މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާ ސާވޭ ފަށައިފި

މާލޭގެ މަގުތަކުގެ ސާވޭ ހެދުމަށްޓަކައި ޗައިނާ ޓީމު އައިސް އެ މަސައްކަތް ކުރަނީ: މިނިސްޓްރީން ބުނީ އެ މަސައްކަތް ޖުލައި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް --- ފޮޓޯ: ހައުސިން މިނިސްޓްރީ

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކުރެހުންތައް ކުރެހުމަށް ބޭނުންވާ ސާވޭތަކުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ، މަގުތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތަފުސީލީ ކުރެހުންތައް އެކުލަވައިލުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާތައް ކުރުމުގެ މަސައްކަތްތައް ފަށައިފައިވާ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

މިނިސްޓްރީން ބުނީ، މަސައްކަތާ ގުޅޭ ސަރަހައްދުތައް ދިރާސާކުރުމާއި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވީ، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ސަރުކާރުން ލަސްކުރަން ނޫޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ހިލޭ އެހީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެހީ ދޭ ގައުމުތަކުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ، މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށްދާނީ އެ އުސޫލުން ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

އެ މަޝްރޫއުގެ އަދާހަމައެއް ދެއްވަމުން މުއްްޠަލިބު ވިދާޅުވީ، މާލޭ މަގު ހެދުމުގެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓޭޖު ނިންމައި، ސާވޭއާއި ޑިޒައިންކުރާނެ ޓީމެއް ހޮވައިފައިވާނެ ކަމަށާއި، އެ ޓީމު މި މަހުގެ ތެރޭ މާލެ އަންނާނެ ކަމަށެވެ. އެއަށްފަހު، ޗައިނާގައި ޓެންޑާކޮށް ޕްރޮކިއާކުރެވި، ވަކި ކުންފުންޏެއް ހޮވައި، މަސައްކަތް ފެށޭނެ ކަމަށް، އޭނާ ވިދާޅުވިނަމަވެސް، އަމަލީ މަސައްކަތް ފެށޭނެ ސީދާ ތާރީޚެއް އަންދާޒާނުކުރައްވައެވެ.

މާލޭގެ މަގުތައް ހެދުން، ހަމަ މިހާރު ވެސް ރާވައިފައި އޮތް ގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މުއްޠަލިބު ދެއްވިއެވެ.

https://sun.mv/221473

ފާހަގަކުރެވޭ ގޮތުގައި، ވެރިކަމުގެ ކުރީކޮޅު، ޖަނަވަރީ 2024ގައި ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޗައިނާއިން 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ. އެ އެހީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހޭދަކުރާނީ މާލޭގެ މަގުތައް ހަދަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި. ރާއްޖޭގަ އަޅުގަނޑުމެން ކަނޑައަޅާ ތަރައްގީގެ މަޝްރޫތަކަށް ޚަރަދު ކުރަން. އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ޚަރަދު ކުރަން ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް،" ރައީސް އޭރު ވިދާޅުވިއެވެ.

އެ ފައިސާ ބޭނުންކުރާނީ ސަރުކާރުން ކަނޑައަޅާ ތަރައްގީގެ އެކި މަޝްރޫތަކަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ވާރޭ ވެހޭއިރު މިހާރު ވެސް މާލޭގެ މަގުތަކުގައި ފެންބޮޑުވެއެވެ. އަދި، ބައެއް މަގުތަކުގެ ފެންވަރު ހުރީ ވަރަށް ދަށް ކޮށެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތަފުސީލީ ކުރެހުންތަކާއި ދިރާސާތައް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ވަނީ ފަށައިފައެވެ. މިއީ ޗައިނާ ސަރުކާރުން ދީފައިވާ 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ފީޒިބިލިޓީ މަރުހަލާ ނިމިފައިވާއިރު، ޑިޒައިންކުރާ ޓީމު މި މަހުގެ ތެރޭގައި މާލެ އަންނާނެކަމަށް ވަޒީރު ޑރ. ޢަބްދުއްލާ މުއްޠަލިބު ވިދާޅުވެފައިވެއެވެ. މިއީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އަމާޒުކޮށްފައިވާ ބޮޑު މަސައްކަތެކެވެ.

  • މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދިރާސާތަކާއި ސާވޭތައް ރަސްމީކޮށް ފަށައިފައިވުން.
  • މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާ ސަރުކާރުގެ 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކަމަށްވުން.
  • ކަމާގުޅޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތައް އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަން ކަށަވަރުކޮށްދިނުން.
  • ޑިޒައިންކުރާ ޓީމު މާލެ އައުމަށްފަހު، ޗައިނާގައި ޓެންޑާކޮށް އަމަލީ މަސައްކަތް ފަށާނެ ކުންފުންޏެއް ކަނޑައަޅާނެކަން ހާމަކުރުން.
  • މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާއި މަގުތަކުގެ ފެންވަރު ދަށްވުމުގެ މައްސަލައަށް މި މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެކަން.
comment ކޮމެންޓް