އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރާތީ ސަމާލުވުމަށް، ރައީސްގެ އިލްތިމާސެއް

ރައީސް ޖެނެރޭޝަނަލް ބޭން އިފުތިތާހުކޮށްދެއްވުން: އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރާތީ، އެކަމަށް ސަމާލުވުމަށް ރައީސްވަނީ އިލްތިމާސް ކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން ފުޅާވެފައިވާތީ، އެކަމަށް ސަމާލުވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެ މަނިކުފާނު އެގޮތަށް އިލްތިމާސްކުރެއްވީ ދުންފަތުގެ އިސްތިމާލްކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައި ހިއްސާކުރެއްވި މެސެޖުގައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާޙަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 31 ވަނަ ދުވަހުގައެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ، ގައުމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ދުންފަތާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން، އޭގެ ސަބަބުން ކުރިމަތިކުރުވާ އިޖްތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަކީ، ޢާންމު ޞިއްޙަތަށާއި ގައުމުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

އަދި، ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމަށާއި، ދުންފަތުގެ ވިޔަފާރިކުރާ މީހުން އެ ތަކެތި ޒުވާނުންނަށް މާކެޓްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެ މަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ސިނގިރޭޓު ފޮށިތަކެއް: މި ސަރުކާުރުގައި ވަނީ ދުންފަތުގެ ޑިއުޓީ ވަރަށް ބޮޑަށް ބޮޑުކޮށްފައި ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރައީސް ވިދާޅުވީ، ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ. އެގޮތުން، އީ-ސިގިރޭޓު މަނާކުރުމާއި، ޓޮބޭކޯ-ފްރީ ޖެނެރޭޝަނަލް ބޭނެއް މިދިޔަ އަހަރު ތަންފީޒުކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި، "ޓޮބޭކޯ-ފްރީ ދިވެހިރާއްޖެ" އެއް ގާއިމްކުރުމަށް، ޓޮބޭކޯ ސެސޭޝަން ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ގާނޫނުތައް އިތުރަށް ފުޅާކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ، ފްލޭވަޑް ނިކޮޓީން ޕައުޗާއި އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާކަމަށް ވިދާޅުވެ، އެކަންކަމަށް އިތުރަށް ސަމާލުވެ، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލައްވާފައިވެއެވެ. އެ މަނިކުފާނު ވަނީ، ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ސަރުކާރުން ވަނީ ދުންފަތުން ނަގާ ޑިއުޓީ ބޮޑުކޮށް ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރުގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުންދިންނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން ތަންފީޒު ކުރަން ފަށައިފައިވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހީ، އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ގައުމުގެ ތަރައްގީއަށް އޮތް ބޮޑު ގޮންޖެހުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ވަނީ އީ-ސިގިރޭޓު މަނާކުރުމާއި، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުން މަނާކުރާ ގަވާއިދު ތަންފީޒުކުރަން ފަށާފައެވެ. ކުރިމަގުގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުތައް އިތުރަށް ހަރުދަނާކުރާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

  • އޭއައި އަދި ތަފާތު ރަހަތައް ހިމެނޭ ނިކޮޓީން ބޭނުންކޮށްގެން ކުރާ އިޝްތިހާރުތަކަށް ސަމާލުވުން.
  • ދުންފަތް ގަތުމުގެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުން.
  • 2007 ވަނަ އަހަރުގެ ފަހުން އުފަންވި ކުދިންނަށް ދުންފަތް މަނާކުރުން.
  • ދުންފަތުން ނަގާ ޓެކުހާއި އަގު ބޮޑުކޮށް ގާނޫނުތައް ހަރުދަނާކުރުން.
comment ކޮމެންޓް