މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާ، އޭޕްރީލް މަހަށް ވުރެ 41 މިލިއަން ރުފިޔާ މަދު

މަސްވެރިންތަކެއް މަސް ދޯންޏެއްގައި: މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާ އޭޕްރީލަށް ވުރެ 41 މިލިއަން ރުފިޔާ ވަނީ މަދުވެފައި --- ފޮޓޯ/ މަސްވެރި އިހަވަންދޫ

މިދިޔަ މަހު، މަސްވެރިންނަށް މިފްކޯއިން ދޫކުރި ފައިސާ އޭޕްރީލް މަހަށް ވުރެ 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަދުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ކުންފުނިން މިއަދު ވަނީ، ނިމުނު މެއި މަހުގައި މަސްވެރިންނަށް ދޫކުރި ފައިސާގެ ތަފުސީލުތައް އާންމުކޮށްފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، މިފްކޯއިން މިދިޔަ މަހު މަސްވެރިންނަށް ދޫކުރީ 31.1 މިލިއަން ރުފިޔާއެވެ.

އެކަމަކު، އޭގެ ކުރިން އޭޕްރީލް މަހުގައި 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކުރިއެވެ. އެހެންވެ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާއިން 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަދެވެ.

https://sun.mv/221471

'ސަން'އިން ސުވާލުކުރުމުން މިފްކޯއިން މިއަދު ބުނީ، މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާ މަދުވީ މަސްވެރިކަން ދަށްވުމުންނާއި އީދު ބަންދާ ގުޅިގެން މިފްކޯއިން މަސް ގަތުން ހުއްޓާލާފައި އޮތުމުން ކަމަށެވެ.

މިފްކޯގެ ބޯޓަކުން މަސް ކިރަނީ: މިދިޔަ މަހު، މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާ އޭޕްރީލް މަހަށް ވުރެ 41 މިލިއަން ރުފިޔާ ވަނީ މަދުވެފައި -- ފޮޓޯ/ މިފްކޯ

އެހެނިހެން ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު 693 ދޯންޏަކުން 1،791 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އެ ދޯނިތަކުން ކިރުވި މަހަށް 31 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިފްކޯއިން ވަނީ ދޫކޮށްފައެވެ.

އޭގެތެރެއިން އެންމެ ގިނަ އަދަދެއްހެ ފައިސާ ދޫކޮށްފައިވަނީ މިފްކޯއަށް މިދިޔަ މަހު ކިރުވި، 1،708.9 ޓަނުގެ ކަޅު ބިލަމަހަށެވެ. އެ ބާވަތުގެ މަހަށް 29 މިލިއަން ރުފިޔާ ދޫކުރިއިރު، ކިރުވި 10 ކިލޯއިން މަތީގެ ކަންނެއްޔަށް 138،000 ރުފިޔާ ވެސް ދޫކުރިއެވެ. އަދި، މިދިޔަ މަހު މިފްކޯއަށް ކިރުވި 15 ކިލޯއިން މަތީގެ ކަންނެއްޔަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.

މިއީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރުމަށް ސަރުކާރުންނާއި މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ދޫކޮށްފައިވާ ފައިސާއެވެ. ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު އެއް ތަނބު ކަމަށްވާ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި، މަސްވެރިންނަށް ލިބެންޖެހޭ އުޖޫރަ ވަގުތުން ވަގުތަށް ދިނުމަކީ މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް