ކުރީގެ ހަ ރައީސުންގެ އަރިހުގައި މުލީއާގޭގައި މަސައްކަތް ކުރައްވައިފައިވާ އިބްރާހީމް ޙަލީމް މިއަދު އަވަހާރަވެއްޖެއެވެ.
ހަލީމް އަވަހާރަވީ އުމުރުން 76 އަހަރުގައެވެ. އޭނާގެ ކަށުނަމާދު އޮތީ މިރޭ މާލޭގެ އާސަހަރާ މިސްކިތުގައި 23:00ގައެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ހަލީމް އަވަހާރަވުމުގެ ހިތާމައިގައި، ދައުލަތުގެ އިސް ބޭފުޅުން ޝުއޫރު ފާޅުކުރައްވައިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލުކުރަައްވައިފައިވާ ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމަށެވެ.
އޭނާ ބައި ގަރުނަށްވުރެ ދިގު މުއްދަތުގެ އިޚުލާޞްތެރި ޚިދުމަތެއް ދައުލަތަށް ކުރައްވައިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބަޔެއް ހޭދަކުރެއްވީ މުލީއާގޭގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީގެ ހަ ރައީސުންގެ އަރިހުގައި، ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތްކޮށްދެއްވައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
"[ހަލީމަކީ] ވަފާތެރިކަމާއި ޕްރޮފެޝަނަލް ކަމުގެ ނަމޫނާއެއް،" ނަޝީދު ލިޔުއްވާފައިވެއެވެ.
ހަލީމަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އަރުވައިފައި ވަނީ 2021ގައެވެ.
އޭނާ ސަރުކާރުގެ ޚިދުމަތް ފެށްޓެވީ، ޖުލައި 5، 1971 ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ޕްރައިމް މިނިސްޓަރުގެ އޮފީހާއި، ގަވަންމަންޓް ހޮސްޕިޓަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަން ކުރައްވައިފައިވެއެވެ.
މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، ފެބުރުވަރީ 12، 1977 ގައެވެ. މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސާވިސަސް އޮފިސަރު ކަމާއި، ޖެނެރަލް ސާވިސަސް ސުޕަވައިޒަރު ކަމާއި، ހެޑް ވީއައިޕީ ވެއިޓަރު ކަމާއި، ޗީފް ވީއައިޕީ ވެއިޓަރުކަން އޭނާ ކުރެއްވިއެވެ.
ޙަލީމް މުލީއާގޭގައި ޚިދުމަތް ކުރައްވަން ފެއްޓެވިފަހުން ރައީސް އިބްރާހީމް ނާޞިރުގެ އަރިހުގައްޔާއި، އޭގެފަހުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހުގައި، ފަރީއްކޮޅު ބެހެއްޓެވުމުގައްޔާއި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ފަރާތުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކުގައި މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. އޭގެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ވެސް މަސައްކަތް ކުރެއްވިއެވެ.
ޙަލީމަށް، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެމުން ފާހަގަކޮށްފައިވާ ގޮތުގައި، އޭނާއަކީ ޙަވާލުކުރައްވާ ކޮންމެ ކަމެއް ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރުކަމާއެކު ކުރެއްވި ބޭފުޅެކެވެ. އަދި މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި، ހުރިހާ މުވައްޒަފުންގެވެސް އިޙްތިރާމު ހޯއްދެވި، ހިތްހެޔޮ އޯގާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމުގެ ގޮތުން، މުލީއާގެއަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ދެއްވި ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައިވެސް ޙަލީމް ހިމެނިވަޑައިގެންނެވިއެވެ.