ވަކިކުރާ ޖަލްސާ ފަށަން ތައްޔާރުވެފައިވަނިކޮށް ނާޒިމް އިސްތިއުފާ ދެއްވައިފި

މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމް: -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރާ ޖަލްސާ މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް އިސްތިއުފާ ދެއްވި ބަޔާން މިއަދު 8:36 ގައި ނެރުއްވާފައިވާއިރު އޭނާ ވަކިކުރުމުގެ ޖަލްސާ އެޖެންޑާ ކޮށްފައި އޮތީ މިއަދު 9:00 އަށެވެ. މަޖިލިސް ޗުއްޓީއަށް ނުގޮސް, ދައުރު ދަންމާލާފައި އޮތީ ވެސް މި މައްސަލައަށް ގޮތެއް ނިންމުމަށްޓަކައެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ މި މަހުގެ 13ވަނަ ދުވަހު އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ.

https://www.sun.mv/222598

އެއަށްފަހު، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކޮށް މި މަހުގެ 14ގައި ވަނީ، ނާޒިމް ވަކިކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.

ގަރާރުގައި އެ ޕާޓީގެ މެންބަރުން ބުނެފައިވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތެވެ. އަދި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް މެންބަރަކު ނުވަތަ މުއައްސަސާއަކުން އުފުލާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅުއްވާފައި ނުވާނެ ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާތީ، ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމްކުރުމުގެ ގޮތުންނާއި، މެޖޯރިޓީގެ ނިންމުމަށް އިޖާބަދިނުމުގެ ގޮތުން މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންނަށް އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީން ނިންމާފައިވަނީ އޭނާއާއި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވޭ ދުވަސްވަރެއްގައެވެ. އެގޮތުން ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް މި މަހުގެ ތެރޭގައި ނާޒިމް ވަނީ ބޭރުކޮށްފައެވެ.

ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި، މަޖިލީހުގެ ރައީސްކަން ކުރިން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައިފައިވަނީ ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވަން އުޅުއްވާތީ ކަމަށެވެ. އަދި އެ މެންބަރުން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، މިދިޔަ އީދު ބަންދުގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، ނަޝީދު ވަނީ އެ މަނިކުފާނު ވަޑައިގަތީ ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަ ދޮގުކޮށް، ރައީސް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީއަށް ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ، މަޖިލީހުގެ ނައިބު ރައީސްކަމުން އޭނާ ވަކިކުރުމަށްޓަކައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ޖަލްސާ ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. މި ކުއްލި ނިންމެވުމާއެކު، މަޖިލީހުގެ އިދާރީ ހިންގުމަށާއި މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކުރަމުންނެއް ނުދެއެވެ.

  • ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޤާމުން އިސްތިއުފާ ދެއްވުން.
  • އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން.
  • އިސްތިއުފާ ދެއްވީ މަޤާމުން ވަކިކުރުމަށް ބާއްވާ ޖަލްސާ ފެށުމަށް ތައްޔާރުވެފައި ވަނިކޮށް.
  • މައްސަލައިގެ އިތުރު ތަފުސީލުތައް ފަހުން ހާމަކުރެވޭނެ ކަމަށް ބެލެވުން.
comment ކޮމެންޓް