އެއްވެސް ޝައްކެއް ނެތް ގޮތުގައި ދިވެހިރާއްޖެފަދަ ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާ އެންމެ ބޮޑަށް ގުޅި ލާމެހިފައިވަނީ ޤައުމުގެ އިޤުތިޞާދީ ޙާލަތާއެވެ. ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން ކުޑަ، ޤައުމަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތައްވެސް ކަށަވަރު ކުރުމަށް ބޭރުގެ ޤައުމުތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމަށް ބަރޯސާވާން ޖެހިފައި އޮންނަ ޤައުމަކަށް ވުމުން، ދިވެހިރާއްޖޭގެ އިޤުތިޞާދީ ޙާލަތު ރަނގަޅުކޮށް މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންކުރާނެ އެންމެ މުހިންމު ވަސީލަތެއްގެ ގޮތުގައި ފާހަގަވާން އޮތީ ޚާރިޖީ ސިޔާސަތެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ގުޅުންހުރި އެންމެ ވަރުގަދަ ދިފާޢީ އައްޑަނައެވެ.
އެގޮތުން ބަލާއިރު ދިވެހިރާއްޖެއަށް ކުރިމަތިވާ އިޤުތިޞާދީ ޙާލަތުތަކުން އަރައިގަތުމަށް ރާއްޖެއަށް އަބަދުވެސް ކުރާންޖެހިފައި އޮންނަ އެންމެ ބުރަ އަދި އިސްތިރާޖީ (ސްޓްރެޓީޖިކް) މަސައްކަތަކީ ބައިނަލްއަޤުވާމީ ދުނިޔެއާއެކު ޤާއިމްކުރާންޖެހޭ ގުޅުންތަކެވެ. ކުރާންޖެހޭ މުޢާމަލާތްތަކެވެ. އެއީ ލޯނުގެ އެހީތެރިކަން ނަމަވެސް، ހިލޭ އެހީ ނުވަތަ ބަޖެޓްރީ ސަޕޯޓް ކަމަށްވި ނަމަވެސް، ޑިޕްލޮމަސީގެ ވަސީލަތްތަކުގެ ޒަރީއާއިން މެނުވީ، ދިވެހިރާއްޖެއަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކާރިސާތަކުން އަރައިގަތުން ވެގެންދާނީ ދަތި އުނދަގޫކަމަކަށެވެ. މި ޙާލަތު ދިވެހިރާއްޖެއިން ވަނީ ފާއިތުވެދިޔަ ކޯވިޑްގެ އާލަމީ ވަބާގައި ވަރަށްވެސް ރަނގަޅަށް ތަޖުރިބާ ކޮށްފައެވެ.
އެހެންކަމުން، ދިވެހިރާއްޖެ މިއަދު ތަޙައްމަލުކުރަމުންދާ ޑޮލަރު ދަތިކަމަކީ، ޚާރިޖީ ސިޔާސަތުގެ ނަޒަރިއްޔާތަކުން ވަޒަންކޮށްގެން މެނުވީ އެ ކާރިސާގެ އަސްލާއި އޭގެ ޙައްލާއި ހަމައަށް ވާސިލުވެވެން ނޯންނާނެ ބޮޑު ކާރިސާއެއް ކަމުގައި ދަންނަވާން ޖެހެއެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ރިޔާސީ ކެމްޕޭންތަކުގެ ބަހުސަކަށް ޚާރިޖީ ސިޔާސަތު!
ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ކެމްޕޭން ބިނާވެފައި އޮތީ މައިގަނޑު އެއް އަސާސްގެ މައްޗަށެވެ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވާ ދެއްވުމުގެ ނަމުގައި ރައީސް މުޢިއްޒު ކުރެއްވި އެ ރިޔާސީ ކެމްޕޭންގެ ބޮޑު ބަހުސަކަށް ވެގެންދިޔައީ، އޭގެ ކުރިން ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވާ ހިންގެވި "އިންޑިއާ އައުޓް" ޝިޢާރެވެ. ދިވެހި ރައްޔިތުންގެ ވޯޓު ރައީސް މުޢިއްޒު ކަށަވަރު ކުރެއްވީ ޤައުމުގެ މިނިވަންކަން އެމްޑީޕީގެ ސަރުކާރުން ޤުރުބާން ކޮށްފައިވާކަމަށް ވިދާޅުވެ، އަދި އެ މިނިވަންކަން އަނބުރާ އިޢާދަ ކުރައްވާނެކަމަށް ވިދާޅުވެ، ވެވަޑައިގެންނެވި ވަޢުދުތަކުގެ މައްޗަށެވެ.
ކުރު ގޮތަކަށް ދަންނަވަނީނަމަ 2023ގެ ރިޔާސީ ކެމްޕޭންގެ ބޮޑު ބަހުސަކަށް ވެގެންދިޔަ މައުޟޫޢަކީ އިންޑިއާއެވެ. ޚާރިޖީ ސިޔާސަތަކީ ބަހުސްކޮށްގެން ޙައްލު ހޯދާން ޖެހުމަށްވުރެ، އެތައް ޒަމާނަކުއްސުރެ، ހަތުރުވެރިކަމެއް ނެތި، އެންމެންނަކީވެސް އެކުވެރިންކަމުގައި ދެކިގެން ރާއްޖެއިން ތަންފީޒުކުރަމުން އައިސްފައިވާ ސިޔާސަތަކަށްވި ނަމަވެސް، އެއްކޮޅާއި އިދިކޮޅުގެވެސް ރިޔާސީ އިންތިޚާބުގެ ބޮޑު ބަހުސް ގުޅި ލާމެހިގެން ދިޔައީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއެވެ.
ހަމަ އެއާއެކު ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހުވެސް، ދުވަސްކޮޅަކަށް، ވެރިކަމުގެ ކުރީކޮޅު އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ވަޒަން ކުރެވިގެން ދިޔައީ، އިންޑިއާއާއި ދެކޮޅު "މުރަނަ" ޚާރިޖީ ސިޔާސަތެއްގެ ގޮތުގައެވެ. އިންޑިއާއަކީ ބުލީކުރާ ޤައުމެއްގެ ގޮތުގައި ސިފަކޮށް، ބޭހާއި ކާޑުގެ ބާވަތްތައް ފަދަ އެންމެ އަސާސީ ތަކެއްޗަށްވެސް އެ ޤައުމަށް ބަރޯސާ ވާންޖެހިފައި އޮންނަ އޮތުން ކުޑަކުރުމަށް މި ސަރުކާރުގެ ކުރީކޮޅު ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ވެއެވެ. އެއަށްފަހު، ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރީ ޓްރެއިނަރުން ބާލަން އެންގުމާއި، އެ ޤައުމާއެކު ރާއްޖެއިން ޤާއިމް ކޮށްފައި އޮތް ހައިޑްރޮގްރެފިކް އެއްބަސްވުން ބާޠިލުކުރެއްވުމާއި، ފުރަތަމަ ރަސްމީ ދަތުރުފުޅު ޗައިނާއަށް ކުރެއްވުމަކީ، ބައި ޤަރުނަށްވުރެ ދިގު މާޒީގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ތަރައްޤީގެ ބައިވެރިޔާއާ މެދު އިޚުތިޔާރު ކުރެއްވި މުޅިން އައު މިސްރާބުތަކެކެވެ.
ވެރިކަމަށް ވަޑައިގެންނެވުމާއެކު ރައީސް މުޢިއްޒު ތަންފީޒު ކުރައްވަން ފެއްޓެވި މި ޚާރިޖީ ސިޔާސަތުގެ އިޤުތިޞާދީ އަގު އިސާހިތަކު ފެންމަތިވިއެވެ. ދެހާސް ސައްވީސް ވަނަ އަހަރު ބޮޑުވަޒީރު މޯދީގެ ލަކްޝަދީވް ދަތުރުފުޅާ ގުޅިގެން ދިވެހި ސިޔާސީ ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއަށް އަންނަ އިންޑިޔާ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 33 އިންސައްތަ ދަށަށް ދިޔައެވެ. ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓު ކުއްލި ގޮތަކަށް އިނދަޖެހި، ޤައުމަށް ބޭރު ފައިސާ ވަންނަ މިންވަރު ވެސް އޭރު އިންތިހާއަށް ދަށަށް ދިޔައެވެ.
ކުރުގޮތަކަށް ދަންނަވަނީ ނަމަ ރައީސް މުޢިއްޒުގެ ރިޔާސީ ދައުރު ފެށިގެން ދިޔައީ، ދޫދިނުމަށްވުރެ ބޮޑަށް، އިންޑިއާއަށް ދުރަށް ހޭރިޔާ ކޮށްފައި އޮތް ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި ސިޔާސަތުތައް ސިފަވަމުންނެވެ. އޭގެ ނަތީޖާ ނުކުތީ އެންމެ އެދެވޭ ބީދައިން ކަމުގައި ދެންނެވޭކަށްވެސް ނެތެވެ. މިއަދު ފަސް އެނބުރި ބަލާލާއިރު، ޗައިނާވެސް އަދި އިންޑިއާވެސް ރާއްޖެއާ އެއް އޮޑިއެއްގައި "ކޮނޑާއި ކޮނޑު ޖައްސައިގެން" ދަތުރުކުރާ މަންޒަރު، ވަކީން ޚާއްސަކޮށް އެ ޤައުމުތަކާއެކު ބާއްވަމުންދާ މާލީ މުޢާމަލާތްތަކުން (ލޯން، ހިލޭ އެހީ އަދި ބަޖެޓްރީ ސަޕޯޓަށް ލިބޭ އެހީތަކުން) ސިފަވަމުން ނުދާނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލް ވެއްޖެކަމުގައި މޭރުން ކުރާން ޖެހެއެވެ. އެ ޙާލަތުގައި، ޤައުމުގެ އިޤުތިޞާދީ ޙާލަތަށް ޚާރިޖީ ގުޅުމުގެ އަސަރު އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ނުކޮށް ނުދާނޭ ކަމީ ޤަބޫލުކުރާންޖެހޭ އެންމެ ބޮޑު ޙަޤީޤަތެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ޗައިނާ ސިޔާސަތުވެސް ކާމިޔާބެއް ނުވި!
ރައީސް މުޢިއްޒުގެ ރިޔާސީ ދައުރު ފެށިގެން ދިޔައީ ރާއްޖެއިން ދަމަހައްޓަމުން އައި، އިންޑިއާއެކު ގާތް ގުޅުމެއް އޮވެމެ، ޗައިނާއަކީވެސް ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ބަލައިގަތުމުގެ އިސްތިރާޖީ ސިޔާސަތު އެފުށް މިފުށަށް ޖައްސަވަމުންނެވެ. އެގޮތުން، ހަމަ ކުއްލި ގޮތަކަށް އިންޑިޔާއާއި ދުރަށް ޖެހި، ބޭޖިންގްއާއި ގާތަށް ރައީސް މުޢިއްޒު ޖެހިވަޑައިގަތީ ޗައިނާގެ އެހީތެރިކަމާއެކު ބޮޑެތި އިންވެސްޓްމަންޓުތައް ހިންގުމުގެ އިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނި ލުއިކޮށްދިނުމުގައި އެ ޤައުމުގެ އެހީތެރިކަން ހޯދުމުގެ އުއްމީދުގައެވެ.
އެހެންނަމަވެސް ރައީސް މުޢިއްޒުގެ ސަރުކާރަށް ޙަޤީޤަތުގައި ކުރާންޖެހުނީ ތަފާތު ތަޖުރިބާއެކެވެ. ފެނިގެންދިޔައީ އެހެން މަންޒަރެކެވެ. ވެރިކަމުގެ ކުރީކޮޅު ޗައިނާއިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 75 މިލިއަން ޑޮލަރުގެ ލޯނެއް ރީފައިނޭންސް ކޮށްދިނުމަށްފަހު، ބޮޑެތި އައު ލޯނުތަކާއި ޑެޓް ރިލީފް ދިނުމަށް ބޭޖިން ފަސްޖެހުނެވެ. ބަދަލުގައި ޗައިނާ ދިޔައީ ސަރުކާރު ބޭނުންވި ބޮޑެތި ފައިނޭންސިންގެ ބަދަލުގައި، "ކުޑަ އަދި ރީތި" ކޮމިއުނިޓީ ޕްރޮޖެކްޓުތަކުގައި ހިޔަނީގައި ސަރުކާރު ބާއްވަމުންނެވެ. އޭގެ ތެރެއިންވެސް ފެންނާން އޮތް އެންމެ ދިރިހުރި މިސާލަކީ ގްރޭޓާ މާލެ އޭރިއާގެ މަގު ހެދުމުގެ މަޝްރޫޢެވެ. ދައުރު ދެބައިވެގެން ދިޔައިރުވެސް އަދިވެސް އެ މަޝްރޫޢު އޮތީ ސާވޭ ކުރުމާއި ފައިނޭންސްކުރުމުގެ މަރުޙަލާގައެވެ. މިނޫނަސް މިފަދަ، ނިސްބަތުން ކުޑަ އެތައް މަޝްރޫޢުތަކެކެވެ. މިއީ ރައީސް ޔާމީންގެ ދައުރުގައި ޗައިނާއިން ރާއްޖެއަށް ވެދިން އެހީތެރިކަމާއި، ހިންގި މަޝްރޫޢުތަކުގެ ޒައްރެއްގެ މިންވަރަށްވެސް ނުފުދޭވަރުގެ ކުދި އެހެންނަމަވެސް ރާއްޖެއަށް މުހިންމުކަން ބޮޑު މަޝްރޫޢުތަކެވެ.
އެގޮތުން، ޗައިނާއާއި ވީފަޅިއަށް އަރިވެ، އެ ޤައުމުން އުއްމީދު ކުރިވަރުގެ ފައިސާ ކަށަވަރު ނުކުރެވުމުން، ސަރުކާރަށް ޖެހުނީ ޑޮމެސްޓިކް މާކެޓަށް ބަރޯސާވެ، ޓީ-ބިލްސް އާއި ބޮންޑުތައް ވިއްކާށެވެ. މިދިޔަ އަހަރު ސަރުކާރުން ނެގި އައު ދަރަނީގެ 90 އިންސައްތަ ސަރުކާރުން ހޯދާފައިވަނީ އެތެރޭގެ ބާޒާރުންނެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޖުމްލަ ދަރަނި 155 ބިލިއަން ރުފިޔާ، ނުވަތަ ޖީޑީޕީގެ ނިސްބަތުން 130 އިންސައްތައަށް މިހާރުވަނީ އުފުލިގެން ގޮސްފައެވެ.
އެނބުރި އަނެއްކާވެސް އިންޑިޔާ ފަސްޓު ޕޮލިސީއަށް ރުޖޫޢަވުން!
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެކަށައެޅުއްވި ޚާރިޖީ ސިޔާސަތަށް އިންޑިއާ އަދި ޗައިނާއިންވެސް އެންމެ އެކަށީގެންވާ މަޤާމް ކަށަވަރު ނުކުރެވި ވަނިކޮށް، ރާއްޖޭގެ އިޤުތިޞާދު ފެއިލްވުމުގެ ބިރު ބޮޑުވެ، ޚާރިޖީ ސިޔާސަތު އޭގެ އަސްލަށް ރުޖޫޢަ ކުރުމަށް މި ސަރުކާރުން އޭރު މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ޗައިނާއާއެކު އޮތް ގުޅުން އެގޮތުގައި އޮވެމެ، ހީނަރުވަމުންދިޔަ އިންޑިއާ-ރާއްޖޭގެ ގުޅުން ރަނގަޅު ކުރުމަށް މި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް 2024 ވަނަ އަހަރުގެ ފަހުކޮޅު ކޮށްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން ރައީސް މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އިންޑިއާއިން އެ ޤައުމުން ދަމަހައްޓަމުން އައިސްފައިވާ "ނެއިބަރހޫޑް ފަސްޓް" ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފައި ނުވުމާއެކު، އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އެ ސިޔާސަތާއި ގުޅިލާމެހިފައި ވުމުން، ރައީސް މުޢިއްޒުގެ މި ދަތުރުފުޅުވެސް އޭގެ ޒާތުގައި ވެގެން ދިޔައީ ހުސްއަތާ އެނބުރި ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ދަތުރުފުޅަކަށް ނޫނެވެ. އެގޮތުން މި ދަތުރުފުޅުގައި އިންޑިޔާއާއެކު ހެދި 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކާއެކު، ނަގަމުންދިޔަ މާސިންގާ ރާޅަކުން ސަލާމަތް ވުމުގެ ފުރުސަތު ރާއްޖެއަށް ފަހިވެގެން ދިޔައެވެ. ދިވެހިރާއްޖެ ދަރަނީގެ ޑިފޯލްޓަކުން ސަލާމަތްވިއެވެ.
އެހެންނަމަވެސް، ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހޭރިޔާކުރާންވީ އަސްލު މިސްރާބު ސަރުކާރަށް ފަހުމް ކުރެވުނެއްކަމަކު، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް، އަދި އޭގެ ފަހުންވެސް، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އޮންނާންޖެހޭ އިތުބާރަށް "އިންޑިޔާ އައުޓް" ކެމްޕޭނުން ކުރި އަސަރުތަކާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤުތިޞާދަށް ލިބުނު ގެއްލުމާއި އެޅި ކޫރުމާއި ލީ ރެނދުތަކަަށް އެއީ ފަރުވާއަކަށް ނުވިއެވެ.
ފިޗް ރޭޓިންގ އެޖެންސީން ދިވެހިރާއްޖެ 'CC' އަށް ދަށްކުރުމާއި، މޫޑީސް އިން Caa2 ދިނުމަކީ، ބައިނަލްއަޤުވާމީ މާކެޓުން ދިވެހިރާއްޖެއަށް އޮތް އިތުބާރު ދަށްވެފައިވާ މިންވަރު ދައްކުވައިދިން ސާފު ހެއްކެކެވެ. މީގެ ސަބަބުން ބޭރު ބާޒާރުތަކުން ބޮޑު އިންޓަރެސްޓަކާ ނުލައި ލޯނު ނެގުމުގެ ފުރުޞަތުތައް ރާއްޖެއަށް އެކީ އެކަށް ބަންދުވެގެން ދިޔައީ ޙަޤީޤަތުގައިވެސް ޚާރިޖީ ސިޔާސަތު ފެއިލް ވެގެން ކަމުގައި ދަންނަވާން ޖެހެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
އޮތީ ދެ ހައްލެއް!
ޑިޕްލޮމަސީގެ ތަބީޢަތަށް ނަޒަރެއް ހިންގާލާއިރު، ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް، ބޮޑެތި ބާރުތަކުގެ މެދުގައި ސީދާ ފަޅި އިޚުތިޔާރު ކުރުމުގެ ފުރުޞަތު އަބަދުވެސް އޮންނަނީ ވަރަށްވެސް ހަނިކޮށެވެ. އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ، އެހެންނަމަވެސް، ޓޫރިޒަމް، ކެއިން ބުއިމާއި ގުޅުންހުރި އަސާސީ ބާވަތްތަކުގެ އިމްޕޯޓު، ދަރަނި ފައިނޭންސިންގ، އަދި ބޭސްފަރުވާ ފަދަ ދާއިރާތަކުގައި އަވަށްޓެރި އިންޑިޔާއިން ޒަމާނުއްސުރެ ލިބެމުން އައިސްފައިވާ އެއްބާރުލުމާއި އޭގެ މުހިންމުކަން ހިތާއި ނަފްސުން ޤަބޫލުކުރުމަކީ ޙަޤީޤަތާ ކުރިމަތިލުމެވެ. އެއީ އަޅުވެތި ވުމެއް ނޫނެވެ.
އަދި އެއީ ދިވެހިރާއްޖެއަށް އެކަނި ކުރިމަތިވެފައި އޮންނަ ޙާލަތެއްވެސް ނުމެ ނޫންމެއެވެ. ދުނިޔޭގެ ކުދި ބޮޑު އެންމެހާ ޤައުމުތަކަށްވެސް ޚާރިޖީ ގުޅުންތައް ތަރުތީބު ކުރުމުގައި ދޭދޭ ޤައުމުތަކުން ކުރިމަތިވާ ޕްރެޝަރު އެއީ އިސްތިރާޖީކޮށް މެނޭޖްކުރާން ޖެހިފައި އޮންނަ ކަމެކެވެ. އެނޫން މަގަކުން، މުރަނަކަން ދައްކާ ޚާރިޖީ ސިޔާސަތު ހޭރިޔާ ކޮށްފިނަމަ، އޭގެ އަސަރު ކޮންމެވެސް އެއް ހަމަޔަކުން ޤައުމުގެ ޙާލަތަށް ކުރުން އޮންނަނީ އަބަދުވެސް ވަރަށްވެސް ގާތުގައެވެ.
އެގޮތުން މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ބޮޑު ކާރިސާއަށް ދާއިމީ ގޮތެއްގައި ޙައްލު ހޯދުމަށް ބޭނުންވާނަމަ، ސަރުކާރުން ދެ ކަމެއް ކުރާން ޖެހިފައި އޮތްކަމަށް އަޅުގަނޑު ދެކެމެވެ. ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ ޤައުމީ މަޞްލަޙަތުގެ މައްޗަށްކަން ޔަޤީންކުރުމެވެ. ނުވަތަ އެ ޙަޤީޤަތާއި ކެރިގެން ކުރިމަތިލާ، އެ ސިޔާސަތަށް ޤާނޫނީ ބުރަދަން ދިނުމެވެ. އިންތިޚާބީ އަދި ޖަޒުބާތީ ޝިޢާރުތަކުގެ މައްޗަށް އެއްވެސް ސަރުކާރަކުން ޚާރިޖީ ސިޔާސަތު ބިނާ ނުކުރުމެވެ. އެއީ ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް ތަޙައްމަލު ކުރެވޭ ވަރަށްވުރެ މުރަނަކަން ބޮޑު، ނުރައްކާތެރި އަދި އެހާމެ ގެއްލުން ބޮޑު ކަމެކެވެ. އޭގެ ދިރިހުރި މިސާލުތައް ވަށައިގެން މިހުރީ ފެންނާށެވެ.
ދެވަނަ ކަމަކީ، އިޤުތިޞާދު ޑައިވަރސިފައި ކުރުމެވެ. ޓޫރިޒަމް ފަދަ އެންމެ ދާއިރާއެއްގެ މައްޗަށް 25 އިންސައްތައަށްވުރެ ބޮޑަށް ޤައުމުގެ ޖީޑީޕީ ބިނާވެފައި އޮތުމަކީ، ޚާރިޖީ ސިޔާސީ ނިންމުންތަކަށް ސީދާ ޙައްދެއްނެތި އަސަރު ކުރާނޭ ކަމެކެވެ.
ޑޮލަރު ކާރިސާއަކީ ހަމައެކަނި ފައިސާ ނެތުމުގެ މައްސަލައެއް ނޫނެވެ. މިއީ އިސްތިރާޖީ ދުރު ވިސްނުމާއި ގުޅުންހުރި ފުން މައްސަލައެކެވެ.