"މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދަންދެން ޢިލްމު އުނގެނޭށެ," މިއީ އެކި މީސް މީހުންގެ ދޫތަކުން މިއަދާއި ހަމައަށް ވެސް އަޑުއިވެމުން އަންނަ ވާހަކައެކެވެ. ހަމަ ހަގީގަތުގައި ވެސް މިއަދު މި ވާހަކައިގެ ތެދުކަން މިވަނީ އެނގިފައިއެވެ.
މާލެއަށް އުފަން އުމުރުން 79 އަހަރުގެ ޚަދީޖާ އަބްދުއްރަހްމާނު ހާސިލްކުރި ޑިގްރީއިން މި އެނގުނީ އެ ކަމެވެ.
އުމުރުން 79 އަހަރުގައި، އެހާ ދޮށީ އުމުރެއްގައި ޑިގްރީއެއް ހާސިލުކުރި ފުރަތަމަ ދިވެހި މީހާގެ ޝަރަފު ޚަދީޖާ ހޯދީ، އުމުރަކީ އުނގެނުމަށް އޮތް ހުރަހެއް ނޫންކަން ދިވެހީންނަށް ސާބިތުކޮށްދެމުންނެވެ. މި ކާމިޔާބީގެ ފަހަތުގައިވަނީ ހިތްދަތި އަދި އެހާމެ ހިތްވަރުގަދަ ވާހަކައެކެވެ.
ޚަދީޖާއަށް އޭނާގެ ޒުވާން ދުވަސްވަރު، ރާއްޖޭގެ ތައުލީމީ ނިޒާމު އޮތްގޮތުން، ވަކި އުސޫލުތަކެއްގެ ތެރެއިން ނޫނީ ސްކޫލްތަކަށް ވަނުމުގެ ފުރުސަތެއް ނުލިބެއެވެ. މި ސަބަބާހުރެ ޚަދީޖާގެ ޅައުމުރުގައި ރަސްމީ ތައުލީމުން އޭނާ މަހްރޫމުވިއެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލާއެކު ކޮންމެ އުމުރެއްގައި ވެސް ކިޔެވުމުގެ ދޮރު ހުޅުވިގެންދިއުމަކީ ޚަދީޖާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އޭނާ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ގުޅުނީ މި އަޒުމުގައިކަމަށް އޭނާ ބުންޏެވެ.

އުމުރުން 79 އަހަރުގައި ޑިގްރީ ހާސިލް ކުރެއްވި ޚަދީފާ އެމްއެންޔޫ ރަސްމިއްތުގެ ތެރެއިން... ފޮޓޯ/ އަދިވެސް
"އޭރަކީ ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، ތައުލީމަށް އެހާ ފުރުސަތުތައް އޮތް ޒަމާނެއްނޫން. ސްކޫލަކުން ވެސް ފުރުސަތު ލިބެނީ ވަކި ބަޔަކަށް، އަޅުގަނޑަށް އޭރު އަޅުގަނޑަކަށް ފުރުސަތެއް ނުލިބުނު،" ޚަދީޖާ "ސަން" އަށް ކިޔައިދިނެވެ.
ޚަދީޖާ ވިދާޅުވި ގޮތުގައި އޭނާގެ ތައުލީމީ ދަތުރަކީ އެހާ އޮމާން އަދި ފަސޭހަ ދަތުރަކަށް ނުވިއެވެ. އަށް ދަރިންނާއި 19 މާމަދަރިން ތިބި ޚަދީޖާ ޑިގްރީގެ މަރުހަލާތައް ކަޑައްތުކުރަމުން ދިޔައީ އާއިލީ ޒިންމާތަކާ ވެސް އެކުގައެވެ. ޚަދީޖާ ބުނި ގޮތުން އެންމެ ބޮޑު ހިތާމައަކާ ކުރިމަތިވީ ޑިޕްލޮމާ މަރުހަލާގައެވެ.
އޭނާގެ ފިރިމީހާ، ހަނީސަކަލް އަބްދުއްރަޝީދު އަލީ ބަލިވެގެން އިންޑިއާއަށް ފަރުވާއަށް ދާންޖެހުމުން، ކިޔެވުން މެދުކަނޑާލާފައި ފިރިމީހާގެ ޚިދުމަތުގައި ދާންޖެހުމުންނެވެ. ޚަދީޖާ ކިޔައިދީފައިވާ ގޮތަގައި އޭނާގެ ފިރިމީހާ ނިޔާވީ އިންޑިއާގައެވެ. ނަމަވެސް، ފިރިމީހާގެ އެންމެ ފަހުގެ ވަސިއްޔަތަކީ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށް ބުންޏެވެ.
"އަޅުގަނޑަށް މިކަމުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ އަޅުގަނޑުގެ ފިރިމީހާގެ ފަރާތުން. ފިރިމީހާގެ އެންމެ ފަހު ބަހަކަށް ވެސް ވީ. ކިޔެވުން ތިހުރީ ފެށިފައޭ، ކުރިއަށް ދާށޭ. ތިކަން ހުއްޓާ ނުލާށޭ. އަޅުގަނޑު ފިރިމީހާގެ ބަސް އަޅުގަނޑު އެހީ. އެކަމުން ހިތްވަރު ލިބިގެން އެކަން ހާސިލް ކުރީ،" ޚަދީޖާ ކިޔައިދިނެވެ.
ފިރިމީހާގެ ވަކިވުމުގެ ފުން ހިތާމައިގައި ހުރެމެ، ޚަދީޖާ ކިޔެވުން ފުރިހަމަކުރީ އާއިލާގެ ފުރިހަމަ އެއްބާރުލުމާ ވެސް އެކުގައެވެ. މީގެ އިތުރުން އައިޔޫއެމްގެ މެނޭޖްމަންޓާއި، މުދައްރިސުން އަދި އޭނާއަށްވުރެ މާ ހަގު ކްލާސްކުދިންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ފާހަގަކުރެއެވެ. ކްލާސްކުދިން ފިލާވަޅުތައް އޮޅުންފިލުވައިދިނުމުގައި ވީ އެހީތެރިކަމަކީ ޑިގްރީ ހާސިލުކުރުމަށް ލިބުނު ބޮޑު ފަސޭހައެއްކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން. އުސްތާޒުންނާއި ކްލާސްކުދިންނަށް އަޅުގަނޑަށް ދެއްވި އެއްބާރުލުމަށް. ދުވަހަކުވެސް ހަނދާނުން ނުނެތޭނެ. ވަރަށް ހިތްހެޔޮ އޯގާތެރި ބައެއް އެއީ،" އޭނާ ކިޔައިދިނެވެ.
ޚަދީޖާ އަރަބި ބަހުން ޑިގްރީ ހާސިލުކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔަވީ މަގާމެއް ނުވަތަ ވަޒީފާއެއް ހޯދުމެއް ނޫންކަން އޭނާ ފާހަގަކުރިއެވެ. އަދި އޭނާގެ ބޭނުމަކީ ކީރިތި ގުރުއާން ކިޔަވާއިރުގައާއި ނަމާދު ފަދަ އަޅުކަންތައް ކުރާއިރު، ކިޔޭ އެއްޗެއްގެ މާނަ ވަގުތުން ފަހުމްވުމެވެ. މާސްޓާސް ނުވަތަ ޕީއެޗްޑީ ހެދުމުގެ ޝައުގުވެރިކަން ނެތް ނަމަވެސް، އަރަބި ބަސް އިތުރަށް ކުރިއެރުވުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމަށް އޭނާ ހުރީ ތައްޔާރަށެވެ.
"އަޅުގަނޑަށް މިހާރު ޤުރުއާން ކިޔަވާއިރު ވަރަށް ބޮޑަށް މާނަ އެނގޭ. އެއީ އަޅުގަނޑުގެ ބޭނުމަކީ ވެސް. ޤުރުއާނުގެ މާނަ އެނގުން،" ޚަދީޖާ ބުންޏެވެ.
ޚަދީޖާ އިތުރަށް ބުނި ގޮތުގައި އޭނާ މިހާރު ތައްޔާރުވަމުން ގެންދަނީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާހެއްގައި ބައިވެރިވުމަށެވެ. އިއުލާން ކުރިހާ އަވަކަހަށް ބައިވެރިވާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.
ޚަދީޖާ އަބްދުއްރަހްމާންގެ މި ކާމިޔާބީއަކީ މުޅި ގައުމަށާއި މިއަދުގެ ޒުވާން ޖީލަށާއި ދުވަސް މީހުންނަށް ވެސް ދިން ވަރުގަދަ އަދި އެހާމެ އަގުހުރި މެސެޖެކެވެ.
އުމުރަކީ ހަމައެކަނި އަދަދެއްކަން ޚަދީޖާ އެވަނީ ސާބިތުކޮށްދީފައެވެ. ހިތްވަރާއި އަޒުމް ހުރިނަމަ ހަމަ ކޮންމެ އުމުރެއްގައި ވެސް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރެވިދާނެ ކަން ޚަދީޖާ އެވަނީ ސާބިތުކޮށްދީފައިވެ.
ޚަދީޖާގެ މި ހިތްވަރާއި އަޒުމާ އެކު ހޯދި ބޮޑުކާމިޔާބީއާއި މެދު ހަމަ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވާނެއެވެ. މިއީ އިބުރަތުން ފުރިގެންވާ ނަމޫނާ ފިލާވަޅެކެވެ.