ރިޔާޒް (20 މެއި 2026): ޕާކިސްތާނާއި ސައޫދީ އަރަބިޔާއާ ދެމެދު މިދިޔަ އަހަރު ގާއިމުކުރި ދިފާއީ އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގެ 8،000 ސިފައިންގެ ލަޝްކަރެއް ސައޫދީގައި ރުކުރުވާލައިފި ކަމަށް ރޮއިޓާސްއިން ބުނެފިއެވެ.
އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ޚަބަރު ދޭ ގޮތުގައި 8،000 ސިފައިންގެ އިތުރުން ޕާކިސްތާނުގެ ވައިގެ ސިފައިންގެ 16 ފައިޓާ ޖެޓް އަދި ޕާކިސްތާން ސިފައިން ބޭނުންކުރާ ވައިގެ ދިފާއީ ނިޒާމެއް ވެސް ސައޫދީގައިވަނީ ރުކުރުވާލައިފައެވެ.
ޕާކިސްތާން ސިފައިންނާ އެކު ސައޫދީއަށް ގެންދިޔަ ފައިޓާޖެޓްތަކަކީ ޗައިނާއާއި ޕާކިސްތާން ގުޅިގެން އުފައްދާ ޖީއެފް-17 މަރުކާގެ ޖެޓެވެ. ޕާކިސްތާނުން ސައޫދީގައި ރުކުރުވާލި ވައިގެ ދިފާއީ ނިޒާމަކީ ވެސް ޗައިނާގައި އުފައްދާ އެޗްކިޔު- 9 މަރުކާގެ ދިފާއީ ނިޒާމެކެވެ. މިއީ ޕާކިސްތާނުގެ ދިފާއަށް އެ ގައުމުން ބޭނުންކުރާ ވައިގެ ދިފާއީ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ.
ރިޕޯޓްތައް ބުނާގޮތުން މިއީ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރަށް ބަރޯސާވާ ސައޫދީގައި ޗައިނާގެ ޒަމާނީ ހަތިޔާރުތަކެއް ރުކުރުވާލި ފުރަތަމަ ފަހަރެވެ. ޗައިނާއާއި ޕާކިސްތާން ގުޅިގެން އުފައްދާ ފައިޓާޖެޓާއި ޗައިނާގައި އުފައްދާ އެޗްކިޔު- 9 މަރުކާގެ ދިފާއީ ނިޒާމު ސައޫދީގައި ރުކުރުވާލުމަކީ އެމެރިކާއަށް ބޮޑު ނުތަނަވަސްކަމެއް ލިބޭނެ ކަމެކެވެ.
މިކަން އެމެރިކާގެ މަސްއޫލުވެރިން ހާމަކުރައްވާފައިނުވި ނަމަވެސް ސައޫދީން އެމެރިކާއާ ވާދަވެރި ގައުމެއްގެ ހަތިޔާރު ފެނުމަކީ އެމެރިކާއަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ އެމެރިކާގެ ހަތިޔާރު އެންމެ ގިނަ އަދަދަކަށް ގަންނަ އަދި އެމެރިކާގެ ހަތިޔާރުގެ މައި ބާޒާރަކީ ސައޫދީ ކަމަށްވެފައި، ސައޫދީގެ ދިފާއުގައި ކޮންމެ ސިފައެއްގައި ނަމަވެސް ޗައިނާގެ ހަތިޔާރު ބޭނުންކުރުމަކީ އެމެރިކާއަށް ސައޫދީގެ ހަތިޔާރުގެ ބާޒާރުގައި އޮތް ޑޮމިނޭޝަން ގެއްލިގެން ހިނގައިދާނެ ކަމަކަށް ވާތީއެވެ.
ސައޫދީން ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ޗައިނާއާއި ރަޝިއާ ފަދަ ގައުމަކުން ހަތިޔާރު ގަތުމަކީ އެމެރިކާގެ ހަތިޔާރުގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއްކަމުގެ އިހުސާސް އެމެރިކާއިން އަބަދު ވެސް ކުރެއެވެ. މީގެ ކުރިން ސައޫދީން ޖަރުމަނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ބައެއް ހަތިޔާރު ގަތުމުން ވެސް އެމެރިކާއިންވަނީ ފަރުދާގެ ފަރާތުން ސައޫދީއާ ވާހަކަދައްކައިގެން އެކަން ހުއްޓުވަން މަސައްކަތްކޮށްފައެވެ.
ޕާކިސްތާނުން ސައޫދީގައި ރުކުރުވާލި ޗައިނާގެ ހަތިޔާރުތަކުގެ ގާބިލުކަން ފެނިއްޖެ ނަމަ ސައޫދީން ޗައިނާ އަތުން ކޮންމެ ވެސް ވަރަކަށް ހަތިޔާރު ގަތުމުގެ ވިސްނުމެއް ގެންގުޅެފާނެކަމުގެ ކަންބޮޑުވުން އެމެރިކާއިން އިހުސާސް ކުރާނެކަން މިކަމާބެހޭ ގޮތުން ވާހަކަދެއްކެވި މުހައްލިލުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާގެ ސިނާއަތުގެ މައިބަދައަކީ ހަތިޔާރެވެ. އަދި، އެމެރިކާ އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ ވެސް ހަތިޔާރު ވިއްކައިގެންނެވެ. ސައޫދީ ހިމެނޭގޮތަށް ގަލްފުގެ ގައުމުތަކަކީ އެމެރިކާގެ ހަތިޔާރު އެންމެ ގިނައިން ގަންނަ ގައުމުތަކެވެ.
ސައޫދީގެ މައިގަނޑު އެކްސްޕޯޓް ކަމަށްވާ ތެލާއި ތެލުގެ ބާވަތްތައް އެންމެ ގިނައިން ގަންނަ ގައުމަކީ ޗައިނާއެވެ. އެހެންކަމުން ޗައިނާގެ ކުޑަ ޕްރެޝަރެއް އައި ނަމަވެސް ޗައިނާގެ ހަތިޔާރު ގަންނަން ސައޫދީއަށް މަޖުބޫރުވާނެ ކަމަށް މުހައްލިލުން ދެކެއެވެ.