ކުރީގެ ޕީޖީ މުއިއްޒުގެ ސުވާލެއް: އެމްޑީޕީން ގޯތި ބެހުން ކުށަކަށް ވާއިރު، ޕީއެންސީން ވެސް ހަދަނީ އެހެން ނޫންތަ؟

ކުރީގެ ޕީޖީ މުއިއްޒު: އޭނާ ވަނީ ސަރުކާރަށް ސުވާލުތަކެއް ކުރިމަތިކުރައްވާފައި -- ފޮޓޯ/ ސަން

މިދިޔަ ސަރުކާރުގައި މާލޭ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އިގުތިސާދީ ޖަރީމާއެއްގެ ގޮތުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސިފަކުރެއްވުމުން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ސަރުކާރަށް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

މިދިޔަ ސަރުކާރުގައި މާލޭ ސަރަހައްދުގައި ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ހިލޭ ގޯތި ދޫކޮށްފައެވެ. އެ ސްކީމްގެ ސަބަބުން 15 ބިލިއަން ރުފިޔާގެ ގެއްލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެހެންވެ، އެ ކަމަށް އަނެއްކާ ވެސް ވަނީ ފާޑުކިޔުން އަމާޒުވާން ފަށާފައެވެ.

ކުރީގެ މިނިސްޓަރު ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އިގުތިސާދީ ޖަރީމާގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެ ޕޯސްޓަށް ރައްދުދެއްވަމުން މުއިއްޒު ވަނީ މިދިޔަ ސަރުކާރުގައި ގޯތިތައް ދޫކުރަމުން ދިޔައިރު ޕީއެންސީން އެ ކަމަށް ތާއީދުކުރި ކަމަށް ވިދާޅުވެފައެވެ. އަދި، އޭރު 2023 ވަނަ އަހަރު ގޯތިތައް ދޫކުރަމުންދިޔައިރު ޕީއެންސީން އެއްވެސް ވަރަކަށް އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރިތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

"މި ސަރުކާރުން ވެސް މިހާރު ކުރަމުން އެ ދަނީ އެއް ކަމެއް ނޫންތަ؟" އޭނާ ސުވާލު ކުރެއްވެވިއެވެ.

މުއިއްޒު އެ އިޝާރާތްކުރެއްވީ މި ސަރުކާރުން ވެސް މާލޭ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ނިންމައި، އިއުލާނުކޮށްފައިވާ ސްކީމަށެވެ. މި ސަރުކާރުން ވެސް ވަނީ ހުޅުމާލެ ހިމެނޭހެން މާލޭ ސަރަހައްދުން ގިނަ އަދަދެއްގެ ގޯތި ދޫކުރަން ނިންމާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މިދިޔަ ސަރުކާރުން ދޫކުރި ބިންތަކުގެ ސަބަބުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ. އެއީ، އެހާ އަގުބޮޑު ބިންތަކެއް ހިލޭ ސާބަހަށް ދޫކޮށްލުމުންނެވެ. މީގެ އިތުރުން، އެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސްކީމް ހިންގި ގޮތުން ބޯހިޔާވަހިކަމުގެ އިޖުތިމާއީ މަގުސަދު ވެސް ހާސިލު ނުވާ ކަމަށް އޮޑިޓް އޮފީހުން މި ހަފުތާގައި އާންމުކުރި އޮޑިޓް ރިޕޯޓުގައިވެއެވެ.

https://sun.mv/222162

އެކަމަކު، މި ސަރުކާރުން ވެސް ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓު ދޫކުރަން ނިންމާ، އެ ކަމަށް ކުރިމަތިލާން ހުޅުވާލާފައެވެ. މި ސަރުކާރުގެ ވެސް ސިޔާސަތަކީ ބިން އޮތް ވަރަކުން މާލެއާއި ގްރޭޓާ މާލޭ ސަރަހައްދުން ވީހާ ވެސް ގިނަ ބަޔަކަށް ހިލޭ ގޯތި ދޫކުރުމެވެ.

އެހެން ސިޔާސަތު އޮތް ނަމަވެސް ސަރުކާރުގެ އިތުރު ބައެއް ވެރިން ވެސް މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުކިޔާފައިވެއެވެ.

ކުރީގެ ސަރުކާރުން މާލޭ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އިގުތިސާދީ ޖަރީމާއެއް ކަމަށް ސިފަކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފަހުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 15 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެވެ. ނަމަވެސް، މިހާރުގެ ސަރުކާރުންވެސް ހަމަ އެފަދައިން ހިލޭ ގޯތި ދޫކުރުމުގެ ސްކީމްތައް އިއުލާނުކޮށްފައިވާތީ، މިއީ ފުށުއަރާ ކަންތައްތަކެއްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

  • ކުރީގެ ސަރުކާރުން ހިލޭ ގޯތި ދޫކުރުމަކީ އިގުތިސާދީ ޖަރީމާއެއްކަމަށް ސަރުކާރުގެ ބައެއް އިސްވެރިން ސިފަކުރެއްވުން.
  • ބިންތައް ހިލޭ ދޫކުރުމުގެ ސަބަބުން އެޗްޑީސީއަށް 15 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވުން.
  • 2023 ވަނަ އަހަރު ގޯތި ދޫކުރިއިރު މިހާރުގެ ސަރުކާރު ހިންގާ ޕާޓީން އެކަމާ ދެކޮޅަށް އަޑުއުފުލާފައިނުވާކަން ފާހަގަކުރުން.
  • ކުރީގެ ސިޔާސަތަށް ފާޑުކިޔަމުންދިޔަ ނަމަވެސް، މިހާރުގެ ސަރުކާރުންވެސް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ނިންމައި އެކަން އިއުލާނުކޮށްފައިވުން.
comment ކޮމެންޓް