ރަޖްނީކާންތު އާއި ރިތިކް 40 އަހަރަށްފަހު އެކީގައި މަސައްކަތްކުރަނީ؟

ދެކުނު އިންޑިއާގެ އެކްޓަރު ރަޖްނީކާންތު އަދި ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން--ފޮޓޯ/އެންޑީޓީވީ

ދެކުނު އިންޑިއާގެ ލެޖެންޑް އެކްޓަރު ރަޖްނީކާންތު އާއި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން 40 އަހަރަށްފަހު އެކީގައި ފިލްމެއްގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ރިތިކް ވަނީ ރަޖްނީކާންތުގެ މަގުބޫލު ފްރެންޗައިސް "ޖެއިލާ"ގެ ދެވަނަ ފިލްމުގެ ރޯލަކަށް ސޮއިކޮށްފައެވެ.

މި ފިލްމުގައި ރިތިކް ކުޅެން ހަމަޖެހިފައިވާ ކެރެކްޓާ އެންމެ ފުރަތަމަ ހުށަހެޅީ އެކްޓަރު ޝާހްރުކް ޚާންއަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޝާހުގެ ބަދަލުގައި "ޖެއިލާ 2"ގެ ރޯލަކުން ރިތިކް ފެންނާނެކަމުގެ ރިޕޯޓުތަކާ އެކު މި ފިލްމާމެދު ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

ފިލްމު "ޖެއިލާ 2" އަކީ ގާތްގަނޑަކަށް 40 އަހަރަށްފަހު ރިތިކް އާއި ރަޖްނީކާންތު އެކުގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެކުރިން މި ދެ ތަރިން އެކުގައި ފެނިފައިވަނީ 1986 ވަނަ އަހަރު ނެރުނު "ބަގްވާން ދާދާ"އިންނެވެ.

އެ ފިލްމުގައި ރިތިކް ކުޅެފައިވަނީ ރަޖްނީކާންތުގެ ކެރެކްޓާގެ ފިރިހެން ދަރިފުޅުގެ ރޯލެވެ. މިއީ ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށް ރިތިކް ވުމުގެ ކުރިން ކުޅުނު މަދު ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

މީގެ 3 އަހަރުކުރިން ރިލީޒްކުރި ފިލްމު "ޖެއިލާ"ގެ މަންޒަރެއްގައި ރަޖްނީކާންތު--ފޮޓޯ/އިންޑިއާޓުޑޭ

ރިތިކް "ޖެއިލާ 2"ގައި ކުޅޭ މަންޒަރުތައް މި މަހުގެ 22 އާއި 23ގައި ޗެންނާއީގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. ރިތިކްގެ ޓީމާ ގާތް މީހަކު އެންޑީޓީވީއަށް މިކަން ކަށަވަރުކޮށްދީފައިވާއިރު، އެ ކެރެކްޓާއަށް ބޭނުންވާ ތަފާތު ސިފަތައް (ލުކް ޓެސްޓް) ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރިތިކްގެ ރޯލަކީ ގިނަ އެކްޝަން މަންޒަރުތަކެއް ހިމެނޭ، ފިލްމުގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާނެ ފަދަ މުހިންމު ރޯލެކެވެ.

ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށް، ސަން ޕިކްޗާސް އިން އުފައްދާ މި ފިލްމުގައި މޯހަންލާލް، ޝިވަ ރާޖްކުމާރު، ވިޖޭ ސެތުޕަތީ، މިތުން ޗަކްރަބޯޓީ، އެސް.ޖޭ ސޫރިޔާ، ރަމްޔާ ކްރިޝްނަން، ވިދްޔާ ބާލަން އަދި ޔޯގީ ބާބޫ ފަދަ މަޝްހޫރު ތަރިން ފެންނާނެއެވެ.

ރަޖްނީކާންތުގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެތެރޭ ހިމެނޭ "ޖެއިލާ"ގެ ދެވަނަ ބައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.

ދެކުނު އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ޖެއިލާ 2" ގައި ބޮލީވުޑްގެ ކާމިޔާބު ތަރި ރިތިކް ރޯޝަން މުހިންމު ރޯލަކުން ފެނިގެންދާނެކަން ވަނީ ރިޕޯޓުތަކުން ކަށަވަރުވެފައެވެ. މި ދެ ތަރިން އެންމެ ފަހުން އެކުގައި ފިލްމެއްގައި މަސައްކަތްކޮށްފައިވަނީ މީގެ 40 އަހަރު ކުރިން، 1986 ވަނަ އަހަރު ނެރުނު ފިލްމު "ބަގްވާން ދާދާ" އިންނެވެ. ރިތިކް ކުޅުމަށް ހަމަޖެހިފައިވާ ވަރުގަދަ އެކްޝަން ރޯލުގެ މަންޒަރުތައް ޗެންނާއީގައި ނެގުމަށް ތާވަލުކުރެވިފައިވާއިރު، މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިކަމުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

  • ރިތިކް ރޯޝަން "ޖެއިލާ 2" ގައި ކުޅުމަށް ސޮއިކޮށްފައިވަނީ ފުރަތަމަ ޝާހްރުކް ޚާންއަށް ހުށަހެޅުނު ރޯލެކެވެ.
  • މިއީ 1986 ވަނަ އަހަރަށްފަހު ރަޖްނީކާންތު އާއި ރިތިކް އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރެވެ.
  • ރިތިކްގެ ރޯލަކީ ފިލްމުގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާނެ ފަދަ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ރޯލެކެވެ.
  • ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށް ސަން ޕިކްޗާސްއިން އުފައްދާ މި ފިލްމު ރިލީޒްކުރާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
  • މި ފިލްމުގައި މޯހަންލާލް އަދި ވިޖޭ ސެތުޕަތީ ފަދަ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.
comment ކޮމެންޓް