ދިވެހިރާއްޖޭގެ ބީޗް ވޮލީބޯޅައިގެ ތާރީޚުން ފަޚުރުވެރި މަގާމެއް ކަށަވަރުކޮށް، އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯހާއެކު އާއިދާ ޢަބްދުލްޙަކީމް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން އިންތިޒާމުކޮށްގެން ކަޒަކިސްތާނުގެ އަލްމާޓީގައި މެއި 25 އިން 31 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރުމާއެކު، އާއިދާ ވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ ކޯހެއް ނިންމި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބީޗް ވޮލީބޯޅަ ރެފްރީއަށެވެ.
މިއީ ދިވެހިރާއްޖޭގެ ބީޗުވޮލީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ޖުމްލަ 8 ޤައުމަކުން 15 ބައިވެރިން ހިމެނުނު މި ކޯހުގައި އާއިދާގެ އިތުރުން ރާއްޖޭގެ މުޙައްމަދު ސާމިންވެސް ވަނީ އިންޓަނޭޝަނަލް ބީޗުވޮލީ ރެފްރީ ސެޓްފިކެޓް ހާސިލުކޮށްފައެވެ.

އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯސް ފުރިހަމަކުރި ރާއްޖޭގެ އާއިދާއާއި ސާމިން--
ދިވެހިރާއްޖޭގެ ބީޗް ވޮލީބޯޅައިގެ ތާރީޚުގައި ރަން އަކުރުން ފަވައިލި އާއިދާ ޢަބްދުލްޙަކީމް އަކީ ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމުގައާއި، ކުޅިވަރުގެ އިދާރީ ހިންގުމުގައި ފާހަގަކޮށްލެވޭ ވަރަށް މުހިންމު ޝަޚްޞިއްޔަތެކެވެ.
އާއިދާއަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގައި ހިމެނޭ، އެ އެސޯސިއޭޝަންގެ އަންހެން ނައިބު ރައީސްވެސް މެއެވެ. އޭނާ އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ބޭއްވި އެސޯސިއޭޝަންގެ ކޮންގްރެސްގައެވެ.
މީގެއިތުރުން އާއިދާ ވަނީ ރާއްޖޭގެ އިންޑޯ ވޮލީގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ރާއްޖޭގައި ބޭއްވި ޤައުމީ ފެންވަރުގެ އެކި ބޮޑެތި މުބާރާތްތަކުގައި އިންސާފުކޮށް، އޭނާ ވަނީ ރެފްރީކަމުގެ ދާއިރާއިން ބޮޑު ތަރުޙީބަކާއި އިޙްތިރާމެއް ހޯދާފައެވެ.
އައިދާ ޢަބްދުލްޙަކީމްގެ ފިރިކަލުން އިސްމާޢީލް ޢަބްދުﷲ (އިއްމަ) އަކީ ރާއްޖޭގެ ބީޗް ވޮލީބޯޅަ ރެފްރީކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ، ބައިނަލްއަޤްވާމީ ފެންވަރުގެ ތާރީޚީ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ނަމޫނާ އޮފިޝަލެކެވެ.
އޭނާ އަކީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ފުރިހަމަ ބީޗް ވޮލީ ރެފްރީ ސެޓްފިކެޓް ހާސިލްކުރި ރާއްޖޭގެ ދެވަނަ ރެފްރީއެވެ. އިއްމަގެ މި ކާމިޔާބީއާއި، އޭނާގެ އަނބިކަނބަލުން އައިދާ ދާދިފަހުން ހޯދި ތާރީޚީ ކުރިއެރުމާއެކު، މި ދެމަފިރިން ވެގެންގޮސްފައިވަނީ ރާއްޖޭގެ ބީޗް ވޮލީ ރެފްރީކަން ބައިނަލްއަޤްވާމީ މައިދާނުގައި އާ އުސްމިންތަކަކަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ދެ ބައިވެރިންނަށެވެ.

ބީޗުވޮލީ ކޯޓުގައި އާއިދާއާއެކު އިންމަ--
އާއިދާ ރެފްރީކަމުގެ ދާއިރާއަށް އެންމެ ފުރަތަމަ ނުކުތީ 2015 ވަނަ އަހަރު އިންޑޯ ވޮލީބޯޅަ ރެފްރީ ކޯސް ފުރިހަމަކޮށްގެންނެވެ. ނަމަވެސް، ރާއްޖޭގައި ބީޗް ވޮލީބޯޅަ ރެފްރީން މަދުވުމާއި، ޚާއްޞަކޮށް މި ފަންނުގައި އެއްވެސް ވަރަކަށް އަންހެން ރެފްރީން ނެތްކަން ފާހަގަކުރެވި، އެ ހުސްކަން ފުރުމުގެ ބޭނުމުގައި އާއިދާ ނިންމީ ބީޗް ވޮލީބޯޅައިގެ ދާއިރާއަށް ޚާއްޞަވާށެވެ.
އޭނާގެ މި ނިންމުމާއެކު، ބީޗް ވޮލީގެ ދާއިރާއިން ކުރިއަށްދިއުމަށް ކުރި ބުރަ މަސައްކަތުގެ ދަށުން، 2024 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯޅަ ކޯސް އޭނާ ކާމިޔާބުކަމާއެކު ފުރިހަމަކުރިއެވެ.
އޭޝިއަން ބީޗް ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯސް ކާމިޔާބުކަމާއެކު ނިންމާ، ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ ކޯހެއް ނިންމި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބީޗް ވޮލީ ރެފްރީގެ ޝަރަފް ހޯއްދަވައި، އައިދާ ވަނީ ދިވެހި އަންހެނުންނަށް ކުޅިވަރުގެ ބައިނަލްއަޤްވާމީ މައިދާނުން ކުރިއަށްދިއުމަށް އާ އުއްމީދަކާއި ތާރީޚީ މަގެއް ކޮށައިދީފައެވެ.
މި ޝަރަފާއެކު ކުރިއަށްއޮތް ތަނުގައި ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ރެފްރީކަން ކުރުމުގެ ރަނގަޅު ފުރުޞަތުތަކެއް މި ދެ ރެފްރީންނަށް މިހާރު ވަނީ ހުޅުވިގެން ގޮސްފައެވެ.