ސިފައިންގެ ޑައިވަރު މަހުދީގެ މަރު ހިނގި ގޮތް ފުލުހުން ތަހުގީގުކުރަން ފަށައިފި

ގެއްލިފައިވާ އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމަށް އެމްއެންޑީއެފްއިން ހިންގި ސަރޗް އޮޕަރޭޝަނެއްގެ ތެރޭގައި ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މަރުވުި ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މަހުދީ ނިޔާވާން މެދުވެރިވި ގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިޓަލީގެ ފަތުރުވެރިން ހޯދުމަށް މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ. ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުދީ މައްޗަށް ނޭރުމުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، މަހުދީ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައެވެ.

އެއާއެކު މެންދުރުފަހުގެ ވަގުތެއްގައި މަހުދީ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދޭން ފެށި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އޭނާ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ އިޢުލާންކޮށްފައެވެ.

މި އޮޕަރޭޝަނަކީ ކަނޑުއަޑީގައި ގެއްލިފައިވާ އިޓަލީގެ މަޝްހޫރު ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ މޮންޓެފަލްކޯން އާއި އިތުރު ބަޔަކު ހޯދުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ގެއްލިގެން ހޯދަމުންދިޔަ މީހުންގެ ތެރޭގައި މޮނިކާގެ 22 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކަލް އާއި، ދިރާސާވެރިއެއް ކަމަށްވާ 31 އަހަރުގެ މުރިއަލް އޮޑެނީނޯ އާއި، 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީ ހިމެނެއެވެ.

މި އެންމެންވެސް މިހާރު މަރުވެފައިވާ ކަމަށް ބެލެވޭއިރު، މީގެ ތެރެއިން އެންމެންގެ ހަށިގަނޑުވަނީ ކަނޑުން ނަގައިފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވަނީ ދިވެހި ސަރުކާރަށް ތައުޒިޔާ ފޮނުއްވާފައެވެ.

އޭނާ ވިދާޅުވީ، އިޓަލީގެ ރައްޔިތުން ހޯދުމަށް ކުރި މަސައްކަތުގައި ދިވެހި ސިފައިންގެ ހިތްވަރުގަދަ މީހަކު މަރުވުމަކީ އިޓަލީއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން އިޓަލީއާއި ދިވެހިރާއްޖެ ހިތާމައިގައި ބައިވެރިވެ، ޤުރުބާންވި ފަރާތްތަކަށް އިޙްތިރާމް އަދާކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގެއްލިފައިވާ އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމަށް އެމްއެންޑީއެފުން ހިންގި ޚާއްޞަ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގެ ތެރޭގައި، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަން ފަށައިފިއެވެ. އަށް ޑައިވަރުންނާއެކު މޫދަށް ފައިބައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި، މަހުދީ މައްޗަށް ނޭރުމުން އޭނާ ހޯދިއިރު އޮތީ ޚަބަރު ހުސްވެފައެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

  • ސިފައިންގެ ޑައިވަރު މުޙައްމަދު މަހުދީ ނިޔާވި މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފެށުން.
  • ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑު ކަނޑުން ފެނިފައިވުން.
  • މަހުދީ ފެނުނުއިރު ޚަބަރު ހުސްވެފައިވުމާއެކު، އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ނިޔާވުން.
  • މަހުދީގެ މަރާ ގުޅިގެން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ދިވެހި ސަރުކާރަށް ތައުޒިޔާ ފޮނުއްވުން.
comment ކޮމެންޓް