ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މުޅި އަހަރުތެރޭގައި އަންނާނެ އެންމެ މާތް، އަދި އެންމެ މަތިވެރި ދިހަ ދުވަހެވެ. މި ދުވަސްތަކުގެ މާތްކަން ބަޔާންކުރައްވައި الله ވަނީ ކީރި ޤުރްއާނުގައި ގަންދެއްވައި ވަޙީކުރައްވައިފައެވެ. އަދި މި ދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މާތްވެގެންވާ ކަންތައްތަކެއްކަމަށް ނަބިއްޔާ محمد صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ޙަދީޘްކުރައްވައިފައެވެ. އެހެންކަމުން، މި މަތިވެރި މޫސުމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ކޮންމެ މުސްލިމަކުވެސް ހެޔޮ ޢަމަލުތައް ގިނަކޮށް، އަޅުކަންކުރުމުގައި ދެމިތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

  • ޤުރްއާން ކިޔެވުން ގިނަކުރުމާއި، ސުންނަތް ނަމާދުތައް ކުރުމާއި، އަދި ތަހުލީލާއި ތަކުބީރު ކިޔުން ގިނަކުރުން.
  • ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުން، އަދި ޚާއްޞަކޮށް ޙައްޖުވެރިން ފިޔަވައި އެހެން މީހުން ޢަރަފާތް ދުވަހު ރޯދަހިފުން.
  • އަޟްޙާ ޢީދު ނަމާދުކުރުމާއި، އުޟުޙިޔާ ކަތިލުމާއި، އަދި ނިކަމެތިންނަށް ޞަދަޤާތް ދިނުން.
  • ގާތްތިމާގެ މީހުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، ހެޔޮ ޢަމަލުތައް ކުރުމަށް އިސްކަންދިނުން.

މިހާރު ގުނަމުން މި ދަނީ އަހަރުތެރޭ އަންނާނެ އެންމެ މާތް ހިދަ ހުވަހެވެ. މި ދުވަސް ތަކުގައި އަޅުގަނޑާއި ތިބާ، ދުނިޔޭގައި ހުރެވުނީތީ އުފާކުރަންވާނެއެވެ.

ﷲ سبحانه وتعالى ވަނީ ބައެއް އިންސާނުން އަނެއްބައި އިންސާނުންގެ މައްޗަށް މާތްކުރައްވައިފައެވެ. ބައެއް ކަންކަން އަނެއްބައި ކަންކަމުގެ މައްޗަށް މާތްކުރައްވައިފައެވެ. ބައެއް ތަންތަން އަނެއްބައި ތަންތަނުގެ މައްޗަށް މާތްކުރައްވައިފައެވެ. އަދި ހަމައެހެންމެ ބައެއް ދުވަސްތައް އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވައިފައެވެ.

އެ ގޮތުން ބަލާއިރު އަޅުގަނޑުމެންގެ މިހާރު ގުނަމުން މިދަނީ މުޅި ދުނިޔެއަށް އަންނާނެ އެންމެ މާތް ދުވަސްދަކެވެ. ޙައްޖުމަހަކީ އެ މަހުގައި އެންމެ މަތިވެރި ދިހަ ދުވަސް ހިމެނިގެންވާ މައްސަރެވެ. އާދެ! އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްތައް ގަންދެއްވައި الله تعالى ވަނީ އެއިލާހުގެ ފޮތުގައި ހުވާ ވަޙީކުރައްވައިފައެވެ. ﴿وَالْفَجْرِ * وَلَيَالٍ عَشْرٍ﴾ (الفجر: ١-٢) މާނައީ: "ފަތިސް ގަންދެއްވަމެވެ * އަދި ދިހަ ރޭ ގަންދެއްވަމެވެ."

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލު ކުރުމަށް، ﷲ تعالىގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވާކަމަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. އެކަލޭގެފާނު މިފަދައިން ސުވާލުކުރެއްވުމުން އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީން ސުވާލުކުރެއްވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟" ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. «وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ ثُمَّ لَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ» (البخاري: ٩٦٩) މާނައީ: " ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވެސް މެއެވެ. އޭނާގެ މުދަލާއި ފުރާނަޔައިގެން ނުކުމެ، އެއިން އެއްޗަކައިގެން އެނބުރިނައައި މީހާ ފިޔަވައެވެ."

ކަންމިހެން އޮތްއިރު ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ހޯދޭތޯ ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. މިފަދަ މޫސުމްތައް އަހަރުގެ ތެރޭ ދައުރުވާގޮތަށް އޮންނައޮތުމަކީ ﷲގެ އޯގާވަންތަކަމާއި ރަޙްމަތްވަންތަކަމެވެ. އަޅުގަނޑަށާއި ތިބާއަށް މި ދުވަސްތަކުގައި ހުރެވުނީތީ އުފާކުރަންވާނެއެވެ. އިއްޔެ މަރުވީ މީހާ ވެސް މި ދުވަސްތަކާ ބައްދަލުވާން އުންމީދުކުރިއެވެ. ނަމަވެސް އެ ފުރުޞަތު އޭނާއަށް ގެއްލުނީއެވެ. އަޅުގަނޑަށާއި ތިބާއަށް އޮތީ މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭތޯބެލުމެވެ.

މި ދުވަސްތައް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަން ވަރަށް ގިނައެވެ. ކޮންމެ ހެޔޮ ޢަމަލެއް ވެސް ވަނީ މާތްވެ އިތުރުވެގެނެވެ. އެފަދަ ބައެއް ކަންކަމުގެ ތެރޭގައި ޤުރްއާން ކިޔެވުން ގިނަކުރުން ހިމެނެއެވެ. ސުންނަތް ނަމާދު ކުރުމާއި، ތަހުލީލާ ތަކުބީރު ކިޔުމަކީ ވެސް މި ދުވަސްވަރުކުރަން ވަރަށް ރަނގަޅު ކަންކަމެވެ.

މި މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމާއި ވަކީން ޚާއްޞަކޮށް ޙައްޖުދުވަހު ރޯދަހިފުން ވެއެވެ. ޙައްޖުމަހުގެ ސުންނަތް ރޯދައަކީ މާތް ރޯދައެކެވެ. އެ މަހުގެ 9ވަނަ ދުވަހު، އާދެ ޢަރަފާތްދުވަހު ރޯދަހިފުމަކީ ސުންނަތްކަން އިތުރަށް ގަދަވެގެންވާ ކަންކަމެވެ. އެ ދުވަހުގެ ރޯދަ ޢަރަފާތް ބިމުގައި ތިބޭ މީހުން ހިފާކަށް ނުޖެހޭނެއެވެ. އެ ދުވަހު ރޯދަހިފުން އޮތީ ހަމައެކަނި އެނޫން މީހުންނަށެވެ.

ހަމައެހެންމެ އަޟްޙާ ޢީދު ދުވަހުގެ ޢީދުނަމާދު ކުރުމާއި، އުޟުޙިޔާ ކަތިލާ ޤުރުބާން ކުރުމާއި، ޞަދަޤާތްކުރުމަކީ މަތިވެރި އަޅުކަންތަކެވެ. ގަތްތިމާގެ މީހުންނާ ގުޅުން ބަދަހި ކުރުން ވެސް ހެޔޮ ކަންކަމުގެ ލިސްޓުގައި ހިމެނެއެވެ.

comment ކޮމެންޓް