ބާރަށު "ދިގު ބަތްޕެން": ފިތުރު އީދުގެ ސަގާފީ އާދަކާދަ މިފަހަރު ބޮޑު އީދުގެ އުފަލަކަށް!

26 މެއި 2026: ހއ. ބާރަށު ދިގުބަތްޕެން ކެއްކުމުގެ މަސައްކަތުގެ ތެރެއިން: މިއީ އެ ރަށުގައި ފިތުރު އީދާ ގުޅުވައި ކުރަމުން އަންނަ ކަމެއް. ނަމަވެސް މިފަހަރު މިވަނީ ބޮޑު އީދާ ދިމާކޮށް ކައްކާފައި -- ފޮޓޯ: އަހްމަދު ޚަލީލް

ހއ. ބާރަށަކީ އެ ރަށަށް ޚާއްސަ ގިނަ އާދަކާދަތަކާއި ސަގާފީ ކަންކަމަށް އޮތް ރަށެކެވެ. މީގެ ތެރެއިންވެސް އެ ރަށަށް ޚާއްސަ "ދިގު ބަތްޕެން" ކެއްކުމަކީ ކޮންމެ ފިތުރު އީދަކާ ދިމާކޮށް ރޯދަ މަހުގެ ފަހު ދުވަހު ވަރަށް ފޯރިއާއެކު ބާއްވާ ހަރަކާތެކެވެ.

ނަމަވެސް މިފަހަރު ތަފާތެވެ. ފިތުރު އީދުގައި މި ދިގުބަތްޕެނުގެ ރަހަ ނުލިބުނު ރަށުގެ ރައްޔިތުންނަށް ދިން "ސަޕްރައިޒެއް"ގެ ގޮތުގައި، މިފަހަރުގެ އަޟްހާ އީދާ ދިމާކޮށް ވެސް މިވަނީ ދިގުބަތްޕެން ކައްކާފައެވެ.

26 މެއި 2026: ހއ. ބާރަށު ދިގުބަތްޕެން ކެއްކުމުގެ މަސައްކަތުގެ ތެރެއިން: މިއީ އެ ރަށުގައި ފިތުރު އީދާ ގުޅުވައި ކުރަމުން އަންނަ ކަމެއް. ނަމަވެސް މިފަހަރު މިވަނީ ބޮޑު އީދާ ދިމާކޮށް ކައްކާފައި. މިއީ ބަތްޕެން ކައްކާ ބޮޑު ތެލި -- ފޮޓޯ: އަހްމަދު ޚަލީލް

މިފަހަރުގެ ބޮޑު އީދުގައި ބާރަށު އުތުރު އަވަށުގެ ފަރާތުން މިވަނީ "ދިގު ބަތްޕެން" ކައްކައި، އީދުގެ ފޯރި އިތުރަށް ގަދަކޮށްލާފައެވެ.

ބާރަށުގެ މި ސަގާފީ ބަތްޕެން ކެއްކުމުގެ އެންމެ ޚާއްސަ އެއް ސިފަޔަކީ، މި މަސައްކަތުގެ ހުރިހާ ކަމެއްގައި އިސްކޮށް އުޅެނީ ފިރިހެނުން ކަމަށް ވުމެވެ. ރަށުގެ ޒުވާނުންނާއި އިސްރަށްވެހިން ހިމެނޭހެން، ފިރިހެނުން ނުކުމެ މި ބަތްޕެން ކައްކަނީ ބޮޑެތި ދަރު އުނދުުންތަކުގައެވެ.

26 މެއި 2026: ހއ. ބާރަށު ދިގުބަތްޕެން ކެއްކުމުގެ މަސައްކަތުގެ ތެރެއިން: މިއީ ބަތްޕެން ކައްކަން އަޅާ އެކި ސާމާނު -- ފޮޓޯ: އަހްމަދު ޚަލީލް

ދިގު ބަތްޕެނަކީ އެއަށް އަޅާ ބާވަތްތަކުގެ ގޮތުން ނުހަނު ފައިދާހުރި އަދި ރަހަ މީރު އެއްޗެކެވެ. ކާން ބޭނުންކުރާ ހުރިހާ ބާވަތެއްގެ ފަތާއި، ކަނޑުމަހުގެ އިތުރުން މަސްދަޅު އަޅައިގެން ތައްޔާރުކުރާ މި ބަތްޕެނަކީ މަގުބޫލު ކެއުމެކެވެ.

މިފަހަރުގެ ހަރަކާތުގައި، ފިރިހެނުންނާއެކު އަންހެނުންވެސް ބައެއް މަސައްކަތްތަކުގައި އެހީތެރިވެދީފައިވާކަމަށް އެ ރަށުން "ސަން"އާ ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

26 މެއި 2026: ހއ. ބާރަށު ދިގުބަތްޕެން ކެއްކުމުގެ މަސައްކަތުގެ ތެރެއިން: މިއީ އެ ރަށުގައި ފިތުރު އީދާ ގުޅުވައި ކުރަމުން އަންނަ ކަމެއް. ނަމަވެސް މިފަހަރު މިވަނީ ބޮޑު އީދާ ދިމާކޮށް ކައްކާފައި. ކެއްކުމުގައި ހަރަކާތްތެރިވަނީ ފިރިހެނުން -- ފޮޓޯ: އަހްމަދު ޚަލީލް

ބަތްޕެން ކައްކައި ނިމުމުން، އެކަން މުޅި ރަށަށް އަންގައިދެނީ ލައުޑް ސްޕީކަރުން ކުރާ އިއުލާނަކުންނެވެ. އެއާއެކު، ރަށުގެ ކުދިބޮޑު އެންމެން ތެލިތަކާއި ތަށިތައް ހިފައިގެން ބަތްޕެން ބަލައި އާދެއެވެ. ގެންނަ ކޮންމެ ސައިޒެއްގެ ތައްޓަކަށް ވިޔަސް، ބަތްޕެން އަޅައިދެއެވެ.

26 މެއި 2026: ދިގު ބަތްޕެން ކެއްކުމަށްފަހު ބަހަނީ -- ފޮޓޯ: އަހްމަދު ޚަލީލް

މި ބަތްޕެނާއެކު ބުއިމެއްގެ ގޮތުގައި އެންމެ މަޝްހޫރީ ކުރުނބާ ފަންޏާއި އެ ރަށު މީހުން ތައްޔާރުކުރާ ކިރު ޖޫހެވެ.

އާންމުގޮތެއްގައި ބާރަށުގެ އުތުރު އަވަށާއި ދެކުނު އަވަށުގައި ވަކިވަކިން މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް، މިފަހަރުގެ ފިތުރު އީދުގައި މިކަން ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި އުތުރު އަވަށުގައެވެ.

26 މެއި 2026: ބާރަށު ދިގު ބަތްޕެން ކެއްކުމަށްފަހު، ޒުވާނަކު ކެއުން އިންސާފުކުރަނީ -- ފޮޓޯ: އަހްމަދު ޚަލީލް

މިއީ ފިތުރު އީދުގައި ބަތްޕެން ރަހަ ބަލައިލަން ނުލިބުނު އެންމެންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް އުތުރު އަވަށުން އިސްނަގައިގެން ކުރި މަސައްކަތެކެވެ. ބާރަށުން ފެނިގެން މިދިޔައީ އާދަކާދަތައް ދިރުވައި އާލާކުރުމުގެ ރީތި ނަމޫނާއެކެވެ.

ހއ. ބާރަށުގެ އުތުރު އަވަށުން އިސްނަގައިގެން، މި އަހަރުގެ އަޟްހާ އީދާ ގުޅުވައިގެން އެ ރަށުގެ ސަގާފީ "ދިގު ބަތްޕެން" ވަނީ ކައްކާފައެވެ. އާންމުގޮތެއްގައި ރޯދަމަހުގެ ފަހު ދުވަހު ތައްޔާރުކުރާ މި ކެއުން، މިފަހަރު ތައްޔާރުކޮށްފައިވަނީ ފިތުރު އީދުގައި އޭގެ ރަހަ ނުލިބުނު ކުޑަކުދިންނަށް ޚާއްސަ ހަދިޔާއެއްގެ ގޮތުގައެވެ. ރަށުގެ ފިރިހެނުން އިސްކޮށް ތިބެ، ބޮޑެތި ދަރު އުނދުންތަކުގައި ކައްކާ މި ބަތްޕެނަކީ މުޖުތަމައުގެ އެއްބައިވަންތަކަން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ.

  • އާންމުކޮށް ފިތުރު އީދުގައި ކައްކާ ދިގު ބަތްޕެން، މިފަހަރު ތައްޔާރުކުރީ ބޮޑު އީދާ ދިމާކޮށް ކުޑަކުދިންނަށް ޚާއްސަކޮށްގެންނެވެ.
  • މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ބާރަށުގެ އުތުރު އަވަށުގެ ފަރާތުންނެވެ.
  • ކެއްކުމުގެ އެންމެހައި ކަންކަމުގައި އަމަލީގޮތުން އިސްކޮށް ހަރަކާތްތެރިވީ ރަށުގެ ޒުވާނުންނާއި އިސްރަށްވެހި ފިރިހެނުންނެވެ.
  • ފަތުގެ ބާވަތްތަކާއި މަސް ބޭނުންކޮށްގެން ކައްކާ މި ބަތްޕެން، ލައުޑް ސްޕީކަރުން އިއުލާނު ކުރުމާއެކު އާންމުންނަށް ވަނީ ބަހާފައެވެ.
  • ބަތްޕެނާއެކު ބުއިމަކަށް ބޭނުންކޮށްފައިވަނީ ކުރުނބާ ފަންޏާއި އެ ރަށަށް ޚާއްސަ ކިރު ޖޫހެވެ.
comment ކޮމެންޓް