ކޮމްޕިއުޓަރުތަކަށް ޚާއްސަ އޭއައި ޗިޕެއް އެންވީޑިއާ އިން ތައާރަފުކޮށްފި

އެންވީޑިއާ ގެ ސީއީއޯ ޖެންސަން ހުއާންގް، ޓައިވާންގައި ބޭއްވުނު ކޮމްޕިއުޓެކްސް ކޮންފަރެންސްގައި ޗިޕް ދައްކާލަނީ --- ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާ އިން ލެޕްޓޮޕްތަކާއި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކަށް ސީދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގާބިލުކަން ގެނެސްދޭ އާ ޗިޕެއް ދައްކާލައިފިއެވެ.

"އާރުޓީއެކްސް ސްޕާކް" ގެ ނަމުން ނަންދީފައިވާ މި ޕީސީ ޗިޕަކީ، އެމެރިކާގެ މައިކްރޯސޮފްޓް ކުންފުންޏާ ގުޅިގެން ތިން އަހަރު ދުވަހުގެ މަސައްކަތުން އުފެއްދި ޗިޕެއް ކަމަށް އެންވީޑިއާ ގެ ސީއީއޯ ޖެންސަން ހުއާންގް، ޓައިވާންގައި ބޭއްވި ކޮމްޕިއުޓެކްސް ކޮންފަރެންސްގައި ބުނެފައިވެއެވެ. މިއާއެކު، އަމިއްލަ ކޮމްޕިއުޓަރުތަކުގެ މާކެޓުގައި އެންވީޑިއާ އިން މިވަނީ އޭއެމްޑީ، އިންޓެލް އަދި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަވެރިކަމަކަށް ނުކުމެފައެވެ.

https://sun.mv/213308

ޓައިވާނުގެ މީޑިއާޓެކް ކުންފުންޏާ ގުޅިގެން ތައްޔާރުކޮށްފައިވާ މި ޗިޕް، މިއަހަރުގެ ތެރޭގައި ޑެލް، އެޗްޕީ، ލެނޯވޯ، އޭސޫސް، މައިކްރޯސޮފްޓް ސާފަސް އަދި އެމްއެސްއައި ފަދަ ބްރޭންޑްތަކުގެ ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރުތަކުން ފެންނަން ފަށާނެއެވެ.

ސިނާއީ މާހިރުން ހާމަކުރާ ގޮތުގައި، މި އާ ޕްރޮސެސަރަކީ ކްލައުޑް ކޮމްޕިއުޓިންއަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ކޮމްޕިއުޓަރުގައި އަމިއްލައަށް އޭއައި އެޖެންޓްތައް ހިންގުމަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

މީގެ ކުރިން އޭއައި މޮޑެލްތައް ތަމްރީނުކުރާ ޗިޕްތަކުގެ މާކެޓް ކޮންޓްރޯލް ކުރަމުންދިޔަ އެންވީޑިއާ އިން މިހާރު އަމާޒު ހިފާފައިވަނީ ކޮމްޕިއުޓަރުތަކުގައި އޭއައި ބޭނުންކޮށްގެން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އަވަސްކޮށްދޭ "އިންފަރެންސް" ޗިޕްތަކުގެ މާކެޓް ހޯދުމަށެވެ.

މި އިއުލާނާއެކު ހިއްސާގެ ބާޒާރުގައި އެންވީޑިއާ ގެ ހިއްސާގެ އަގު %4 އަށް މައްޗަށް ގޮސްފައިވާއިރު، އެ ކުންފުންޏާ ވާދަވެރި އޭއެމްޑީ، އިންޓެލް އަދި ކުއަލްކޮމް ފަދަ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ %4.9 އާއި %8.5 އާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައެވެ.

މީގެ އިތުރުން އެޕަލްގެ ހިއްސާގެ އަގު ކުޑަކޮށް ދަށަށް ދިޔައިރު، މައިކްރޯސޮފްޓް، އެޗްޕީ، ޑެލް އަދި ލެނޯވޯގެ ހިއްސާގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

އެންވީޑިއާ ގެ އާ "ވޭރާ" ސެންޓްރަލް ޕްރޮސެސަރުތައް އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ކުންފުނިތަކުގެ ތެރޭގައި އޯޕަންއޭއައި، އެންތުރޮޕިކް އަދި ސްޕޭސްއެކްސް ހިމެނޭ ކަމަށް ވެސް ހުއާންގް ބުނެފައިވެއެވެ.

އޭއައި އެޖެންޓްތައް ސީދާ ކޮމްޕިއުޓަރުގެ ހާޑްވެއާގައި ހިންގުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައި، ކުއަލްކޮމްގެ ސީއީއޯ ކްރިސްޓިއާނޯ އަމޮން ވެސް ވަނީ މިއަހަރަކީ އޭއައި އެޖެންޓްތަކުގެ އަހަރުގެ ގޮތުގައި ސިފަކޮށްފައެވެ.

އޭނާ ބުނި ގޮތުގައި އިންސާނުންނާއި ކޮމްޕިއުޓަރާ ދެމެދު އޮންނަ މުއާމަލާތްތަކަށް ބަދަލު އަންނަން ފަށާފައިވާތީ، ކޮމްޕިއުޓަރުގެ އަމިއްލަ ހާޑްވެއާގައި މިފަދަ ކަންކަން ހިންގުން މިހާރު މަޖުބޫރެވެ.

ކުރިން ހުރި ޑިވައިސްތަކަކީ ހަމައެކަނި ބޭނުންކުރާ މީހާ އަމުރު ކުރުމުން މަސައްކަތްކުރާ އެއްޗެހި ނަމަވެސް، އާ އޭއައި އެޖެންޓްތަކަކީ އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާނެ ނިޒާމުތަކެކެވެ.

އޭއައިގެ ސަބަބުން ސޮފްޓްވެއާ އިންޖިނިއަރުންގެ ވަޒީފާތައް މަދުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް "ތާކުންތާކުނުޖެހޭ" ވާހަކަތަކެއްގެ ގޮތުގައި އެންވީޑިއާ ގެ ސީއީއޯ ހުއާންގް ވަނީ ސިފަކޮށްފައެވެ. އޭނާ ވަނީ މި ޓެކްނޮލޮޖީގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ، ސޮފްޓްވެއާ އިންޖިނިއަރުން ވަޒީފާއަށް ނެގުން ހަގީގަތުގައި އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ.

ޓައިވާނަށް އުފަން ހުއާންގް ވަނީ އެ ގައުމުގައި އަހަރަކު 150 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމާފައިވާކަން ވެސް އިއުލާނުކޮށްފައެވެ.

މި ކޮންފަރެންސްގެ ކުރިން ހުއާންގް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބެއިޖިންއަށް ގޮސް، ޗައިނާގެ ލީޑަރު ޝީ ޖިންޕިންއާ ބައްދަލުކުރި އެމެރިކާގެ މަތީ ފަންތީގެ ކޯޕަރޭޓް ވަފުދެއްގައި ވެސް ބައިވެރިވެފައެވެ.

ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާއިން "އާރުޓީއެކްސް ސްޕާކް" ގެ ނަމުގައި ކޮމްޕިއުޓަރުތަކަށް ޚާއްސަ އޭއައި ޗިޕެއް ތައާރަފުކޮށްފިއެވެ. މައިކްރޯސޮފްޓާއެކު ތިން އަހަރުގެ މަސައްކަތުން އުފެއްދި މި ޗިޕުގެ ސަބަބުން، ކްލައުޑަށް ބަރޯސާވުމުގެ ބަދަލުގައި ސީދާ ކޮމްޕިއުޓަރުގައި އޭއައި އެޖެންޓްތައް ހިންގޭނެއެވެ. މިއާއެކު އެންވީޑިއާއިން ވަނީ ކޮމްޕިއުޓަރު މާކެޓުގައި އޭއެމްޑީ އަދި އިންޓެލް ފަދަ ބޮޑެތި ކުންފުނިތަކާ ވާދަވެރިކަމަށް ނުކުމެ، ހިއްސާގެ ބާޒާރުގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މީގެ އިތުރުން، އޭއައިގެ ސަބަބުން ސޮފްޓްވެއާ އިންޖިނިއަރުންގެ ވަޒީފާތައް ގެއްލޭނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، މިއީ އުފެއްދުންތެރިކަން އިތުރުކޮށްދޭނެ ކަމެއްކަމަށް އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގް ވަނީ ފާހަގަކުރައްވާފައެވެ.

  • އެންވީޑިއާއިން މައިކްރޯސޮފްޓާ ގުޅިގެން "އާރުޓީއެކްސް ސްޕާކް" ގެ ނަމުގައި އާ އޭއައި ޕީސީ ޗިޕެއް އުފެއްދުން.
  • މި ޗިޕްގެ އެހީގައި ކްލައުޑްގެ ބަދަލުގައި ސީދާ އަމިއްލަ ޑިވައިސްގައި އޭއައި ހިންގުމުގެ ގާބިލުކަން ލިބިގެންދާނެކަން.
  • މި އިއުލާނާއެކު އެންވީޑިއާގެ ހިއްސާގެ އަގު ހަތަރު އިންސައްތަ މައްޗަށް ގޮސް، ވާދަވެރި ކުންފުނިތަކުގެ ހިއްސާގެ އަގު ދަށަށް ދިއުން.
  • މިއަހަރުގެ ތެރޭގައި ޑެލް، އެޗްޕީ އަދި ލެނޯވޯ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ކޮމްޕިއުޓަރުތަކުން މި އާ ޗިޕް ފެންނަން ފެށުން.
  • އޭއައިގެ ސަބަބުން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުވެ، ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމުގެ ޔަގީންކަން ދިނުން.
comment ކޮމެންޓް