އައިފޯން ބޭނުންކުރާ ފަރާތްތަކަށް ވަޓްސްއަޕް މެދުވެރިކޮށް ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި ފޮނުވުން އިތުރަށް އަވަސް އަދި ފަސޭހަކޮށްދިނުމުގެ ގޮތުން، ޗެޓް އެޓޭޗްމަންޓް ޝީޓަށް ބޮޑު ބަދަލެއް ގެނައި އާ އަޕްޑޭޓެއް ވަޓްސްއަޕުން ދޫކޮށްލައިފިއެވެ.
ވަޓްސްއަޕްގެ ޚަބަރުތައް ގެނެސްދޭ ޑަބްލިޔުއޭބީޓާިއިންފޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ ފީޗާ މިހާރު ލިބެމުންދަނީ އެޕް ސްޓޯރުން އެޕްލިކޭޝަން އަޕްޑޭޓްކުރާ މަދު ބަޔަކަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ޔޫޒަރުންނަށްވެސް މި ބަދަލު ފެންނާނެ ކަމަށް ބެލެވެއެވެ.
މި ބަދަލާއެކު، އައިއޯއެސް ވަޓްސްއަޕްގެ ވާޝަން 26.19.75 ގައި ޗެޓް ތެރޭގައި އިންނަ އެޓޭޗްމަންޓް ފިތަށް ފިތާލުމުން، ފޯނުގެ ގެލެރީއަށް އެއްކޮށް ނުވަދެ، އެންމެ ފަހުން ސޭވްކޮށްފައި ހުރި ފައިލްތައް ބަލާލެވޭނެއެވެ. މި ފައިލްތައް ފެންނަން ހުންނާނީ ޑޮކިއުމަންޓް، ޕޯލް، އިވެންޓް އަދި އޭއައި އިމޭޖް ފަދަ އޮޕްޝަންތަކުގެ ތިރީގައެވެ.
އާ ޑިޒައިނަށް ބަލާއިރު، އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް ފެންނަން ހުންނާނީ 4x4 ގްރިޑް ލޭއައުޓެއްގައެވެ. މީގެ ސަބަބުން ޗެޓް ވިންޑޯ ބަންދުނުކޮށް ބެކްގްރައުންޑްގައި ބާއްވައިގެން، ބޭނުންވާ ފައިލްތަކަށް ފަސޭހަކަމާއެކު އެކްސެސްވެވޭނެ މަގު ތަނަވަސްވެގެންދެއެވެ.
މި އާ އިންޓަފޭސްގެ އެހީގައި ފޮޓޯއެއްގެ ތަމްބްނެއިލްއަށް ފިތާލުމުން ވަގުތުން އެ ފޮޓޯއެއް ފޮނުވާލެވޭނެއެވެ ނުވަތަ އެޑިޓްކުރާ ބަޔަށް ގެންދެވޭނެއެވެ. އަދި ތިރިއަށް ސްކްރޯލްކޮށްލުމުން އެޕަލްގެ ލިކުއިޑް ގްލާސް ޑިޒައިނާ އެއްގޮތަށް މުޅި ގެލެރީ އެއްކޮށް ހުޅުވިގެންދެއެވެ.
މިހާރު ވަޓްސްއަޕް ބޭނުންކުރާ އިރު ފޮޓޯ ފޮނުވަން ޖެހެނީ ޕްލަސް ފިތަށް ފިތާލުމަށްފަހު މުޅި ސްކްރީން ފުރޭ ގޮތަށް ހުޅުވޭ ފޮޓޯ ސެކްޝަނަށް ގޮސްގެންނެވެ. އެހެންކަމުން މި އާ ބަދަލަކީ ފޮޓޯ ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ބަދަލެކެވެ.