ނޫ ކުލައިގެ ޓައީއެއް އަޅުއްވައިގެން ޖުލައި 13، 2023 ގައި އާޓިފިޝަލް ބީޗުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ރޭގެ ވާހަކަފުޅު ނިންމަވާލެއްވީ ކިހިނެއްކަން ހަނދާން އެބަހުރި ހެއްޔެވެ؟ "އެމްޑީޕީ ރޫޅާލާނަން، ރޫޅާލާނަން،" ވިދާޅުވަމުންނެވެ. ނިކަން ދެކެބަލާށެވެ. ރޭ ހަމަ އެ ތަނުގައި ސްޓޭޖެއް ހައްދަވައިގެން އެ ބޭއްވީ އެނބުރި އެމްޑީޕީގެ ތަޚުތަށް އަރާވަޑައިގަތުމުގެ އުފާ ފާޅުކުރުމެވެ.
ދުނިޔެ ހިނގާ ގޮތް ނިކަން ވިސްނާލަބަލާށެވެ.
މީގެ 13 އަހަރު ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އައިއިރު، 'އެއްބުރުން' ޖަހާލާފައި ހުރީއިރު، އެ ނަޝީދު ނުކުންނަވާ އެމްޑީޕީ ރޫޅާލާނަމޭ ވިދާޅުވާނޭ ހީކުރާނީ ކާކު ހެއްޔެވެ؟ އަދި މަޑުކުރާށެވެ. އެމްޑީޕީއަށް 2023 ގެއްލިގެން އޭރު ޕާޓީގައި ތިއްބެވި އެންމެން ތުންދަމާފައި ތިއްބެވިއިރު ނަޝީދު އެނބުރި ވަޑައިގެން އަދި ޕާޓީގެ ކޮންޓްރޯލް ނަންގަވާނޭ ބުނި ނަމަ އެހެން ބުނި މީހަކީ މޮޔައަކަށް ނުހަދާނެ ހެއްޔެވެ؟
އެކަމަކު، ބަލާބަލާށެވެ. ޗެއާޕާސަން އިންތިޚާބު ނަޝީދު އެ ކާމިޔާބުކުރެއްވީ "ބޮޑުތަނުން"ނެވެ.
މިއީ ސިޔާސީ ގޮތުން މި ރާއްޖޭގައި ފެނުނު އެންމެ ބޮޑު އެއް އެނބުރި އައުމެވެ. އެއީ ބަލިވަމުން ބަލިވަމުން ގޮސް "ކޮށި ދަނޑާއި މަރިޔަނބު ވެސް" ގެއްލިފައި ހުންނެވި ބޭފުޅެކެވެ. ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވީ ބޮޑު ނާކާމިޔާބެވެ. ޑިމޮކްރެޓްސް ހައްދަވައިގެން ކުރިމަތިވި ސިޔާސީ ބޮޑު ލަދެވެ. ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް އެންމެ ހަތް ޕަސެންޓު ލިބިވަޑައިގަތުން އެކަންޏެއް ނޫނެވެ. ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނެވެ. ސިޔާސީ ގޮތުން ކުރިމަގު ބަންދުވާހާ ބަލިވިއެވެ.
އެކަމަކު، އެ މަނިކުފާނު އަމިއްލަފުޅަށް ވިދާޅުވި ފަދައިން މުޅިން ބަލިނުވާތީ އެ ހުންނެވީ އެނބުރި ވަޑައިގެންނެވެ.
ދެން ވާނީ ކިހިނެއް؟
އެންމެ ފުރަތަމަ އެމްޑީޕީ ރަޖިސްޓްރީވެގެން އައިއިރު އެ ޕާޓީގެ ޗެއާޕާސަނަކަށް ވެވަޑައިގެންނެވީ ވެސް ނަޝީދެވެ. އޭރު ވަރަށް ޒުވާން ބޭފުޅެކެވެ. އެ މާޒީއަށް ޖެހިނުލާ، ދެން އެމްޑީޕީއަށް ވާނެ ގޮތް ދެނެއެއްނުގަނެވޭނެއެވެ.
އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ)އާ މެދު ކަންވީ ކިހިނެއް ހެއްޔެވެ؟ މިހާރު ނަޝީދާ އެކު ހުންނެވި އިސްތިއުފާދެއްވި ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ބޭބެއަށް އެމްޑީޕީގެ ރައީސްކަން ކުރެއްވުނީ ބަރާބަރު 132 ދުވަހެވެ. ދެން އެ މަގާމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުނައްވަރަށް މަގާމުގައި ހުންނެވުނީ އަހަރަކާ ކުޑަ ދުވަސްކޮޅެއްގައެވެ. މަގާމުގެ 437 ވަނަ ދުވަހު، އޯގަސްޓް 13، 2008 ގައި އިސްތިއުފާދެއްވަން ޖެހިވަޑައިގަތެވެ. އެ މަގާމަށް ދެން އިންތިޚާބުކުރީ ޑރ. އިބްރާހިމް ދީދީ (ޑީޑީ)އެވެ. ރައީސްކަމުގައި 365 ދުވަސްވީއިރު އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފިއެވެ.
އެ ކަންކަމުގައި ނަޝީދުގެ އަތްޕުޅު ނުވާކަމަށް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތަކީ އެއީއެވެ. ގައުމީ މަޖިލީހުގެ ފުލް ކޮންޓްރޯލާ އެކު، އެ މަނިކުފާނު ޕާޓީ ހިންގެވީ އެ ގޮތަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެތައް ބައެއްގެ ގުރުބާނީން އުފަންކުރި އެމްޑީޕީގައި އަބަދު ވެސް އެންމެ ވަރުގަދައީ ނަޝީދެވެ. އެކަމަކު، ޖޫން 30، 2018 ގައި އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވި ހިސާބުން އެ ރަސްކަން ހަގީގަތުގައި ނިމުނީއެވެ. އެނބުރި ވަޑައިގެން އެ އިންނެވީ އަނެއްކާ ވެސް އެމްޑީޕީގެ އެ ތަޚުތުގައެވެ. ޕާޓީ ހިންގަވާނީ ކިހިނެއްތޯ އެއީ ހަގީގަތުގައި ސުވާލެއް ވެސް ނޫނެވެ.
އިންތިޚާބު ތެރޭ ނަޝީދު އަމިއްލަފުޅަށް ވެސް އޮތީ ވިދާޅުވެފައި ނޫން ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަން ކާމިޔާބުކުރައްވާފައި --- ފޮޓޯ/ އެމްޑީޕީ
"ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި ފަހަތުގައި ތިއްބަވާއިރު ތަންކޮޅެއް ދުރުގައި އެހެނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދުކުރަން. ކައިރީގައި ތިއްބަވަން ޖެހޭނީ މޮޅުވާ ބޭފުޅުން،" ކެމްޕޭން ތެރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް އެ މަނިކުފާނު ފޮނުއްވި މެސެޖެއްގައިވެއެވެ.
އެހެންވީމާ އެ ޕާޓީގެ ކޮންޓްރޯލް އަތުން ދޫވިޔަކަ ދެން ނުދެއްވާނެއެވެ. އެމްޑީޕީއާ ނުލާ ސިޔާސީ ކުރިމަގެއް ނެތްކަން ނަޝީދަށް އެނގިވަޑައިގަންނަވާނެއެވެ. ޗެއާޕާސަންކަމުގައި އެ މަނިކުފާނުގެ ފޯކަސް ހުންނަވާނީ ފުރަތަމަ ޗެއާޕާސަންކަމުގައި ވެސް ހުންނެވި މޭރުމުންނެވެ. ޕާޓީގެ ކޮންޓްރޯލް ނަންގަވައިގެން ވެރިކަމަށް މަގުކޮށްޓެވުމެވެ.
ޕާޓީ ބައިބައި ވެދާނެތަ؟
"ބޮޑު ބަދަލު"ގެ ނަމުގައި ބޮޑު އެޖެންޑާއެއް އިއުލާނުކުރައްވައިގެން ނަޝީދު ޗެއާޕާސަންކަމަށް ވަޑައިގަތީ ޑީލެއްގެ ދަށުންނެވެ. އެ މަގާމު ނަޝީދަށް ހުސްކޮށްދެއްވި ފައްޔާޒަށް ވެރިކަން ދިނުމެވެ. އަދި، ބަރުލަމާނީ ސިފަތައް ހިމެނޭ މަސްހުނި ނިޒާމެއްގެ ތެރެއިން ނަޝީދަށް ބޮޑުވަޒީރުކަން ހޯއްދެވުމެވެ. އެއީ ދެ ބޭފުޅުން އިއުލާނުކުރައްވައިގެން ތިއްބެވި އެެޖެންޑާއެވެ.
އެކަމަކު، އެމްޑީޕީގައި އެ ނޫން ކިތަންމެ ލީޑަރަކު ރިޔާސީ ހުވަފެން ދެކިލައްވައެވެ.
ކުރީގެ ރައީސް ޞާލިޙާއި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް އެއީ އެ ހުވަފެން ބައްލަވާ ބޭފުޅުންނެވެ. އެހެންވެ، ވަކި އަތަކަށް ބުރަވެ އޮވެ އެމްޑީޕީން ޕްރައިމަރީއެއް ބާއްވައިފި ނަމަ ޕާޓީއަށް ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ.
އެހެންވިޔަސް، މާޒީގައި ނަޝީދު ކަން ކުރެއްވި ގޮތް ބައްލަވައިފި ނަމަ ޕްރައިމަރީއަށް ނުފޫޒުތަކެއް ނުވުންނާނެއެކޭ ވެސް ނުބުނާނެއެވެ.
"ވަރަށް ބޮޑަށް ގޯސް ނުވަންޏާ، ފާޅުކަން ބޮޑުކޮށް ގޮށްމުށުގެ ބާރު ނުދައްކަވާ ނަމަ ޕާޓީ ދޫކޮށްލާފައި ބަޔަކު ގޮސްދާނެ ކަމަކަށް ނުފެނޭ. އެހެން އެކަން ވާނެ ގޮތަކަށް ކަން ކުރައްވާކަށް އަންނިއެއް ވެސް ބޭނުމެއް ނުވާނެ. އެކަމަކު، ޕާޓީގައި އަނެއްކާ ވެސް އަންނިގެ ބާރު ގަދަކުރާނެ، ވަކި ހިތްޕާލާނެ،" ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅަކު އޭނާގެ ނަޒަރު ވިދާޅުވިއެވެ.
އެމްޑީޕީއަށް 2023 ގައި ބޮޑު ފިލާވަޅެއް ލިބުނެވެ. ބައިބައިވެގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމެެވެ. ވަކިވެގެން ދިޔަ ބޭފުޅުންނަށް ވެސް، ޕާޓީއަށް ވެސް ލިބުނީ ކޮޅުކެއްސެވެ.
"އަޅުގަނޑު ހިތުން އެ މިސްޓޭކް ދެން އަޅުގަނޑުމެންގެ ތެރޭގައި ހަދައިގެން ނުވާނެ،" ޕާޓީ ބައިބައިވެދާނެތޯ ސުވާލުކުރުމުން ޗެއާޕާސަން ކަމަށް ނަޝީދާ ވާދަކުރެއްވި ކެންޑިޑޭޓަށް ތާއީދުކުރައްވައިގެން ކެމްޕޭން ކުރެއްވި ޞާލިޙް ވިދާޅުވީ މިހެންނެވެ. އެއީ ތެދުފުޅެކެވެ. އެ މިސްޓޭކް ދެން އެ ހަދާފާނެ ކަމަކަށް ވެސް ނުފެނެއެވެ.
ނަޝީދު 2028 ގައި ވާދަކޮށްފާނެތަ؟
ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ. ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބެއްގައި ވާދައެއް ނުކުރައްވާނަމެވެ. ފައްޔާޒަށް އެ ހުންނެވީ ތާއީދު ވެސް ކުރައްވައިގެންނެވެ. އެކަމަކު، ނަޝީދުގެ ސިޔާސީ ހަޔާތް އެނގޭ މީހުން އެ ވާހަކަ ގަބޫލު ނުކުރަނީއެވެ. އެ މަނިކުފާނު ފައްޔާޒަށް ލަނޑެއް ދޭނޭ ބުނާ މީހުން ވެސް މަދެއް ނޫނެވެ.
އެހެންވެ، ޗެއާޕާސަންކަން ހޯއްދެވުމާ އެކު، 2028 ގައި އަނެއްކާ ވެސް ނަޝީދު ގޮވައިގެން އެމްޑީޕީން ނުކުންނަން ނުޖެހޭނެތޯ އެއީ ހަމަ އަސްލު ސުވާލެކެވެ.

ނަޝީދާއި ފައްޔާޒު: ދެ ބޭފުޅުން މަސައްކަތްކުރައްވަނީ ގުޅިގެން ވެރިކަމަށް ވަޑައިގަންނަވަން -- ފޮޓޯ/ ލޫކަސް ޖަލީލް
"[ވާދަ] ނުކުރާނެއެކޭ ނުބުނާނަން، އެކަމަކު ހަމަ ހިއެއް ނުވޭ،" ސިޔާސީ ދާއިރާގައި ވިއްސަކަށް އަހަރުވީ ބޭފުޅަކު ގާތުގައި އަހާލީމާ ވިދާޅުވިއެވެ.
"މިހާރު ވެސް ވަރަށް ބޮޑަށް އިތުބާރު ނުކުރެވޭ ބޭފުޅެއްގެ ގޮތުގައި އެ އޮތީ ލޭބަލްވެފައި. އަނެއްކާ އެހެން އޮއްވާ އެހާ ސާފުކޮށް ތިމަންނަ ވާދައެއް ނުކުރާނަމޭ ވިދާޅުވެފައި ވާދަކުރެއްވުން ވާނީ ވެސް މިސްޓޭކަކަށް. ދެވަނަ ކަމަކީ ފާއިތުވި އިންތިޚާބުތަކުގެ ނަތީޖާ. އެ ހިސާބު ޖައްސަވައިފި ނަމަ ޔަގީނުން ވެސް ވާދައެއް ނުކުރައްވާނެ،"
އެއީ ތެދުފުޅެކެވެ. އިރެއްގައި ނަޝީދަށް އޮތް ތާއީދެއް މިހާރަކު ނެތެވެ. އެއީ، ހަގީގަތެވެ.
ފުރަތަމަ 2008 ވަނަ އަހަރު 97،222 ވޯޓު ހޯއްދެވިއެވެ. އޭގެ ފަހުން 2013 ގައި 105،181 ވޯޓު ހޯއްދެވިއެވެ. އެއް ބޭފުޅަކު ހޯއްދެވި އެންމެ ބޮޑު އަދަދުތަކެވެ. އެކަމަކު، މިހާރު އެހެން ހެއްޔެވެ؟
ޖަނަވަރީ 2023 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ނާކާމިޔާބުވީ 8،000 އެއްހާ ވޯޓުގެ ބޮޑު ތަފާތަކުންނެވެ. ލިބިވަޑައިގެންނެވީ އެންމެ 15،000 އެއްހާ ވޯޓެވެ. އޭގެ ފަހުން އެ މަނިކުފާނު ނެރުއްވި ރިޔާސީ ކެންޑިޑޭޓަށް ވެސް 2023 ގައި ލިބިވަޑައިގަތީ ހަމަ 15،800 އެއްހާ ވޯޓެވެ. ޕަސެންޓޭޖުން ބަލާނަމަ، މުޅި ރާއްޖޭން އެންމެ ހަތް ޕަސެންޓެވެ.
ސިޔާސީ ގޮތުން ކިތަންމެ ވަރުގަދަ އެނބުރި ވަޑައިގެންނެވުމެއް ނަމަވެސް ނަޝީދު ޗެއާޕާސަނަކަށް އެ ވެވަޑައިގެންނެވީ ވެސް ހަމަ އެހާކަންހާ ވަރުގެ ވޯޓުންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖުމުލަ 50،000 މީހުންނަށް ވޯޓުލެވޭ އިންތިޚާބެއް ނަމަވެސް މުޅި ރާއްޖޭގައި ކުރެއްވިތަން ފެނުނު 'ޚަރަދު ބޮޑު' އިންތިޚާބަށް ފަހު ނަޝީދު މަގާމު ހޯއްދެވީ 20,000 އެއްހާ ވޯޓު ހޯއްދަވައިގެންނެވެ.
ޕާޓީގެ ތަޚުތަށް ވަޑައިގެންފިއެވެ. ޝައްކެއް ވެސް ނެތެވެ. ވަރުގަދަ އެނބުރި އައުމެކެވެ. އެއަށް ކްރެޑިޓް ހައްގެވެ.
އެކަމަކު، އެ މަނިކުފާނުގެ ސިޔާސީ ތާއީދު ބޮޑުވެއްޖޭ ބުނެވޭނެ ގޮތެއް ނޯންނާނެއެވެ. ހިސާބު އަކުރުން ފެންނަން ހުރީ ހަމަ އެއް ސައިޒެކެވެ. އޭރު ވެސް މިހާރު ވެސްއެވެ. އަނެއްކާ ބަލި އެ ކުރެއްވީ ވެސް ޒުވާނެކެވެ. ނަޝީދާ އެއް ލެވެލްއެއްގެ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު އެ ހުންނެވީ ގައުމުގެ ރައީސްކަމާއި، ޕާޓީގެ ރައީސްކަމާއި، މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވާފައެވެ.
ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. އެކަމަކު، އަނެއްކާ ވެސް ފެންނަނީ ޕާޓީގެ ކޮންޓްރޯލް ނަޝީދު ނަންގަވާތީއެވެ. އެހެން މީހުން 'ސައިޒް'ކުރާނެ މަންޒަރެވެ. އެ މަނިކުފާނު މުޅި އުމުރުފުޅު ދެކެވަޑައިގަންނަވާ 'ބޮޑުވަޒީރު'ކަމުގެ ހުވަފެން ހާސިލުކުރައްވަން އަނެއްކާ ވެސް ޓްރައިއެއް ކޮށްލައްވާ ތަނެވެ. އަސްލު 'ބޮޑު ބަދަލަކީ' އެއީއެވެ. މި ފެށުނީ އެ މަސައްކަތެވެ. އެ މަނިކުފާނު އަމިއްލަފުޅަށް ވިދާޅުވިހެން މުޅިން ބަލިވަންދެން ހަމަ މަސައްކަތްކުރައްވާނެއެވެ. އެކަން އޮންނަން ވާނީ ވެސް އެހެންނެވެ.