ރާއްޖޭން ލިބޭ ފަރުވާއެއް ހޯދުމަށް އާސަންދަ ސްކީމުގެ ތެރެއިން ބޭރަށް ފޮނުވަނީ އަލަކަށް ނޫން ކަމަށާއި އެ ކަން ކުރާނީ އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ މިރޭ ވިދާޅުވެއްޖެއެވެ.
އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް އާންމުކޮށްފައިވާއިރު، އެ ގަވައިދުގައި ވަނީ ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކާއި ބަލި މީހާގެ ހާލަތަށް ރިއާޔަތްކޮށް، އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވޭނެ ކަމަށް ބުނެފައެވެ.
އެ ކަމަށް އިޝާރަތްކުރައްވައި ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޒީނިޔާ ވިދާޅުވީ، އެ ކަން އާސަންދައިގެ ތެރެއިން ކުރަނީ އަލަކަށް ނޫން ކަމަށެވެ.
މިގޮތުން، ކުރިން ވެސް ހެދިފައި އޮންނަ އުސޫލުގެ ތެރެއިން ރާއްޖޭން ލިބެން ހުންނަ ފަރުވާތައް ހޯދަން ބޭރަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަލި މީހަކު އެމްބިއުލާންސަށް އަރުވަނީ: ޒީނިޔާ ވިދާޅުވީ، ރާއްޖޭން ލިބޭ ފަރުވާއެއް ހޯދުމަށް ބޭރަށް ފޮނުވަނީ އަލަކަށް ނޫން ކަމަށް --- ސަން ފޮޓޯ: އަޙްމަދު ފިރްޔާލް
އެ އޮންނަ އުސޫލެއްގެ ތެރެއިން ރާއްޖޭގައި [އެ ފަރުވާއެއް] ކުރެވުނަސް ވެސް އަޅުގަނޑުމެން އާސަންދައިން [ބޭރަށް] ފޮނުވާނެ އިނގޭތޯ. މިއީ އާ ކަމެއް ނޫންއާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ
މިސާލެއް ދައްކަވައި ޒީނިޔާ ވިދާޅުވީ، މައިބަދައިގެ އޮޕަރޭޝަން ދެ ފަހަރަށްކޮށް، ފެއިލްވެފައި ހުންނަ މީހުން ބޭރަށް ދިޔުމަށް ޑޮކްޓަރުން ލިޔެދޭ ކަމަށެވެ. މިގޮތުން، އެ ޚިދުމަތް ރާއްޖެން ލިބެން ހުއްޓަސް، އެ ހާލަތްތަކުގައި ބަލި މީހުން އާސަންދައިން ބޭރަށް ފޮނުވާނެކަން އޭނާ ކިޔައިދެއްވިއެވެ.
މީގެއިތުރުން، ގިނަ ދުވަހު މަޑުކޮށްގެން ހެދޭ ބޮޑެތި ސާޖަރީތައް ހެދުމަށް އާސަންދައިން ބޭރަށް ފޮނުވާ ކަމަށާއި އަގުގެ ގޮތުން ހުންނަ ތަފާތަށް ބަލާފައި ވެސް ބޭރަށް ފޮނުވާނެކަން ޒީނިޔާ ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެންސްޕާއިން ކުރިއަށް ގެންދާ 'މެޑިކަލް ވެލްފެއާ ސްކީމް' ގެ ދަށުން ދެމުންގެންދާ 16 ޚިދުމަތެއް މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ. އަދި، ބޭސްފަރުވާގެ އެހީއަށް މިހާރު ހުށަހަޅަން ޖެހެނީ، "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށެވެ. އެ ބަދަލާއެކު، އަވަހަށް ޚިދުމަތް ދިނުމަށް ފަސޭހަވާނެ ކަމަށް އާސަންދައިން ބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، އާސަންދައަކީ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރާ އެއް ސްކީމަށް ވާއިރު، އެކަށީގެންވާ ޚިދުމަތެއް ނުދެވޭ ކަމުގެ ޝަކުވާތައް އަބަދުވެސް އާންމުން ކުރެއެވެ.