އއ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސް، ކަނޑުވި 20 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ހާދިސާއާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ލޯންޗަކީ ކޮންސްޓެންސް ހަލަވެލި ރިސޯޓުގެ ބޭރު ކަނޑުން ދަތުރުކުރަމުންދިޔަ "ވައިޓް ސޭންޑް ޝާކް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ސްޕީޑްބޯޓެއް ދިޔަވެ އަޑިއަށްދާކަމަށް މި މަހުގެ 30ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ރިޕޯޓުކޮށްފައިވެއެވެ.
މިހާދިސާ ހިނގުމާގުޅިގެން، ސްޕީޑްބޯޓުގެ ވެރިފަރާތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާ، ސްޕީޑްބޯޓުގައި ތިބި 20 މީހުން އެ ލޯންޗަށް ރައްކާތެރިކަމާއެކު ބަދަލުކޮށް، ސަލާމަތްކޮށްފައިވެއެވެ. އަދި ސްޕީޑްބޯޓުގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އުޅަނދުގެ ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހްގީގްކުރަމުންނެވެ.
އެ ހާދިސާ ހިނގި ވަގުތު ބައެއް މީހުން މޫދަށް ފުންމާލި ނަމަވެސް، ފުލުހުން ބުނީ އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
މި ހާދިސާއަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފްއިންވެސް އެޓެންޑުވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.