އިނގިރޭސި ޕްރިމިއާ ލީގުގެ ރަސްކަން އާސެނަލްއިން ރަސްމީކޮށް ކަށަވަރުކުރުމާއެކު، އެ ކްލަބުގެ ކުރީގެ މެނޭޖަރު އާސެން ވެންގާއަށް ލިބުނު އުފާވެރިކަން ބަންޑުންކޮށްލައި ޓީމަށް މަރުހަބާ ކިޔައިފިއެވެ.
މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ރޭސް ނިމުމަކަށް އައީ އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުންނެވެ.
މި ނަތީޖާއާއެކު، ލީގުގެ ފަހު މެޗުތަކަށް މި ހަފުތާ ބަންދުގައި ދާއިރު، އެއްވަނައިގައި އޮތް މައިކަލް އާޓެޓާގެ ކޯޗުކަމުގެ ދަށުން ކުޅޭ އާސެނަލްއަށް ވަނީ 4 ޕޮއިންޓުގެ ފަރަގެއް ލިބި، ލީގު ތަށި ކަށަވަރުވެފައެވެ.
މިއީ ފާއިތުވި 6 އަހަރުގެ ތެރޭގައި އާސެނަލްއަށް ލިބުނު ފުރަތަމަ މުބާރާތުގެ ތަށްޓެވެ. އަދި މިއީ 2004 ވަނަ އަހަރު ވެންގާގެ އިރުޝާދުގެ ދަށުން މުޅި ލީގުގައި އެންމެ މެޗަކުންވެސް ބަލިނުވެ ހޯދި ތާރީޚީ ކާމިޔާބީއަށްފަހު، އާސެނަލްއިން ޕްރިމިއާ ލީގު އުފުލާލާ ފުރަތަމަ ފަހަރެވެ.
ލީގު ކަށަވަރުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާސެނަލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ ޚާއްޞަ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯގައި ވެންގާ ވަނީ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ.
"އާސެނަލްގެ ކުޅުންތެރިން އެކަން ކޮށްފި (ލީގު ކާމިޔާބުކޮށްފި). މިއީ ތިޔަ ކުޅުންތެރިންގެ ވަގުތު. ދެން ކުރިއަށްދޭ، އަދި ކޮންމެ ސިކުންތެއްގެ އުފާ ފުރިހަމައަށް ލިބިގަނޭ." ވެންގާގެ މެސެޖުގައިވެއެވެ.
ލީގުގެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު އާސެނަލް ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އަދި ލީގު ތަށި އާސެނަލްއާ ހަވާލުކުރާނީ އެ މެޗަށްފަހުއެވެ.
ލީގު ތަށި އުފުލާލުމަށްފަހު، ޖެހިގެން އަންނަ ހަފުތާގައި އާސެނަލްއިން ނުކުންނާނީ ކްލަބުގެ ތާރީޚުގައި މިހާތަނަށް ހޯދިފައި ނުވާ އެންމެ ބޮޑު ޝަރަފު ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށެވެ.
ފައިނަލްގައި އާސެނަލް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާއެވެ. ޕީއެސްޖީއަކީ މިދިޔަ އަހަރުގެ ފައިނަލްގައި އިންޓަ މިލާން 5-0 އިން ބަލިކުރި ވަރުގަދަ ޓީމެކެވެ.
އާސެނަލްގެ ތާރީޚުގައި މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2006 ވަނަ އަހަރު ވެންގާގެ ކޯޗުކަމުގެ ދަށުންނެވެ. ނަމަވެސް އެފަހަރު ބާސެލޯނާ އަތުން އާސެނަލް ބަލިވީއެވެ.
މިފަހަރުގެ ފައިނަލާ ކުރިމަތިލާއިރު، ވެންގާ ވަނީ ޕީއެސްޖީއަކީ ހުރިހާ ގޮތަކުން ފުރިހަމަ ޓީމެއްގެ ގޮތުގައި ސިފަކޮށް، އާސެނަލް ސަމާލުވުމަށް އެދިފައެވެ.
"ޕީއެސްޖީއަކީ ވަރަށް އެކުވެރި، ފުރިހަމަ ޓީމެއް. އެމީހުންގެ އޮތް އެންމެ ބޮޑު ތަފާތަކީ، ކުރިއަށް ކުޅޭ ކޮންމެ ކުޅުންތެރިއަކީވެސް ވަން އޮން ވަން ފުރުސަތެއް ލިބިއްޖެނަމަ ހުއްޓުވަން އުނދަގޫ ކުޅުންތެރިންނަށްވުން" ވެންގާ ބުނެފައިވެއެވެ.
އާސެނަލްގެ މި ތާރީޚީ ކާމިޔާބީއައެކު މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ އުފާފާޅުކުރަމުންނެވެ.