ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި ބޭނުންކުރާ ރަސްމީ ބޯޅައިގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ހިމަނައި، ބޯޅަ އިތުރަށް "ސްމާޓް" ކުރުމަށް ނިންމައިފިއެވެ.
މި އާ އީޖާދުގެ ސަބަބުން މެޗުތަކުގެ ތެރޭގައި ދިމާވާ މުހިންމު އަދި އުނދަގޫ ނިންމުންތައް ނިންމުމުގައި ރެފްރީންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މީގެ ކުރީގެ އަހަރުތަކުގައިވެސް ޓެކްނޮލޮޖީ ބޭނުންކުރިޔަސް މިއީ މިހާ ފުޅާދާއިރާގައި ބޭނުންކުރާ ފުރަތަމަ ފަހަރު --
މި ސްމާޓް ބޯޅައިގެ އެންމެ އެތެރޭގައި ޚާއްޞަ ސެންސަރެއް ހަރުކުރެވިފައިވާ އިރު، މިއީ ސިކުންތަކު 500 ފަހަރު ބޯޅައިގެ މަގާމާއި ހަރަކާތްތަކުގެ މައުލޫމާތު ރެކޯޑްކޮށް ދެނެގަންނާނެ ސެންސަރެކެވެ.
މީގެ ސަބަބުން ކުޅުންތެރިއެއްގެ ފައިގައި ނުވަތަ ހަށިގަނޑުގައި ބޯޅަ ބީހިލާ ކޮންމެ ފަހަރަކު، އެކަން ވަރަށް ސައްހަކޮށް އަދި ވަގުތުން ދެނެގަނެވޭނެއެވެ.
މި ސެންސަރުން ފޮނުވައިދޭ މައުލޫމާތުތައް ދަނޑު ވަށައިގެން ހަރުކުރެވިފައިވާ ކެމެރާތަކާ ގުޅާލެވޭނެއެވެ. އަދި އޭއައި ސިސްޓަމް މެދުވެރިކޮށް، ކުޅުންތެރިން އޮފްސައިޑް މަގާމެއްގައި ތިއްބައި ބޯޅަ ލިބޭތޯ ނުވަތަ ނޫންތޯ ސިކުންތުކޮޅެއްގެ ތެރޭގައި ވީއޭއާރް ރޫމަށް އަންގައިދޭނެއެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން މެޗުތަކުގެ ފެންވަރު މަތިވެ، ނިންމުންތައް ނިންމުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.
މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ކުޅިވަރުގެ އިންސާފުވެރިކަން ދެމެހެއްޓުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން މިހާ ފުޅާދާއިރާއެއްގައި ހިފާ ފުރަތަމަ ފަހަރެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން މެޗުތަކުގެ ފެންވަރު މަތިވެ، ނިންމުންތައް ނިންމުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ----
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކުގައި ޓެކްނޮލޮޖީގެ ބޭނުން ހިފުން އިތުރުވަމުން ގޮސްފައިވާއިރު، އެންމެ ފުރަތަމަ ބޮޑު ބަދަލެއް ފެނިގެން ދިޔައީ 2014 ވަނަ އަހަރުގެ ބްރެޒިލް ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގައި ބޯޅަ ގޯލްގެ ރޮނގުން އެތެރެވިތޯ ކަށަވަރުކުރުމަށް "ގޯލް-ލައިން ޓެކްނޮލޮޖީ" ތައާރަފުކުރިއެވެ.
އޭގެ ފަހުން، 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ނިޒާމު ބޭނުންކުރަން ފެށުމުން، މެޗުތަކުގެ މުހިންމު ނިންމުންތައް މުރާޖައާ ކުރުމަށް ރެފްރީންނަށް ބޮޑު ލުޔެއް ލިބުނެވެ.
މި ފަހަރު ބޯޅައިގެ އެތެރޭގައި ސެންސަރު ހަރުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ފެށުމަކީ، ކުރިން ބޭނުންކުރި ވީއޭއާރް ނިޒާމު އިތުރަށް އަވަސްކޮށް، އޮފްސައިޑް ފަދަ ނިންމުންތައް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މާ ސައްހަކޮށް ނިންމުމަށް މަގުފަހިވެގެންދާނެ ތާރީޚީ ކުރިއެރުމެކެވެ.