ކިޔުންތެރިންނަށް ޢީދު މުބާރަކް!

ހުރިހާ ކިޔުންތެރިންނަށް އަޟުޙާ ޢީދުގެ ތަހުނިޔާއާއި މުބާރިކުބާދު ފޮނުވަމެވެ. ތިޔަބައިމީހުންގެ ކިބައިންނާއި މި އަޅާގެ ކިބައިން ﷲ، ޤަބޫލުކުރައްވާނދޭވެ. ޢީދު މުބާރަކް!

މިއަދަކީ ޢީދު ދުވަހެވެ. ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހެވެ. މިއީ އަޟްޙާ ޢީދު ދުވަހެވެ. ދިވެހިން ކިޔަނީ ބޮޑު ޢީދު ދުވަހެވެ.

ޢީދު ދުވަހަކީ ކެއުން ބުއިމާއި މަޖާކުރުމުގެ ދުވަހެވެ. އުފާކުރުމާއި ހީސަމާސާކުރުމުގެ ދުވަހެވެ. މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ޢާއިލީ ގުޅުންތައް ބަދަހިކުރަން އޮތް ދުވަހެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނަށް ޒިޔާރަތްކުރަން އޮތް ދުވަހެވެ. ތަކުބީރު ކިޔުމާއި ތަހުލީލު ކިޔުމާއި ތަޙުމީދު ކިޔަން އޮތް ދުވަހެވެ. ޢީދަކީ އުފާ ފާޅުކުރަން އޮންނަ ދުވަހެކެވެ.

އަޟްޙާ ޢީދު މި އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެންނެވެ. މިއީ އިސްލާމީ މަތިވެރި ޝިޢާރެކެވެ. އިސްލާމީ ޝިޢާރުތަކަކީ އިލާހީ ރަމްޒެކެވެ. އެ ޝިޢާރުތައް އުފުލާއިރު އެއިލާހު ރުހިވޮޑިގެންވާ އިމުގެ ތެރޭގައި ތިބެވޭތޯ ބަލަންވާނެއެވެ. ޢީދުގެ އުފާ ފާޅުކުރާއިރު، މާތް ﷲގެ ދީނުގައި އަންގަވައިފައިވާ ގޮތާ ޚިލާފަށް އެ ކަން ކޮށްގެން ނުވާނެއެވެ.

ޢީދުގެ އުފަލޭ ބުނެ، ބާޠިލު ދީންތަކުގެ އަހުލުވެރިންގެ ޘަޤާފަތްތައް ރަމްޒުވާ ޒާތުގެ ކުޅިވަރު ކުޅެގެން ނުވާނެއެވެ. އެހެން ދީންތަކުގެ، ދީނީ އާދަކާދަތަކާ ދުރުގައި ތިބުމަށް ﷲ ވަނީ މުސްލިމުންނަށް އަންގަވައިފައެވެ. މިހާރަކަށް އައިސް ޢީދު އުފަލުގެ ތެރޭ ކުލަޖެހުމުގެ ކުޅިވަރުތައް އެ ކުޅެވެނީ ހިންދޫއިންގެ ހޯލީއާ އެއްވަތަރު ގޮތަކަށެވެ. ކުލަ ޖެހުމަކީ ހޯލީގައި އޮންނަ އެންމެ ފޯރިގަދަ އެއް މުނާސަބަތެވެ. އެ ކަން އެ މީހުން އެ ކުރާ ގޮތަށް ކުރަންޏާ އެހެން ދީންތަކުގެ މީހުންނާ އެއްގޮތްވީ ކަމުގައި ވެދާނެއެވެ.

މުސްލިމުންގެ ޢީދަކީ މާ މާތް މަތިވެރި ހަފުލާއެކެވެ. ޢީދު ފެށެނީ ވެސް ﷲއަށް ތަކުބީރު ކިޔަމުންނެވެ. އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރަމުންނެވެ. ޢީދު ނަމާދުކުރަމުންނެވެ. އެއާ ވިދިގެން ވެސް އަޅުކަމެވެ. ޤުރުބާނީ ކަތިލުމެވެ. ދެންވެސް އުފާވެރި ކޮންމެ ހަރަކާތެއް ކުރިޔަށް ދަނީ ފުރިހަމަ ކިޔަމަންތެރިކަމާ އެކުއެވެ. އުފާފާޅުކުރަން ބޭނުންވާ މިންވަރަށްވުރެ އިތުރަށް އެއްވެސް އިސްރާފެއް ނުކޮށެވެ. އުރެދުމެއްނެތި އުފާފާޅުކުރުމުގައި ކުރިއަށް ދާން އޮތް ދުވަހަކީ މި ޢީދެވެ.

ޢީދު، ޢީދުގެ ގޮތުގައި އަޅުގަނޑުމެންނަށް ތަޢާރަފުކޮށްދެއްވީ އިސްލާމްދީނެވެ. އެހެންކަމުން ޢީދުގެ އުފަލުގައި ކުރާ ކޮންމެ ކަމެއް ވެސް އޮންނަން ވާނީ މި ދީނުގެ ޙުދޫދުތަކުގެ ތެރޭގައި ކަން އަދިވެސް އެއްފަހަރު ހަނދާންކޮށްދެމެވެ. ދެ ޖިންސު މަސްހުނިވުމާއި މިއުޒިކު ކުޅުމާއި މާތް ﷲ ޙަރާމުކުރެއްވި އެއްވެސް ކަމެއް ޢީދުގައި ކުރުމަކީ ކިޔަމަންތެރި މުސްލިމުންގެ ގޮތެއް ނޫނެވެ. އެއީ ޢީދު ޝަރުޢުކުރެއްވި މަޤްޞަދާ ޚިލާފުވެދާނޭ ކަމެކެވެ.

މިއީ ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހު ފާހަގަކުރާ އަޟްޙާ ޢީދާ ގުޅިގެން ކިޔުންތެރިންނަށް ފޮނުވައިފައިވާ ތަހުނިޔާގެ މެސެޖެކެވެ. ބޮޑު ޢީދަކީ ޢާއިލީ ގުޅުން ބަދަހިކޮށް، ތަކުބީރުކިޔައި އުފާފާޅުކުރަން އޮންނަ ދުވަހެކެވެ. މިއީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިފައިވާ އިސްލާމީ ޝިޢާރަކަށްވުމާއެކު، ﷲ އެންގެވި ގޮތާ ޚިލާފަށް އަދި ބާޠިލު ދީންތަކުގެ އާދަކާދަތަކާ އެއްގޮތަށް ކުޅިވަރުކުޅުމަކީ މަނާކަމެކެވެ. ޢީދުގެ ހުރިހާ ހަރަކާތެއްވެސް ކުރިއަށްގެންދަންވާނީ އިސްރާފުކުރުމާއި ޙަރާމްކަންކަމުން ދުރުހެލިވެތިބެ، ފުރިހަމަ ކިޔަމަންތެރިކަމާއެކުގައެވެ.

  • އަޟްޙާ ޢީދަކީ އުފާފާޅުކުރުމާއި، ގާތްތިމާގެ މީހުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ދުވަހެކެވެ.
  • ޢީދު ފާހަގަކުރަންވާނީ ﷲ ގެނެސްދެއްވި އިސްލާމީ އިމުގެ ތެރޭގައި، ތަކުބީރާއި ނަމާދާއި ޤުރުބާނީގެ އަޅުކަމާއެކުގައެވެ.
  • އެހެން ދީންތަކުގެ ޘަޤާފަތްތައް ރަމްޒުކޮށްދޭ ކަންކަމާއި ކުޅިވަރުތަކުން ދުރުހެލިވާންޖެހޭނެއެވެ.
  • ދެޖިންސު މަސްހުނިވުމާއި، މިއުޒިކު ކުޅުމާއި، އިސްރާފުކުރުން ފަދަ ޙަރާމް ކުރައްވައިފައިވާ ކަންކަމުން ރައްކާތެރިވާންޖެހޭނެއެވެ.
comment ކޮމެންޓް