ރާޅުތަކުގެ އުސްމިން ހަތް ފޫޓަށް އަރާނެ ކަމަށް ލަފާކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މިއަދުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައެވެ.
މެޓުން ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ މައުލޫމާތު ދީފައެވެ.
މެދުރާއްޖެތެރެއާއި ރާއްޖޭގެ އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ރާޅުތަކުގެ އުސްމިނުގައި ހަ ފޫޓާއި ތިން ފޫޓު ހުންނާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގައި ރާޅުގެ އުސްމިން ހަތް ފޫޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މެޓުން އާންމުކޮށްފައިވާ ފާއިތުވި 24 ގަޑިއިރުގެ ރެކޯޑު --- ފޮޓޯ: މެޓް އޮފީސް
އެހެންކަމުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓުން އާންމުކޮށްފައިވާ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫއާއި ބިލެއްދޫއަށެވެ. އެގޮތުން ނިލަންދޫއަށް 19.2 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ބިލެއްދޫއަށް ވަނީ 12.4 މިލިމީޓަރުގެ ވާރޭވެހިފައެވެ. އަދި ޅ. އޮޅުވެލިފުއްޓަށް ވަނީ 12.3 މިލިމީޓަރުގެ ވާރޭވެހިފައެވެ. އެ ތިން ރަށަށްފަހު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މަހިބަދޫއަށެވެ. އެރަށަށް ވަނީ 9.0 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެޓް އޮފީހުން ވަނީ މިމަހު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު ނިމުނު މެއި މަހަށްވުރެ މަދުވާނެ ކަމަށާއި ނަމަވެސް އަންނަ ޖުލައި މަހު ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ބުނެފައެވެ.
އަންނަ ޖުލައި މަހުގައި، ޕީކް ސީޒަން ފެށުމާ އެއްކޮށް ވާރޭ ވެހުން އިތުރުވާނެ ކަމަށް އެ އިދާރާއިން އަންދާޒާކުރެއެވެ.