ކާވެނީގެ ތެރެއިން ކުރަން އުޅެނީ އައު ތަޖުރިބާއެއް ނޫން ނަމަ، ނުވަތަ ބަލަން މި އުޅެނީ ކުރިން ނުދެކޭ މަންޒަރެއް ނޫން ނަމަ، އަދި ހަމަ އެހެންމެ ކުރިން އަޑުއަހައިފައިވާ ކަމެއް ނަމަ، ދެން އިތުރަށް އުފެދޭނެ ލޯތްބެއް އޮންނާނެތޯއެވެ؟
ކާވެނީގެ ކުރިން ދެޖިންސު މަސްހުނިވުން މިއީ އިސްލާމީ ތަރުބިޔަތާއި މުޅިން ޚިލާފު ކަމެކެވެ. އިސްލާމްދީނުގައި ކަމެއް މަނާކޮށްފައި ވާ ނަމަ އެ މަނައެއް އޮތީ އެ ކަމެއްގެ ގެއްލުން މުޅި އިންސާނިއްޔަތަށް އޮތް ކަންކަމުގައެވެ. އަދި މަނާ ނުކޮށް ދޫކޮށްލަފައިވާ ކޮންމެ ކަމަކީ އެ ކަމެއްގެ ސަބަބުން އިންސާނިއްޔަތަށް ފައިދާއާއި މަންފާ ކުރާ ކަންކަމެވެ. ކާވެނީގެ ބޭރުން އަންހެނަކާއި ފިރިހެނަކު ގުޅުންހިނގުމަކީ ޒިނޭކުރުމެވެ. ޒިނޭކުރުމަކީ އެކަން ކުރާވަގުތުގެ ކުރިންނާއި، އެކަމުގެ ވަގުތުގައްޔާއި، އެކަންކޮށް ނިމުމަށް ފަހު ވެސް އެ ކަމުގެ ގެއްލުން ދެމިއޮންނަ ބިރުވެރި ހަޑި މުޑުދާރު ޢަމަލެކެވެ. އެހެންކަމުން ﷲ ވަނީ އެ ޢަމަލު މަނާކުރެއްވުމުގެ ގޮތުން އެއާ ގާތް ވެސް ނުވުމަށް އަމުރު ކުރައްވާފައެވެ. އަލް އިސްރާ ސޫރަތުގެ 32ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވަނީ ﴿وَلَا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلً﴾ (الاسراء: 32) މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ."
ކީރިތި ޤުރްއާނުގެ ނައްޞުން ކަމެއް މަނާވެގެން އައުމުން އެ ކަމަކާ ގާތްނުވުން އެއީ ކިޔަމަންތެރިކަމެވެ. ކަންމިހެން އޮތްއިރު ޒިނޭކުރުމާ އެކީއެކަށް ދުރުވާ ބަޔަކުކަމުގައި މުސްލިމުން ވާންޖެހޭނެއެވެ. މި އުއްމަތުގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހަށް، ޒިނޭ ކުރުމުގެ އިޒްނަޔަކަށް އެދި ޒުވާނަކު އައި ހިނދު އެކަލޭގެފާނު ދެއްވި ޖަވާބަކީ، ބުއްދީގެ ނަޒަރިއްޔާއިން ޒިނޭގެ ނުބައިކަން ވިސްނައިގަތުމަށް އޮތް ފިލާވަޅެކެވެ. އަބޫ އުމާމާގެ ކިބައިން އިމާމް އަޙްމަދު ރިވާކުރައްވާ، އެކަލޭގެފާނުގެ މުސްނަދުގައި ލިޔުއްވާފައިވެއެވެ. "ހަމަކަށަވަރުން ޒުވާނަކު ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިހަށް އައިސް ސުވާލު ކުރިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންނާއަށް ޒިނޭކުރުމުގެ ހުއްދަ ދެއްވަފާނަންތޯއެވެ؟ އެހިނދު، އިތުރު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީބޭކަލުން އޭނާގެ ވަށާލާ ނުރުހުންތެރިކަން ފާޅުކޮށް ހުއްޓާލާށޭ! ހުއްޓާލާށޭ! ގޮވަންފަށައިފިއެވެ. އެހެނަސް ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّم އޭނާއަށް ޙަދީޘްފުޅު ކުރެއްވީ އެކަލޭގެފާނުގެ އަރިހަށް އައުމަށެވެ. އަދި އިށީނުމަށް އޭނާއަށް ޙަދީޘްކުރެއްވިއެވެ. ދެންފަހެ، އޭނާ އެ ތަނުގައި އިށީނުމުން އޭނާއަށް ޙަދީޘްފުޅު ކުރެއްވިއެވެ. "ތިބާގެ މަންމައާ އެކު (އެހެން މީހަކު) ޒިނޭކުރަން ތިބާ ރުހެމު ހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޫން، ﷲ ގަންދީ ބުނަމެވެ. ތިމަންގެ އަމިއްލަ ނަފުސު ކަލޭގެފާނަށް ޓަކައި ފިދާކުރަމެވެ." އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "މީސްތަކުން އެބައިމީހުންގެ މައިންނަކަށް ވެސް އެ ގޮތެއް ނޭދޭނެއެވެ." އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. "ތިބާގެ އަންހެން ދަރިޔާ އެކު (އެހެން މީހަކު) ޒިނޭކުރަން ތިބާރުހެމު ހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޫންނެކެވެ." އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "މީސްތަކުން އެބައިމީހުންގެ ދަރިންނަކަށް ވެސް އެގޮތެއް ނޭދޭނެއެވެ." އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. "ތިބާގެ ދައްތައާ އެކު (އެހެން މީހަކު) ޒިނޭކުރަން ތިބާ ރުހެމު ހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޫންނެކެވެ." އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "މީސްތަކުން އެބައިމީހުންގެ ދައްތައިންނަކަށް ވެސް އެގޮތެއް ނޭދޭނެއެވެ." އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. "ތިބާގެ ބައްޕަ ފަރާތު ބޮޑުދައިތައާ އެކު (އެހެން މީހަކު) ޒިނޭކުރަން ތިބާ ރުހެމު ހެއްޔެވެ؟" "ނޫންނެކެވެ." އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "މީސްތަކުން އެބައިމީހުންގެ ބައްޕަ ފަރާތު ބޮޑުދައިތައިންނަކަށް ވެސް އެގޮތެއް ނޭދޭނެއެވެ." އެކަލޭގެފާނު ހަދީޘްފުޅު ކުރެއްވިއެވެ. "ތިބާގެ މަންމަ ފަރާތު ބޮޑުދައިތައާ އެކު (އެހެން މީހަކު) ޒިނޭކުރަން ތިބާ ރުހެމު ހެއްޔެވެ؟" އޭނާ ބުންޏެވެ. "ނޫންނެކެވެ." އިތުރު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "މީސްތަކުން އެބައިމީހުންގެ މަންމަ ފަރާތު ބޮޑުދައިތައިންނަކަށް ވެސް އެ ގޮތެއް ނޭދޭނެއެވެ." ދެން އިތުރު އެކަލޭގެފާނު އޭނާގެ ގައިގައި އަތްޕުޅު ބޭއްވުމަށްފަހު އޭނާއަށް ދުޢާކޮށްދެއްވިއެވެ. "އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އޭނާގެ ފާފަފުއްސަވާނދޭވެ! އަދި އޭނާގެ ހިތް ސާފުކޮށްދެއްވާނދޭވެ! އަދި އޭނާގެ ލަދުވެތި ގުނަވަން ރައްކާތެރި ކޮށްދެއްވާނދޭވެ! އޭގެފަހުން އެ ޒުވާނާ އެފަދަ ހަޑިމުޑުދާރު ޢަމަލަކަށް ލޯބިކުރާކަމުގައި ނުވެއެވެ. އޭނާ ބުންޏެވެ. "ތިމަން މިތަނަށް އައިއިރު އެންމެ ކުރާހިތްވާ ކަމަކީ ޒިނޭ ކުރުމެވެ. އަދި މި ތަނުން އެނބުރިދާއިރު އެންމެ ނުރުހޭ ކަމަކީ ޒިނޭކުރުމެވެ."
މި އިރުޝާދުން އެނގިގެން މިދިޔައީ އަންހެނަކާ އެކު ބަދުއަޚުލާޤީ ޢަމަލެއް ހިންގަން އޭނާގެ އެއްވެސް ޙަވާލުދާރީއަކު ނޭދޭނެ ކަމެވެ. އަދި އެފަދަ ޢަމަލެއް ހިނގައިފި ނަމަ، އެ ކަމުގެ އުނދަގުލާއި ތުރާ ޢާއިލާގެ ތެރޭގައި އޮންނާނެކަމެވެ. އެހެންކަމުން ތިބާގެ ޙަޔާތް އުފާވެރިވާން އެދޭ ނަމަ އެހެން މީހެއްގެ ޙަޔާތް ހިތާމަވެރި ވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި މުޖްތަމަޢުގައި ވެސް ޒިނޭގެ ވަބާއަކީ މުޖްތަމަޢު ހަލާކު ކުރާ ފަނިފަކުސާއަށް ވެފައި އޮތް ކަމެކެވެ.