ސިނގިރޭޓުގެ ޑިއުޓީ އަށް ރުފިޔާއިން ހަތަރު ރުފިޔާއަށް ކުޑަކުރުމަކީ ވަގަށް އެތެރެކުރުން ހުއްޓުވުމަށާއި އާމްދަނީ އިތުރުކުރުމަށް ލިބޭ އަވަސް ހައްލެއް ކަމަށް ހީވި ނަމަވެސް، މީގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗު އަލީ އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިފަދައިން ވިދާޅުވީ ސަރުކާރުން ދުންފަތުގެ ޓެކްސް ކުޑަކުރަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވޭ ދަނޑިވަޅެއްގައެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވިދާޅުވީ، ޑިއުޓީ ބޮޑުކުރަން ނިންމީ ވޭޕް މަނާކުރުމާއެކު ބޭނުންކުރާ މީހުން ކުއްލިއަކަށް ދުންފަތަށް ބަދަލުވެދާނެ ކަމަށް ލަފާކޮށް ކަމަށެވެ.
މިކަމާ ގުޅިގެން އަދީބު ފާހަގަކުރެއްވި ގޮތުގައި ސިނގިރޭޓުގެ އަގު ހެޔޮވުމުން، އަތްފޯރާފަށަށް އެތަކެތި ތިލަވެ، ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން ރާއްޖޭގައި ތައާރަފުކުރި ތާރީޚީ "ޖެނެރޭޝަނަލް ބޭން" ނުވަތަ ޖީލުތަކަށް އަމާޒުކޮށް ކުރި މަނާކުރުމުގެ ނުފޫޒު ކުޑަވެ، ދުންފަތް ހުއްޓާލާ މީހުންގެ ނިސްބަތް މަދުވެގެންދާނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަގު ވިޔަފާރިއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ، އަގު ހެޔޮކުރުމުން ވަގު ބާޒާރު ވަގުތީ ގޮތުން ކުޑަވެ، ހުއްދަ ވިޔަފާރި އިތުރުވި ނަމަވެސް، ތާރީޚުން ދައްކާ ގޮތުގައި އަގު ހެޔޮކުރުމަކީ ވަގު ވިޔަފާރި ދާއިމީކޮށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީގެ ސަބަބުން ސިއްހީ ނިޒާމަށް ބުރަބޮޑުވެ، މާލީ ގޮތުން ލިބޭ ނަތީޖާ އެދެވޭ ގޮތެއްގައި ނުފެނިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސިނގިރޭޓުގެ ޑިމާންޑް ދަށްކުރުމުގައި، އަގަކީ އަޅުގަނޑުމެންގެ އަތުގައި އޮތް އެންމެ ވަރުގަދަ އެއް ވަސީލަތް. އަގު ހެޔޮކުރުމަކީ ނުބައި މެސެޖެއް ދެވޭ ކަމެއް، އަދި މީގެ ސަބަބުން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައް ގެއްލިގެންދިއުމުގެ ބިރު އެބައޮތް،" އަދީބު ވިދާޅުވިއެވެ.
އަދީބު އިތުރަށް ވިދާޅުވީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް އޮތް އެންމެ ބުއްދިވެރި މަގަކީ، ގާނޫނު ތަންފީޒުކުރުން ވަރުގަދަކުރުމާއި، މުދާ ދައުރުވާގޮތް ބަލާނެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، ދުންފަތުގެ އަގުތައް މަތީ މިންވަރެއްގައި ދެމެހެއްޓުން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.
އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.