުންތައް އަދި ޑޮކިއުމެންޓަރީތައް ބަލާލެވޭނެ ސަރުކާރުގެ އަމިއްލަ ޑިޖިޓަލް ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކަމަލް ހަސަން ފިލްމު "ތަގް ލައިފް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ދެވަނަ ކަމެއްގެ ގޮތުން ކަމަލް އެދުނީ ފިލްމުތަކުން ނަގާ ލޯކަލް ބޮޑީ އެންޓަޓެއިންމަންޓް ޓެކްސް އުވާލުމަށެވެ. ފިލްމު އުފެއްދުމާއި، ބެހުމާއި، ސިނަމާތައް ހިންގުމުގެ ހަރަދުތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، މިހާރު ނަގަމުންދާ ހަތަރު އިންސައްތައިގެ ޓެކްސް އުވާލުމަކީ ފިލްމީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ދެކުނު އިންޑިއާގެ ލެޖެންޑްރީ އެކްޓަރު ފާހަގަކޮށްފައިވެއެވެ.

ފިލްމު ވަގަށް ކޮޕީކޮށްގެން ގެންގުޅޭ (ޕައިރަސީ) މައްސަލައާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުން ކަމަލް ބުނީ، މީގެ ސަބަބުން ފަންނާނުންނާއި، ޓެކްނީޝަނުން އަދި އުފެއްދުންތެރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

އެހެންކަމުން، ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓްގެ ދަށުން ވަގުތުން ފިޔަވަޅު އެޅޭނެ ހާއްސަ ޓީމެއް އުފެއްދުމަށް ކަމަލް ވަނީ އެދިފައެވެ.

މީގެ އިތުރުން، ޓެމިލްނާޑޫގެ ހުރިހާ ސިނަމާތަކެއްގައި ވެސް ކޮންމެ ފިލްމެއްގެ ފަސް ޝޯ ކޮންމެ ދުވަހަކު ދެއްކުމުގެ ހުއްދަ ދިނުމަށް ކަމަލް އެދުނެވެ. މީގެ ސަބަބުން ސިނަމާތަކަށް ލިބޭ އާމްދަނީ އިތުރުވެ، އެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް އެހީތެރިވެދޭނެ ކަމަށް ކަމަލް ވަނީ ބުނެފައެވެ.

ސިނަމާތައް ހިމާޔަތްކުރުމުގެ ގޮތުން، ފިލްމެއް ސިނަމާގައި ރިލީޒްކުރާތާ އަށް ހަފުތާ ފަހުން ނޫނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ނުލެވޭ ގޮތަށް ގަވާއިދެއް އެކުލަވާލުމަށް ވެސް ކަމަލް ވަނީ ވިޖޭޣެ ސަރުކާރުގައި އެދިފައެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން، ޓެމިލްނާޑޫ އަކީ ފިލްމު އުފެއްދުމުގެ މައި މަރުކަޒެއްގެ ގޮތުގައި ކުރިން އޮތް މަގާމު އަލުން ހޯދައިދިނުމަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފިލްމު އުފެއްދުމަށް ހިތްވަރުދޭ "ފިލްމު ޕްރޮޑަކްޝަން އިންސެންޓިވް ސްކީމް"އެއް ތައާރަފުކޮށްދިނުމަށް ވެސް ކަމަލް ހަސަން ސަރުކާރުގައި އިލްތިމާސްކޮށްފައިވެއެވެ.

ދެކުނު އިންޑިއާގައި އުފެދުނު އެންމެ މޮޅު އެކްޓަރުންގެތެރޭ ހިމެނޭ ކަމަލް އަކީ، ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ހެޔޮ ބަދަލުތަކެއް ގެންނަން އަބަދުވެސް ގޮވާ އެކަމަށް ވަކާލާތުކުރާ އެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ފަސް ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކަމަލް އެންމެފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތަގް ލައިފް"އިންނެވެ. ކަމަލްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "އިންޑިއަން 3" އަދި "ކަލްކީ"ގެ ދެވަނަ ބައިގެ އިތުރުން ރަސްމީކޮށް އިއުލާނު ނުކުރާ ދެ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް