އޭސާއިން އޭއައި ޓެކްނޮލޮޖީއާއެކު ވިޔަފާރިތަކަށް ޚާއްޞަ ލެޕްޓޮޕްތަކެއް

މި ލެޕްޓޮޕްތަކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކުންފުނިތަކަށް ޚާއްޞަ އޭއައި ލެޕްތަކެއް ---

އޭސާ ކުންފުނިން އެންމެ ފަހުގެ އިންޓެލް ޕްރޮސެސާތައް ހިމަނައިގެން ވިޔަފާރިތަކަށް ޚާއްޞަ ލެޕްޓޮޕްތަކެއް ބާޒާރަށް ތައާރަފުކޮށްފިއެވެ.

މިގޮތުން ތައާރަފުކުރި މޮޑެލްތަކުގެ ތެރޭގައި ޓްރެވަލްމޭޓް ޕީ6 14 އޭއައި، ޓްރެވަލްމޭޓް ޕީ2 ސްޕިން 14، ޓްރެވަލްމޭޓް އެކްސް2 15 އަދި ޓްރެވަލްމޭޓް އެކްސް2 14 ހިމެނެއެވެ.

މި ލެޕްޓޮޕްތަކަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކުންފުނިތަކަށް ޚާއްޞަކޮށްގެން، އޭއައި އެހީތެރިކަމާއެކު މަސައްކަތްތައް އަވަސްކުރުމަށާއި، ސެކިއުރިޓީ ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.

މި އާ ސީރީޒްގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މޮޑެލް ކަމަށްވާ އޭސާ ޓްރެވަލްމޭޓް ޕީ6 14 އޭއައި އަކީ ކޯޕައިލެޓް+ ޕީސީ އެކެވެ. މި ލެޕްޓޮޕްގައި 3ކޭ އޯލެޑް ޓަޗް ސްކްރީނެއް ހިމަނާފައިވާއިރު، މީގެ ބެޓެރީ 30 ގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓާނެ ކަމަށް އޭސާއިން ބުނެއެވެ. އަދި ޓްރެވަލްމޭޓް ޕީ2 ސްޕިން 14 މޮޑެލް ފަރުމާކޮށްފައިވަނީ 360 ޑިގްރީއަށް އަނބުރާލެވޭ ގޮތަށް ކަމަށްވުމުން، މިއީ ޓެބްލެޓެއްގެ ގޮތުގައިވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ލެޕްޓޮޕެކެވެ.

މި ހުރިހާ ލެޕްޓޮޕެއްގައިވެސް ވީޑިއޯ ކޯލްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އޭއައި އަޑު ކަނޑާލާ ޓެކްނޮލޮޖީ ހުންނާނެ ---

މީގެ އިތުރުން ތައާރަފްކުރި ޓްރެވަލްމޭޓް އެކްސް2 15 އަދި އެކްސް2 14 މޮޑެލްތަކަކީ ޑޭޓާ އެންޓްރީއާއި އިދާރީ މަސައްކަތްތަކަށް ލުއިފަސޭހަވާނެހެން ފަރުމާކޮށްފައިވާ ދެ ލެޕްޓޮޕެވެ.

މީގެ ތެރެއިން 15.6 އިންޗީގެ އެކްސް2 15 ގައި ނަމްބަރު ކީޕޭޑެއް ހިމަނާފައިވާއިރު، 14 އިންޗީގެ އެކްސް2 14 ފަރުމާކޮށްފައިވަނީ ސްކްރީނުން ގިނަ މައުލޫމާތު ފެންނާނެ ފަދަ ދިގު ބައްޓަމަކަށެވެ.

މި ހުރިހާ ލެޕްޓޮޕެއްގައިވެސް ވީޑިއޯ ކޯލްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އޭއައި އަޑު ކަނޑާލާ ޓެކްނޮލޮޖީއާއި ފެންވަރު ރަނގަޅު ކެމެރާ ހިމަނާފައިވެއެވެ.

މި އާ ލެޕްޓޮޕްތައް ދުނިޔޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މި އުފެއްދުންތައް ލިބޭނެ ކަމަށް ބުނެފައިވަނީ އުތުރު އެމެރިކާ، ޔޫރަޕް، މެދުއިރުމަތި އަދި އެފްރިކާގެ ގައުމުތަކަށެވެ.

މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ބާޒާރަށްވެސް މި ލެޕްޓޮޕްތައް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް