ކަސްރަތުކޮށް، ބަރުދަން ލުއި ކުރުމަށް ޓްރަމްޕަށް ލަފާދީފި

މިއަހަރުގެ ކުރީކޮޅު ސްވިޒަލޭންޑްގެ ޑަވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް ވާހަކަފުޅު ދައްކަވާއިރު، ޓްރަމްޕްގެ އަތުގައި ހުރި ޒަޚަމެއް. ފޮޓޯ/ގެޓީ

އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެއި މަހުގެ ފިޒިކަލް ރިޕޯޓު ހުކުރު ދުވަހު އާންމުކޮށްފައިވާއިރު، އެމަނިކުފާނުގެ ސިއްޙީ ހާލަތު ރަނގަޅު ކަމަށް ފާހަގަ ކުރި ނަމަވެސް ބަރުދަން ލުއިކޮށް އިތުރަށް ކަސްރަތު ކުރުމަށް ރިޕޯޓުގައި ލަފާދީފިއެވެ.

ރިޕޯޓުގައި ޑޮކްޓަރު ފާހަގަކުރައްވާފައިވާ ގޮތުގައި ޓްރަމްޕްގެ އިސްކޮޅަކީ ހަ ފޫޓް ތިން އިންޗި އެވެ. އަދި ބަރުދަނުގައި 107 ކިލޯ ނުވަތަ 238 ޕައުންޑް ހުންނަ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ފިޒިކަލް ރިޕޯޓުގައިވާ ގޮތުން ޓްރަމްޕްގެ ބަރުދަނުގައި ހުރީ 101 ކިލޯ ނުވަތަ 224 ޕައުންޑެވެ.

"ރައީސް ޓްރަމްޕް އަދިވެސް ހުރީ ރަނގަޅު ސިއްޙަތެއްގައި، ކާޑިއަކް، ޕަލްމޮނަރީ، ނިއުރޯލޮޖިކަލް، އަދި ޖުމްލަ ފިޒިކަލް ފަންކްޝަންސް ރަނގަޅު." ވައިޓް ހައުސްގެ ފިޒިޝަން ޑރ.ޝޯން ބާބަބެލާ ވިދާޅުވިއެވެ.

ބާބަބެލާ ވިދާޅުވި ގޮތުގައި، ޓްރަމްޕަށް ވަނީ ކެއުން ގެންގުޅުއްވާނެ ގޮތާއި، ހަރަކާތްތައް އިތުރުކުރުމާއި ބަރުދަން ލުއި ކުރުމާބެހޭ ގޮތުން ކައުންސެލިން ދީފައެވެ.

ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ ތިން ފަހަރަށް ފިޒިކަލް ރިޕޯޓު ހައްދަވާފައެވެ.

އެންމެ ފަހުގެ ޗެކްއަޕަށް ހޮސްޕިޓަލަށް ޓްރަމްޕް ވަޑައިގެންނެވުމުގެ ކުރިން ވައިޓް ހައުސްއިން ވަނީ ދަތުގެ ޗެކްއަޕް ހިމެނޭހެން އިތުރު ޓެސްޓްތައްވެސް ހައްދަވާނެކަން ހާމަކޮށްފައެވެ.

މިދިޔަ އަހަރު ވެރިކަމާހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕްގެ ސިއްޙަތާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް އާންމުވުމާއެކު، ވައިޓް ހައުސްއިން ވަނީ ޓްރަމްޕްގެ ޖިސްމާނީ ހާލަތާ ގުޅޭ އާ ތަފްސީލުތަކެއް ހާމަކޮށްފައެވެ.

އެގޮތުން ޓްރަމްޕްގެ ފައިގެ ނާރުތައް ދުޅަވަނީ ނާރުތަކުގައި ލޭ ދައުރުވާން ޖެހޭ ގޮތަށް ދައުރުނުވެ، އެއްތަނަށް ޖަމާވަމުންދާތީ ނުވަތަ ކްރޮނިކް ވީނިއަސް އިންސަފިޝިއަންސީގެ ސަބަބުން ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ޓްރަމްޕް އިސްޓާކީނެއް ބޭނުންފުޅު ކުރެއްވި ކަމަށާއި ނަމަވެސް އުނދަގޫފުޅުވާތީ ފަހުން އިސްޓާކީނު ބޭނުން ނުކުރައްވާ ކަމަށް ވައިޓް ހައުސްއިން ބުނެފައިވެއެވެ.

ޓްރަމްޕްގެ ފައިގެ ނާރުތައް ދުޅަވެފައި ހުންނާތީ އެ ވާހަކަތައް ދާދިފަހުން މީޑިއާގައި ވަރަށް ބޮޑަށް ދެކެވުނެވެ.

ޓްރަމްޕްގެ އަތުގައި ރަތްވެފައި ހުންނަ ޒަހަމްތަކެއްވެސް މި ފަހުން ވަނީ ފާހަގަވެފައެވެ. ވައިޓް ހައުސް އިން ބުނިގޮތުގައި އެއީ ގިނައިން ސަލާން ކުރުމުން ދިމާވި ކަމެއް ކަމަށެވެ. ފަހުން ވަނީ މޭކަޕް ބޭނުންކޮށްގެން އެ ޒަޚަމްތައް ވަރަށް ބޮޑަށް ފޮރުވަން މަސައްކަތްކޮށްފައެވެ.

ފިޒިކަލް ރިޕޯޓުގައިވާ ގޮތުން ޓްރަމްޕް ވަނީ ނާރުގެ ޓެސްޓުތަކެއްވެސް ހައްދަވާފައެވެ. އެ ޓެސްޓުތަކުން ނަފްސާނީ ހާލަތާއި، އިންޓެކްޓް ކްރެނިއަލް ނާރުތަކާއި، މޮޓޯ ސްޓްރެންތް، ސެންސޭޝަން، ރިފްލެކްސް ވެސް ރަނގަޅު ކަމަށް ބުނެފައިވެއެވެ.

ޓްރަމްޕްގެ ސިއްޙަތާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުން އަންނައިރު، އުމުރުން ދުވަސްވެ ސިއްޙީ ހާލުކޮޅު ތަންނުދިނުމުގެ ސަބަބުން މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުން އެ ގައުމުގެ ކުރީގެ ރައީސް ޖޯ ބައިޑެންވެސް ވަނީ ވަކިވެވަޑައިގެންފައެވެ. ބައިޑެންގެ ސިއްޙީ ހާލުކޮޅާމެދު އޭރުވެސް ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޭގެފަހުން މިިދިޔަ އަހަރު މެއި މަހު ބައިޑެންއަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހި ކަށިތަކަށް ފެތުރިފައިވާކަން އެމަނިކުފާނުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެއި މަހުގެ ސިއްޙީ ރިޕޯޓު އާންމުކޮށްފައިވާއިރު، އެމަނިކުފާނުގެ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގެ މަސައްކަތްތަކާއި ނަފްސާނީ ހާލަތު ހުރީ ވަރަށް ރަނގަޅަށް ކަމަށް ވައިޓް ހައުސްއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، ފާއިތުވި އޭޕްރީލް މަހާ އަޅާބަލާއިރު ބަރުދަން އިތުރުވެފައިވާތީ، ކެއުމުގެ އާދަތައް ބަދަލުކޮށް ކަސްރަތު އިތުރުކުރުމަށް ޚާއްޞަ ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ. ޖިސްމާނީ ބައެއް ކުދި މައްސަލަތައް ފާހަގަކުރެވުނު ނަމަވެސް، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަހަކަށްވާފަދަ ބޮޑު ސިއްޙީ މައްސަލައެއް ނެތްކަން ރިޕޯޓުން ކަށަވަރުވެއެވެ. މީގެ އިތުރުން ސިއްޙީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ކުރީގެ ރައީސް ޖޯ ބައިޑެން އިންތިޚާބުން ވަކިވެވަޑައިގެންނެވިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

  • ރައީސް ޓްރަމްޕްގެ ބަރުދަނުގައި މިހާރު 107 ކިލޯ ހުރިއިރު، މިއީ ކުރީ މަހާ އަޅާބަލާއިރު ބަރުދަން އިތުރުވުމެކެވެ.
  • ހިތާއި، ފުއްޕާމޭ އަދި ނާރުތަކުގެ ނިޒާމު ހިމެނޭހެން ޖުމްލަ ޖިސްމާނީ މަސައްކަތްތައް ހުރީ ފުރިހަމަ ސިއްޙަތެއްގައެވެ.
  • ކެއުމުގެ އާދަތައް ރަނގަޅުކޮށް، ދުވަހީ ހަރަކާތްތައް އިތުރުކުރުމަށް ވައިޓް ހައުސްގެ ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.
  • ފައިގެ ނާރުތައް ދުޅަވުމާއި އަތުގައި ޒަޚަމްތަކެއް ހުރިކަން ފާހަގަކުރެވި، އެކަންކަމުގެ ތަފްސީލުތައް ވަނީ އާންމުކޮށްފައެވެ.
  • ސިއްޙީ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް ބައިޑެން އިންތިޚާބުން ވަކިވެވަޑައިގެންފައިވާކަން ވެސް ރިޕޯޓާ ގުޅިގެން ވަނީ ފާހަގަކޮށްފައެވެ.
comment ކޮމެންޓް