ތޭރަ އަހަރު ކުރިން ހިނގި އެކްސިޑެންޓުގައި އިތުރު ކުއްޖަކު ހިމެނޭކަމާއި، އެ މައްސަލައިގެ ހެކިތައް ނައްތާލައި ފުލުހުންގެ ރިޕޯޓުތައް ނުފޫޒުގަދަ ބަޔަކު ބަދަލުކޮށްފައިވާކަން ގަފޫރު ހާމަކުރެއެވެ. މި ނުރައްކާތެރި ހަގީގަތްތައް ހާމަކުރަނިކޮށް، ގޮތްނޭނގޭ ބަޔަކު ގަފޫރުގެ ގެއަށް ހަމަލާދޭން އައުމުން ޔައިލް އާއި އިޒީ ވަނީ ފަހަތު ދޮރުން ފިލާފައެވެ. ސަލާމަތްވުމަށް ދިޔަ މަގުމަތީގައި، އެކްސިޑެންޓުވި އަނެއް ކުއްޖާއަކީ އައިޝާ ކަން އިޒީއަށް ހަނދާންވެ، އެ މުހިންމު މައުލޫމާތު ޔައިލްއަށް އަންގައެވެ.

  • އެކްސިޑެންޓުވި ރޭ އިތުރު އަންހެން ކުއްޖަކަށް އަނިޔާވިކަން ގަފޫރު ކަށަވަރުކޮށްދިނުން.
  • ނުފޫޒުގަދަ ބަޔަކު މައްސަލައިގެ ހެކި ނައްތާލައި، ތަހުގީގަށް ހުރަސްއަޅާފައިވާކަން ހާމަވުން.
  • ގަފޫރުގެ ގެއަށް ނުރައްކާތެރި ބަޔަކު އައުމުން، ޔައިލް އާއި އިޒީ ސިއްރުން ފިލުން.
  • އެކްސިޑެންޓުގައި އަނިޔާވި އަނެއް ކުއްޖާއަކީ އައިޝާ ކަން އިޒީގެ ހަނދާނަށް އައުން.

"އަހަންނަކަށް ނޭނގެ.. އަހަންނަށް އެނގޭ އެއްޗަކީ އެ އެކްސިޑެންޓްގަ އެ ކުއްޖާއަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު ކަން..." ގަފޫރު ކިޔައިދިނެވެ.

********

އިޒީގެ ދެފައިން ވަރު ދޫވި ވަގުތު، މުޅި ތަން އެނބުރިގަތްހެން އޭނާއަށް ހީވިއެވެ. ތޭރަ އަހަރު ކުރީގެ މާޒީއަށް އޭނާ އަނބުރާ ގެންދިޔަ ކަހަލައެވެ. ވެހެމުންދިޔަ ބޯ ވާރޭގެ އަޑާއި އެކުވެގެން އައި ތޫލި ހަޅޭކުގެ އަޑުން އިޒީގެ ކަންފަތް ބައްވިއެވެ. ވާރެއިން ތެމި ފޯވަމުންދިޔަ އިހުސާސް ކުރެވުނެވެ. ދެލޯ މަރާލައިގެން ހުރި އިޒީ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެވަގުތު ކާރެއްގެ އަލި އޭނާގެ މޫނަށް އެޅުނުހެން ހީވިއެވެ.

"އިޒީ..." ޔައިލްއަށް އިޒީގެ ގައިގައި ހިފަހައްޓައިލެވުނީ ކިރިޔާއެވެ. ޔައިލް ނުހިފެހެއްޓިނަމަ، އަރި އަޅާލައިގެން އިޒީ ވެއްޓުނީހެވެ.

އިޒީއަށް ހަމަހޭވެރިކަންވީއިރު، ޔައިލް ހުރީ އޭނާގެ ގައިގައި ހިފަހައްޓައިލައިގެންނެވެ. އޭރުވެސް އޭނާގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ.

"އައި އޭމް ފައިން.." އިޒީ އަވަހަށް ޔައިލް އާއި ދުރަށްޖެހުނެވެ. އެ ފިނި ވަގުތު ނިތްކުރިމަތިން ހިއްލާފައިވާ ދާތިކިތައް ފޮހެލިއެވެ.

ގަފޫރު ހުރީ ކަޅި ޖަހައިވެސްނުލައި އިޒީއަށް ބަލާށެވެ. ކުރިން ނުބަލާ ވަރަށް އޭނާ އިޒީގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރި ކަމާއިއެކު ބެލިއެވެ. ބެލި ވަރަކަށް ގަފޫރުގެ ހިތުގައި އުފެދުނު ޝައްކު ޔަގީނާއި ގާތްވިއެވެ. އިޒީއަކީ ހަމަ އެ އަންހެން ކުއްޖާއެވެ. އެ ސޫރަ ގަފޫރަށް އޮޅޭނީ ކިހިނަކުން ހެއްޔެވެ؟

"އެރޭ... އެރޭ، އިތުރު އަންހެންކުއްޖަކު ވެސް އެތަނުން ފެނުނު..."

ގަފޫރު ދެން ހާމަކުރީ، އޭނާ ހާމަކުރަން އެންމެ ބޭނުން ނުވާ ހަގީގަތެވެ. އެހެނަސް، އެ ކަން ކުރަން ގަފޫރަށް މަޖުބޫރު ކުރުވީ ހާލަތެވެ. އިޒީގެ މައުސޫމުކަން ފެނި، ގަފޫރުގެ ހިތް މަޑު ކަފަކޮޅަކަށް ވީއެވެ. މިއަދު އެ ވާހަކަ ނުދައްކައިފިނަމަ، ދެން އިތުރަށް އެ ވާހަކަ ނުދެއްކިދާނެއޭ އޭނާއަށް ހީވަނީއެވެ.

އިޒީ ސިހިފައި ގަފޫރުގެ މޫނަށް ބަލައިލީ ބިރެއް ފެނުމުން ބަލައިލާ ހެންނެވެ. ގަފޫރު ބަލަން ހުރީ ދަންނަ މީހަކަށް ބަލާ ފަދައިންނެވެ. އޭނާގެ ރާގުންވެސް އިޒީއަށް އެކަން ޔަގީންވިއެވެ.

"އެވެސް ސްކޫލް ކުއްޖެއް..." ގަފޫރު އިތުރު ތަފްސީލް ދިނެވެ. "އެ ކުއްޖާ، އެކުއްޖާ ވަރަށް ރުއި....."

އިޒީ މަޑުމަޑުން ފަހަތަށް ޖެހިލެވުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ހުވަފެނުން އިޒީއަށް ފެންނަ އަންހެންކުއްޖަކީ ގަފޫރު އެ ބުނާ ކުއްޖާއެވެ. އެކަމަކު، ކޮންމެ ރެއަކު ހުވަފެނުން އިޒީއަށް އެ ކުއްޖާ ފެންނަނީ ކީއްވެ ހެއްޔެވެ؟ އިޒީއަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟

"ކީއްވެ އެހެން ހެދީ؟..." އިޒީގެ ކަންފަތް ކައިރީގައި ގުގުމައިލީ ތަކުރާރުކޮށް ކޮންމެ ރެއަކު އޭނާއަށް ހުވަފެނުން ފެންނަ އަންހެންކުއްޖާ ކުރާ ސުވާލެވެ.

އިޒީގެ ދެލޯ ކަރުނުން ފުރި ބަންޑުންވާން ފެށިއެވެ. އެ ހުރިހާ ދުވަހު އިޒީ ހީކުރީ، ގެއްލުން ލިބުނީ ހަމައެކަނި އޭނާއަށް ކަމަށެވެ. އެހެނަސް، ކަން ހިނގީ އެމަގުން ނޫނެވެ. މިއަދު އިޒީއަށް ޔަގީންވީ، އޭނާއަކީ ކުށްވެރިއެއް ކަމެވެ. ވީއިރު، އޭނާ އަމިއްލަ ނަފުސަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟

"އެ ކުއްޖާ..." އިޒީގެ އަޑު މަޑެވެ. "އެކުއްޖާއަށް ކިހިނެއްވީ؟..."

ގަފޫރު ދޫކޮށްލީ ފުން ނޭވާއެކެވެ. އެ ސުވާލު އިޒީ ކުރާނެކަން އޭނާއަށް މާކުރިން އެނގޭ ކަހަލައެވެ.

"އަހަންނަކަށް ނޭނގެ..." ގަފޫރު ދެފަރާތަށް ބޯ ހޫރައިލިއެވެ. "އެ ރޭގެ ފަހުން ވީ އެއްވެސް ގޮތެއް އަހަންނަކަށް ނޭނގެ... އަހަރެން މަސައްކަތް ކުރިން ހެކި ހޯދަން... އެކަމަކު... އެއްވެސް ހެއްކެއް ނުފެނުނު..."

ޔައިލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ދެބުމަ ގޮށްޖެހުނެވެ. އަތް މުށްކެވުނެވެ. ހަމަޖެހިގެން ހުންނަން މަސައްކަތްކުރި ނަމަވެސް، އޭނާ ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ ޒިންމާދާރު މަގާމުތަކުގައި ތިބި ބަޔަކު އެވަނީ އާއްމު ރައްޔިތުންނަށް އިހުމާލުވެފައެވެ. މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އަމިއްލަ ފައިދާ ހާސިލުކޮށްފައެވެ. ކަން ހިނގައިދިޔަގޮތް ފުލުހެއްގެ ދުލުން ހާމަކުރިއިރު، އެތެރޭގެ ހާލަތު އޮތްގޮތް އަންދާޒާކޮށްލަންވެސް ނޭނގެއެވެ. ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

"ކޮބާ ތީގެ މާނައަކީ؟..." ޔައިލް ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ.

ގަފޫރު އިސްޖަހައިލިއެވެ.

"ހުރިހާ ރިޕޯޓެއް އަހަންނާ ހަމައަށް އައިއިރު ހުރީ ބަދަލުވެފަ... އަހަރެމެން އެ ސުވާލުކުރީމަ، އަހަރެމެންނަށް އެންގީ އެކަމާ ގުޅޭ އިތުރު ސުވާލެއް ނުކުރަން..."

"އަހަރެމެންނޭ؟.... ކޮން ބައެއް؟..." ޔައިލްގެ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ.

ގަފޫރުގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ބުނެވުނު އެއްޗަކާއިމެދު ވިސްނައިލެވުނުއިރު، ވަގުތު ފާއިތުވެއްޖެއެވެ.

"ކޮން ބައެއް އެއީ؟..." ޔައިލް އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.

"އަހަންނަށް މިހާރުވެސް މާގިނަ ވާހަކަ ދެއްކިއްޖެ..." ގަފޫރު އޭނާގެ އަޑަށް ހަރުކަށިކަން ގެނުވިއެވެ.

"ތިވަރުން އަދި ނުފުދޭނެ..." ޔައިލް ކުރިއަށް ޖެހިލިއެވެ. "ހުރިހާ ވާހަކައެއް ކިޔާދީ.... އަހަރެމެންނަށް ހަގީގަތް އެނގެން ޖެހޭ..."

ޔައިލްގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. އެ އަމުރުވެރި ރާގާއި، ބެލުމުގައި ހުރި ނުރައްކާތެރި ވިދުވަރު ފުރަތަމަ ފަހަރަށް އިޒީއަށް ފެނުނެވެ. ޔައިލް އެހާ ރުޅި އައިސްފައި ހުއްޓައި، އޭގެ ކުރިން އިޒީއަށް ފެނިފައެއް ނުވެއެވެ.

"ނޫން ނޫން... މިހާރުވެސް މާ ގިނަ ވާހަކަ ދެއްކިއްޖެ... ބައެއްކަހަލަ ކަންކަން ތިކުދިންނަށް އަދި ނުވިސްނިދާނެ.... މާޒީ ހޯދައިގެން ދެން ތި ކުދިންނަށް ލިބޭނެ މާ ބޮޑު ފައިދާއެއް އޮތީކީ ނޫން... ޔަގީނުންވެސް ދެން އެ މާޒީ ބަދަލެއް ނުކުރެވޭނެ... މީ އަހަރެން ދޭ ނަސޭހަތެއް ކަމަށް ބަލައިގެން މިތަނުން އަވަހަށް ދޭ..." ވިސްނައިދޭ ރާގަކަށް ގަފޫރު ބުންޏެވެ.

ޔައިލްގެ މޫނުން ނަޒަރު ވަކިކޮށް، އިޒީގެ މޫނަށް ބަލައިލިއިރު، ގަފޫރުގެ މޫނުން ފެންނަމުންދިޔަ ހާސްކަން އިތުރުވެއްޖެއެވެ. އޭނާ އިޒީއަށް ދޭން ބޭނުންވާ އޮތީ އެންމެ ނަސޭހަތެކެވެ.

"އެއީ ވަރަށް ނުރައްކާތެރި ބައެއް..." އިޒީ އާއި ހަތަރުކަޅި ހަމަކުރަމުން ގަފޫރު ބުނެލިއެވެ. "އަމިއްލަ ސަލާމަތް ހޯދާ..."

އިޒީގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. އޭނާއަށް އަވަސް ނަޒަރެއް ދެވުނީ ޔައިލް އަށެވެ.

"ކޮން ބައެއް؟..." ގަފޫރު ޖަވާބު ނުދޭނެކަން އެނގޭއިރުވެސް ޔައިލް އަހައިލިއެވެ. "ކޮން ބައެއްހޭ؟..."

ގަފޫރަށް އިތުރު އެއްޗެއް ނުބުނެވެއެވެ. ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ތިން މީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލައިލިއެވެ. ގަފޫރުގެ މޫނުން ފެންނަމުންދިޔަ ސިހުން އެހެން މީހުންނަށްވުރެ ބޮޑެވެ. ކަން ވާން އުޅޭގޮތް އޭނާއަށް އެނގޭ ކަހަލައެވެ. އެވަގުތު ދެވަނަ ފަހަރަށް އެމީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ.

"ނޫން.." ގަފޫރު އުނދަގޫ ގޮތަކަށް ހިންދިރުވައިލިއެވެ.

ޔައިލް ކުޑަދޮރުގެ ކައިރިއަށް ޖެހިލާފައި، ބޭރު ބަލައިލިއެވެ. މަގުމަތީގައި ކަޅު ކުލައިގެ ކާރެއް އޮތެވެ. ކާރު ކައިރީގައި ހުއްޓިލައިގެން ހުރި މީހާގެ ނަޒަރު ހުއްޓިފައިވީ ޔައިލްމެން ތިބި އިމާރާތަށެވެ. ޔައިލް ހާސްވެފައި ފަހަތަށް ޖެހިލިގޮތުން، އިޒީގެ ހިތުގެ ތެޅުން އަވަސްވިއެވެ.

"ބޭރުގަ އެބައޮތް ވެހިކަލެއް..." ޔައިލް ވާހަކަ ދެއްކީ ވައި އަޑުންނެވެ.

ތިންވަނަ ފަހަރަށް ޓަކި ޖަހައިލިއެވެ. މިފަހަރު ކުރިއަށްވުރެ ބާރަށެވެ. ހީވީ ދޮރު ވައްޓައިލި ހެންނެވެ.

"ދޮރު ހުޅުވާ!..." ބޭރުން އިވުނީ ބަރު ފިރިހެން އަޑެކެވެ.

އިޒީ ބިރުން ޔައިލްގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ.

"ކާކު އެއީ؟..." ދެލޯ ހަނިކޮށްލައިފައި، ގަފޫރަށް ބަލައިލަމުން ޔައިލް އަހައިލިއެވެ.

ގަފޫރު ޖަވާބެއް ނުދެއެވެ. ޖަވާބަކަށް ޔައިލް މަޑެއްވެސް ނުކުރެއެވެ. އިޒީގެ އަތުގައި ހިފައިލިއެވެ. ޔައިލް ވަށައިގެން ނަޒަރު ހިންގައިލީ، އިމާރާތުން ނުކުމެވެން އިތުރު ދޮރެއް ހުރިތޯއެވެ.

"އެއީ މިގޭ ވަލުދޮރާށި..." ގަފޫރު އިޝާރާތްކުރީ، އައިސްއަލަމާރި އާއި ދިމާގައި ހުރި ދޮރަކަށެވެ. "އެތަނުން، ގޯތިތެރެއަށް ނުކުމެވޭނެ... އިންވަކިކުރަން ޖަހާފަ ހުރި ސަތަރިގަނޑުން ބައެއް ކަފާލައިގެންވިޔަސް މިތަނުން އަވަހަށް ނުކުމޭ.."

"ވީ އާ ލީވިންގް..." އިޒީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޔައިލް ބުނެލިއެވެ.

"މިހާރުތަ؟... ދެން އެ ބޭބެ؟..." އިޒީއަށް ބެލުނީ ގޮތް ހުސްވެފައި ހުރި ގަފޫރަށެވެ. ގަފޫރު ދޫކޮށްފައި ދާން އިޒީގެ ހިތެއް ނުރުހުނެވެ.

"ނޯ ޓައިމް..." ޔައިލް މަޑެއް ނުކުރެއެވެ.

އައިސްއަލަމާރި އެއްފަރާތް ކުރުމަށްފަހު، ޔައިލް ދޮރު ހުޅުވައިލިއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ތިރިއަށް ފޭބޭގޮތަށް ސިޑއެއް ހުއްޓެވެ. ވެހެމުންދިޔަ ވާރޭއަށް ބެލުމެއްނެތި އިޒީގެ އަތުގައި ހިފައިގެން ޔައިލް ސިޑިން ތިރިއަށް ފައިބަން ފެށިއެވެ.

"މަޑުކޮށްބަލަ... އެ ބޭބެ..." ގަފޫރު ނުރައްކަލަކަށް ދޫކޮށްލާފައި ދާން އިޒީގެ ހިތެއް ނުރުހުނެވެ.

"އިޒީ... މަޑުކޮށްބަލަ..." ޔައިލް ތަންކޮޅެއް ބާރަށް އިޒީގެ އަތުގައި ހިފެހެއްޓިއެވެ. "އޭނައަށް ހުރިހާ ކަމެއްވެސް އެނގޭ... ކީއްވެ ސިއްރު އެ ކުރަނީ؟... މިވަގުތު އެންމެ މުހިއްމީ އަހަރެމެން މިތަނުން ދިޔުން... ކިހިނެއް އެނގެނީ އެއީވެސް އެމީހުންގެ މީހެއް ނޫންކަމެއް؟...."

"އެކަމަކު..." އިޒީ ދެރަވިއެވެ.

"އަހަރެމެން މިތަނަށް އައިކަން ކޮންމެވެސް މީހަކަށް އެބަ އެނގޭ... އެކަމަކު ކިހިނެއް؟...." ޔައިލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

ސަތަރިގަނޑުން ބައެއް ކަފާލައިގެން ޔައިލްމެން މަގުމައްޗަށް ނުކުތެވެ. އޭރު ދެމީހުންވެސް ތިބީ ތެމި ފޯވެފައެވެ.

"އެހެން ކުއްޖެއް.... ނުރައްކާތެރި ބައެއް..." އިޒީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ގަފޫރު ދެއްކި ވާހަކަތަކެވެ.

ޔައިލް މަސައްކަތްކުރީ ކާރެއް ލިބޭތޯއެވެ.

ކުއްލިއަކަށް އިޒީގެ ހަނދާނަށް އައީ މާޒީގެ އެ ބިރުވެރި ރެއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި، އިޒީގެ ކުރިމަތީގައި އަންހެންކުއްޖަކު އިނީ ރޯށެވެ. އެކުއްޖާ އިނީ އިޒީއެކޭ އެއްގޮތަށް ހުދު ޔުނީފޯމެއް ލައިގެންނެވެ. ވޭނީއާހެއްގެ އަޑު އިވިއިވި ހުރިއިރު، އެކުއްޖާގެ މުޅި ހަށިގަނޑުން ފެންނަން ހުރީ ޒަހަމުގެ ނިޝާންތަކެވެ. މީހެއްގެ ހިލަން ވިހެން ހީވެ، އެކުއްޖާ މަޑުމަޑުން އިސް އުފުލައިލިއެވެ. އިޒީ ގަނޑުވިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް އެކުއްޖާގެ މޫނު ފެނުނެވެ.

"އިޒީ..." ޔައިލް އިޒީގެ އަތުގައި ހިފައި ތަޅުވައިލިއެވެ.

އޭރުވެސް އިޒީ ހުރީ އޭނާގެ އަމިއްލަ ދުނިޔެއެއްގައި ހުއްޓުން އަރާފައެވެ.

"ކާރު..." ކުރިމަތީގައި އޮތް ޓެކްސީ ދައްކައިލަމުން ޔައިލް އަނެއްކާވެސް ބުނެލިއެވެ.

"އައިޝާ..." އިޒީއަށް ހީވީ މީހަކު އޭނާގެ ދުލުން އެ ލަފުޒު ބޭރުކުރުވި ހެންނެވެ.

އިޒީއަށް ހަމަހޭވެރިކަންވީއިރު، ޔައިލް ހުރީ ހުއްޓުން އަރާފައެވެ.

"ކީކޭ ތި ބުނީ؟..." ޔައިލް ބޭނުންވީ ޔަގީން ކުރާށެވެ.

"އެ ކުއްޖާ...." އިޒީގެ އަޑުގައި މަޑު ތުރުތުރުލުމެއް ވިއެވެ. "އެކުއްޖާއަށް ކިޔަނީ އައިޝާ..."

ޖަހައިލި ހޮނު ގުގުރީގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ޔައިލްއަށް އިޒީގެ އަތުން ދޫކޮށްލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު