މާބަނޑު ދުވަސްވަރު ކުއްލިއަކަށް ފައި ދުޅަވެ، އާންމުކޮށް އަރައިއުޅޭ ފައިވާނަށް ނޭރޭވަރު ވުމަކީ ކޮންމެ އަންހެނަކުވެސް ކަންބޮޑުވާނެ ކަމެކެވެ.
ސިއްހީ ބަހުން ނަމަ 'އެޑީމާ' ކިޔާ މި ހާލަތަކީ، ވަކިން ހާއްސަކޮށް ބަނޑަށް ހަތް މަހުން ފެށިގެން ފަހު ތިން މަހުގެ ތެރޭގައި ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ.
ނަމަވެސް މިގޮތަށް ފައި ދުޅަވުމަކީ ހަމަ އާދައިގެ ކަމެއްތޯ ނުވަތަ މިއީ ހަށިގަނޑުން ދޭ ނުރައްކާތެރި ސިގްނަލެއް ކަމާ މެދު ވަރަށް ގިނަ އަންހެނުން ހިތުގައި ސުވާލު އުފެދޭނެއެވެ. އެހެންކަމުން ދަރިފުޅާއި މައިމީހާގެ ސަލާމަތަށްޓަކައި، މިކަމުގައި ހުރި ތަފާތުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއަގެ އޮބްސްޓެޓްރިކްސް އަދި ގައިނޮކޮލިޖީ ސްޕެޝަލިސްޓް ޑރ. ކެވެން ޕީއެމް ތަލީ ވިދާޅުވާ ގޮތުގައި، މާބަނޑު ދުވަސްވަރު، ބަނޑުގައިވާ ދަރިފުޅަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދިނުމަށްޓަކައި ހަށިގަނޑުގައި އުފައްދާ ލެޔާއި ދިޔާ ތަކެތީގެ މިންވަރު ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވެއެވެ.
ހަމައެއާއެކު ރަހިމު ބޮޑުވަމުންދާ ވަރަކަށް، އުނަގަނޑުގެ ނާރުތަކަށް ބާރުބޮޑުވެ، ހިތަށް ލޭ ދައުރުވުމަށް ކުޑަ ހުރަހެއް އެޅެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފައިގައި ފެން ހަރުލައި ދުޅަވާގޮތް ދިމާވެއެވެ.

ފައި ދުޅަވުމުގެ އިތުރުން މާބަނޑު ދުވަސްވަރު އާދަޔާ ހިލާފު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެއް--ފޮޓޯ/އީއެމްސީ
މިދުވަސްވަރު އާދައިގެ ދުޅަވުމުގެ އަލާމާތްތަކުގެތެރޭ، ދުޅަވުން މަޑުމަޑުން ފެންނަން ފެށުން، އަރާމުކުރުމުން ރަނގަޅުވުން އަދި މޫނު ނުވަތަ އަތް މާ ބޮޑަށް ދުޅަނުވެ، ހަމައެކަނި ފައިގެ ކޮޅަށް ބާރުވެފައި ހުރުން ފަދަ ކަންތައްތައް ފާހަގަކުރެވޭނަމަ މާ ބޮޑަށް ހާސްވާކަށް ނުޖެހޭނެ ކަމަށް ޑރ. ކެވެން ޕީއެމް ތަލީ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ފައި ކުއްލިއަކަށް ދުޅަވެ، ބޮލުގައި ގަދައަށް ރިއްސާފައި ނުކެނޑުން، ލޯ ފުސްވުން ނުވަތަ ލޮލަށް ތަރި ބުރުވުން، އަދި ބަނޑުގެ މަތީބައިގައި ރިއްސުން، އެއް ފައި އަނެއް ފަޔަށްވުރެ ބޮޑަށް ދުޅަވެ، ރަތްވެފައި ހުރުމުގެ އިތުރުން ފައި ދުޅަވުމާއެކު ދަރިފުޅުގެ ހަރަކާތްތައް މަދުވިކަން ފާހަގަކުރެވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ ކަމަށް ޑރ. ކެވެން ޕީއެމް ވިދާޅުވެފައިވެއެވެ.

މާބަނޑު ދުވަސްވަރު ފައިދުޅަވާނަމަ މާގިނައިރު ކޮޅަށް ނުހުރުން ނުވަތަ އެއް ތަނެއްގައި ގިނައިރު އިށީނދެގެން ނުއިނުން ހިމެނޭ--ފޮޓޯ/އީއެމްސީ
މާބަނޑު ދުވަސްވަރު ފައި ދުޅަވާނަމަ ގޭގައި ކުރެވިދާނެ ކަންތައްތަކުގެތެރޭ، ގިނައިރު ކޮޅަށް ނުހުރުން ނުވަތަ އެއް ތަނެއްގައި ގިނައިރު އިށީނދެގެން ނުއިނުން، ފަސޭހަ، ބާރު ނޫން ބޫޓު ނުވަތަ ފައިވާނަށް އެރުން އަދި ގިނައިން ފެން ބުއިމާއި ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެއެވެ.
ފައި ދުޅަވުމުގެ އިތުރުން މާބަނޑު ދުވަސްވަރު އާދަޔާ ހިލާފު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ދެން އޮންނަ ޗެކަޕްއަކަށް މަޑުނުކޮށް ވަގުތުން ޑޮކްޓަރަށް ދެއްކުމަކީ މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތައް ކުރިއާލާ ދެނެގަނެވި މައިމީހާއާއި ދަރިފުޅުގެ ސަލާމަތަށް އެކަށީގެންވާ ފަރުވާ ހޯދޭނެ ގޮތް ކަމަށް ޑރ. ކެވެން ޕީއެމް ބަޔާންކުރައްވާފައިވެއެވެ.