ދައުލަތުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗުގައި ހުޅުވައިފި

ދިވެހިރާއްޖޭގައި ބޭހުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އުފައްދާފައިވާ, ސްޓޭޓް ފާމަސިއުޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ)ގެ ފުރަތަމަ ފާމަސީ ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޯޕީޑީ ސަރަހައްދުގައި ހުޅުވި މި ފާމަސީއަކީ، އެ ކުންފުނީގެ ދަށުން ހިންގަން ފެށި ފުރަތަމަ ފާމަސީއެވެ.

މި ފާމަސީ ހުޅުވާފައިވަނީ ކުރިން ވެސް އައިޖީއެމްއެޗްގައި ފާމަސީއެއް ހިންގި ތަނުގައެވެ.

ސްޓޭޓްފާމާއިން ބުނިގޮތުގައި މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމެވެ. މިއީ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ފާމަސީން 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިތަނުން ބަލިމީހުންނަށް ޑޮކްޓަރު ލިޔެދޭ ސިޓީއަށް ބޭސް ދޫކުރުމުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ބޭސްތައްވެސް ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ ބާޒާރުން އާންމުކޮށް ލިބެން ނެތް ބޭސްތައް، ބޭރުގެ މާކެޓުތަކުން ހޯދައިދިނުމުގެ ޚާއްސަ އިންތިޒާމެއްވެސް މި ނިޒާމުގެ ތެރެއިން ވަނީ ހަމަޖައްސާފައި ކަމަށް އެ ކުންފުނިން ބުންޏެވެ. މިގޮތުން، ބޭސް ސިޓީ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ ބޭހެއް ގެނެސްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހަމައެހެންމެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ސީދާ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އައިޖީއެމްއެޗާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ސްޓޭޓްފާމާއިން ފާހަގަކުރެއެވެ.

ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް އެ ކުންފުނިން ބުނެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ރައްޔިތުންނަށް ފަސޭހައިން ބޭހަށް އެދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެ ކުންފުނިން ވަނީ "ސްޓޭޓްފާމާ ޕޯޓަލް" ތައާރަފުކޮށްފައެވެ. މީގެ އިތުރުން، 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް ކަމަށްވާ 1505 މެދުވެރިކޮށްވެސް ރައްޔިތުންނަށް މައުލޫމާތު ސާފުކޮށް، ބޭހަށް އެދެވޭނެ ނިޒާމު ވަނީ ގާއިމުކޮށްފައެވެ.

ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެފައިވާ ގޮތުގައި، މި ނިޒާމުތަކުގެ ސަބަބުން ބޭސް ސަޕްލައިކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބި، ބޭސް ލިބެންހުރި މިންވަރު ގާތުން މޮނިޓާ ކުރެވޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި މި ކުންފުނިން، ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ 190 އަށްވުރެ ގިނަ ފާމަސީ އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ބަދަލުތަކާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ފެންވަރު ރަނގަޅު ބޭސް، މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން ކުންފުނިން ވަނީ ދީފައެވެ. ކުންފުނީގެ އަމާޒަކީ މި އަހަރުގެ މެދުތެރެއާ ހަމައަށް އަންނައިރު، ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުރިހާ މަސައްކަތެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ރައްޔިތުންނަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރިން އެސްޓީއޯއިން ބޭސް އެތެރެ ކުރަމުން ދަނިކޮށް ބޭހަށް ވަކި ކުންފުންޏެއް ސަރުކާރުން އުފެއްދީ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑުވުމާ ގުޅިގެންނެވެ. ވަރަށް އާއްމު ބޭސްތައް ވެސް ރާއްޖޭގެ ބާޒާރުން މި ފަހަކަށް އައިސް ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ.

ދިވެހިރާއްޖޭގައި ބޭހުގެ ޚިދުމަތް ފުޅާކޮށް، ބޭހުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި އުފައްދާފައިވާ ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ވަނީ ހުޅުވާފައެވެ. މިއީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ. ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ދަށުން ހިންގާ 190 އަށްވުރެ ގިނަ ފާމަސީ ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

  • މި ފާމަސީން 24 ގަޑިއިރު މެދުކެނޑުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ލިބޭނެއެވެ.
  • ރާއްޖެއިން ލިބެން ނެތް ބޭސްތައް 14 ދުވަހުގެ ތެރޭގައި ޚާއްސަ އިންތިޒާމެއްގެ ދަށުން ގެނެސްދެވޭނެއެވެ.
  • ބޭހަށް އެދުމާއި މައުލޫމާތު ސާފުކުރުމަށްޓަކައި ޚާއްސަ ޕޯޓަލްއަކާއި 1505 ހޮޓްލައިން ވަނީ ގާއިމުކޮށްފައެވެ.
  • މި އަހަރުގެ މެދުތެރެއަށް އަންނައިރު، ބޭސް އެތެރެކުރުމުގެ ހުރިހާ މަސައްކަތެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
comment ކޮމެންޓް