ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރާ ޚިލާފުވެފައިވާ ކަމަށް ބުނެ، ބަންދުކޮށްފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޛާނާއި ލީވާން ޢަލީ ނާޞިރުގެ އިތުރުން، އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވައިލައި ކުރަމުންދާ އިހުތިޖާޖުން ހައްޔަރުކޮށް ބަންދުކުރި މީހުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގެއް ފަށަން ނިންމައިފިއެވެ.
އެޗްއާރުސީއެމުން އިއްޔެ 'އެކްސް'ގައި ކުރި ޕޯސްޓެއްގައިވަނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ނެރުނު ގެގް އޯޑަރާ ޚިލާފުވި ކަމަށް ބުނެ، ބަންދުކުރި ޝަހްޛާނާއި ލީވާންގެ އިތުރުން އެ ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ކޮމިޝަންގެ ޒިޔާރަތްތަކުގައި އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ތަހުގީގުކުރަންޖެހޭ ކަންކަން ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށް އެޗްއާރުސީއެމުން ހާމަކޮށްފައިވެއެވެ.
ޝަހްޛާނާއި ލީވާން މިދިޔަ އަންގާރަ ދުވަހު ބަންދުކޮށްފައިވަނީ ގަޛްފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ޚިލާފުވިކަމަށް ބުނެއެވެ. އެގޮތުން، ލީވާން 10 ދުވަހަށް، އަދި ޝަހްޛާން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދެ ނޫސްވެރިން ވެސް ބަންދުކުރީ ދިފާއުވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީއެވެ.
ފާހަގަކުރެވޭ ގޮތުގައި، ނޫސްވެރިން ދޫކޮށްލަން ގޮވާލައި، ބުދަ ދުވަހުން ފެށިގެން ސިލްސިލާކޮށް އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން ބައެއް ފަރާތްތައް ހައްޔަރު ވެސް ކުރިއެވެ.
އިހުތިޖާޖުތައް ކުރިއަށްދާ މި ދަނޑިވަޅުގައި، ދެ ނޫސްވެރިން ދޫކޮށްލުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމާއި އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގޮވާލައްވައިފައެވެ. ހުކުރު ދުވަހު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ތިން ރައީސުން ވެސް ވަނީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.