މ. ވޭވަށު ކައުންސިލް މެންބަރެއްގެ ގޮނޑި އެމްޑީޕީ މެންބަރަށް ކާމިޔާބުވެފައި އޮތް އޮތުން, ހައި ކޯޓުގެ ހުކުމަކާއެކު ބާތިލުކޮށް، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށު ކައުންސިލްގެ އާންމު މެންބަރު ކަމަށް ދެ މީހަކު ވާދަކުރިއެވެ. އޭގެ ތެރެއިން، ދެ ވޯޓުގެ ތަފާތަކުން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. އެކަމަކު ހައިކޯޓުގެ ހުކުމާއެކު، އެ ނިންމުން ބަދަލުވެ ގޮނޑި ލިބުނީ ޕީއެންސީއަށެވެ.
ހައިކޯޓުން މި މައްސަލަ ނިންމިއިރު، ފަނޑިޔާރުންގެ މެދުގައި އޮތީ ޚިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަޣުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިޚާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ.
އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިޚާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ. އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅީ، އެމްޑީޕީގެ ފަރާތުންނާއި އަހްސަންގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހުއްދަ ރަޖިސްޓްރާވަނީ ދެއްވާފައެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދަ ދިނުމަކީ އާއްމުގޮތެއްގައި މައްސަލަ ބަލައިގަތުމަށް ނިންމުމެވެ. ދެން އޮންނާނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ރަޖިސްޓްރޭޝަން ފީ ދެއްކުން ފަދަ ކަންކަމެވެ.
ހުއްދަ ދީފައިވަނީ އިލެކްޝަންސް ކޮމިޝަނާއި ނަޒީހަށް ރައްދުވާ ގޮތަށް އަހްސަން ހުށަހެޅި މައްސަލައެވެ. އެމްޑީޕީން ހުށަހެޅި މައްސަލައާ މެދު އަދި ގޮތެއް ނިންމި ކަމަކަށް ވެބްސައިޓަކު ނެތެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ވޭވަށު ކައުންސިލްގެ މެންބަރުން ހުވައި ކުރިއިރު، މައްސަލަ ދިމާވެގެން އުޅޭ ކެންޑިޑޭޓު ހުވައި ނުކުރެއެވެ.
މި މައްސަލަ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެވީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ.
ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ.
ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ.