ޕޭޕަލްގެ ސަބަބުން ރާއްޖޭގެ އީކޮމާސް ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ލިބޭނެ: މިނިސްޓްރީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އިކޮނޮމިކް މިނިސްޓަރު ސަޢީދާއި އުރީދުއާއި ޕޭޕަލްގެ އިސް ބައެއް ބޭފުޅުން ފޮޓޮއަކަށް ހުއްޓި: ޕޭޕަލްގެ ސަބަބުން ރާއްޖޭގެ އީކޮމާސް ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުނޭ -- ފޮޓޯ: ރައީސް އޮފީސް

ޕޭޕަލްގެ ސަބަބުން ރާއްޖޭގެ އީކޮމާސް ސިނާއަތަށާއި ޑިޖިޓަލް އިގްތިޞާދަށް އިންގިލާބީ ކުރިއެރުމެއް ލިބި، ވިޔަފާރިތަކަށް އައު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދިގު އިންތިޒާރަކަށް ފަހު، ރާއްޖެއަށް މިއަދު ވަނީ ޕޭޕަލްގެ ޚިދުމަތް ތައާރަފުކޮށްފައެވެ. އުރީދޫގެ ޕާޓްނަޝިޕާއެކު ތައާރަފުކުރި މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

https://sun.mv/223369

ޕޭޕަލްއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި، ބަލައިގަތުމާއި، އަދި ފައިސާ މެނޭޖުކުރުމުގެ ފުރުސަތު ހުޅުވާލައިދޭ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެކެވެ. ބޭނުންކުރާ ފަރާތްތަކަށް މީގައި އެކައުންޓެއް ހަދައި، ބޭންކް އެކައުންޓެއް ނުވަތަ ޕޭމަންޓް ކާޑެއް ގުޅުވާލައިގެން، އެމީހުންގެ މާލީ މައުލޫމާތު ސީދާ ހިއްސާނުކޮށް، ވިޔަފާރިކުރުމަށާއި، ފައިސާ ފޮނުވުމަށް ނުވަތަ ފައިސާ ބަލައިގަތުމަށް ޕޭޕަލް ބޭނުންކުރެވިދާނެއެވެ. ދުނިޔޭގެ އެކި ކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޕޭޕަލް އަކީ ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސް ވިޔަފާރިތައް ހިމެނޭގޮތަށް، އޮންލައިންކޮށް މުއާމަލާތްތައް ހިންގުމަށް ލިބޭ ފަސޭހަ އަދި ރައްކާތެރި ވަސީލަތެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިގުތިޞާދަށް ކުރިއެރުން ލިބުމުގެ އިތުރުން، ގައުމީ އިގުތިޞާދުގެ ބިންގާ ވަރުގަދަވެ، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކަށް ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވާނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ޕޭޕަލްގެ ޚިދުމަތާއެކު، ސަރަހައްދުގެ އެންމެ ކުރިއަރައިފައިވާ ޑިޖިޓަލް އިގުތިޞާދުތަކުގެ ސަފަށް ރާއްޖެ ދަތުރުކޮށްފައިވާ ކަމަށެވެ.

ޕޭޕަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، މިއަދަކީ އައު ސަފުހާއެއްގެ ފެށުން ކަމަށާއި، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރެވިގެން ދިއުމާއެކު ދުނިޔެ މިހާރު މި އޮތީ ދިވެހީންގެ އިނގިލިކުރީގައި ކަމަށެވެ.

https://sun.mv/223378

މިނިސްޓަރުގެ ވާހަކައިގައި ވަނީ، ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ކުރި މަސައްކަތަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ޕޭޕަލްގެ ޚިދުމަތް ހޯދުމަށްޓަކައި އެ ކުންފުންޏަށް ސަރުކާރުން ސީދާ ހުށަހެޅިކަމާއި، ރާއްޖެއަށް ޕޭޕަލް ތައާރަފުކުރަން ޕްރޮޕޯސަލް ހުށަހެޅި ކަމާއި، ޕޭޕަލް ތައާރަފުކުރުމަށްޓަކައި ޓެސްޓިން މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭޕަލް ތައާރަފުކުރުން ފަދަ މަސައްކަތްތަކުން މަގުފަހި ކުރަނީ، 2040އަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަމަށެވެ.

https://sun.mv/223383

ރައީސް ވަނީ، 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާނީ ޑިޖިޓަލް އިގުތިޞާދުން ކަމަށް ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. މިގޮތުން، ގޫގުލްއާއެކު ދިވަރު އިންޓަނޭޝަލް ސަބްމެރިން ގެނައުމުގެ މަސައްކަތް ފެށީ ވެސް އެ ތަސައްވުރާ އެއްގޮތަށްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި ކާބަފައިން ރާއްޖެއާ ދުނިޔެ ގުޅުވައިދިނީ، ކަނޑުމަގުން ކަމަށާއި މިއަދު އެ ކަން ކުރަނީ ޑިޖިޓަލް އިގުތިޞާދުގެ ތެރެއިން ކަމަށެވެ.

ރައީސް ވަނީ، ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒަރުން މި ލިބުނު ފުރުސަތާއެކު، އޭގެ ފައިދާ ނެގުމަށް ގޮވާލައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފައެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި، މި ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އީކޮމާސް ސިނާޢަތަށާއި ޑިޖިޓަލް އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މި ޚިދުމަތަކީ ސީދާ ބޭންކު މަޢުލޫމާތު ޙިއްޞާނުކޮށް، ރައްކާތެރިކަމާއެކު އޮންލައިންކޮށް ފައިސާ ފޮނުވުމާއި ބަލައިގަތުމަށް މަގުފަހިކޮށްދޭ ނިޒާމެކެވެ. ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، ރާއްޖޭގެ ޖީޑީޕީގެ ފަނަރަ އިންސައްތަ ޑިޖިޓަލް އިޤުތިޞާދުން ޙިއްޞާކުރުން ކަމަށާއި، މިފަދަ ޚިދުމަތްތަކަކީ 2040 ވަނަ އަހަރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އުރީދޫއާ ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްދެއްވައިފައެވެ.
  • މި ޚިދުމަތުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފައިސާގެ މުޢާމަލާތްތައް ކުރުމަށް ފަސޭހަވެގެންދާނެއެވެ.
  • ޕޭޕަލްގެ ސަބަބުން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ޤައުމީ އިޤުތިޞާދުގެ ބިންގާ ވަރުގަދަވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެއެވެ.
  • ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޑިޖިޓަލް އިޤުތިޞާދުގެ ތެރެއިން ހޯދުމެވެ.
  • މި ކާމިޔާބީއާއެކު ދިވެހިރާއްޖެ މިހާރު ވަނީ ސަރަޙައްދުގެ އެންމެ ކުރިއަރައިފައިވާ ޑިޖިޓަލް އިޤުތިޞާދުތަކުގެ ސަފާ ގުޅިފައެވެ.
comment ކޮމެންޓް