ޓްވިން އޮޓާ ކްލެސިކް 300-ޖީ ބޭނުންކުރާ ރާއްޖޭގެ ފުރަތަމަ އެއާލައިނަކަށް މޯލްޑިވިއަން

މޯލްޑިވިއަންއިން މިހާރު ބޭނުން ކުރާ ފްލައިޓެއް: އެ ކުންފުނިން ވަނީ ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީގެ ދެ ބޯޓު ގެނައުމަށް ނިންމާފަ -- ފޮޓޯ/ މޯލްޑިވިއަން

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން "ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީ" މަރުކާގެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވެލަންޑް އެއަކްރާފްޓް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ދުނިޔޭގައި ޓްވިން އޮޓާ ބޯޓުތައް އެންމެ ގިނައިން ބޭނުންކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ ބޯޓެއް ތައާރަފްކުރާ ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އިން ޑީއެޗްސީ-6 ޓްވިން އޮޓަ ކްލަސިކް 300-ޖީގެ ދެ ބޯޓު ގެންނާނެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް އިޔާޒް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްވިން އޮޓާ ކްލެސިކް 300-ޖީ ތައާރަފްކުރާ އެއާލައިނަކަށް މޯލްޑިވިއަން ވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ސީޕްލޭން ދަތުރުތަކަކީ ރާއްޖޭގެ ޗުއްޓީ ފެށޭ ހިސާބު، އަދި އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ކޮންމެ ދުވަހަކުވެސް ބިނާވެފައިވަނީ މި ބޯޓުތަކުގެ މައްޗަށް. މި އާ ޖީލުގެ ބޯޓުތަކުގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދެވޭނެ،" އިޔާޒް ވިދާޅުވިއެވެ.

ކްލެސިކް 300-ޖީ މަރުކާގެ ބޯޓުތަކަކީ ކުރު ރަންވޭތަކުން ނައްޓާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، އަދި ޒަމާނީ އެވިއޮނިކްސް ސިސްޓަމްތަކާއި ފަސިންޖަރުންނަށް އިތުރު އަރާމު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ.

މީގެ އިތުރުން، ބޯޓުގެ ބަރުދަން ލުއިވުމުގެ ސަބަބުން ފަސިންޖަރުންނާއި މުދާ އުފުލުމުގެ ގާބިލުކަން އިތުރުވެ، އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެގެންދާނެއެވެ.

މޯލްޑިވިއަން އިން ހާމަކުރި ގޮތުގައި މިއީ ރިސޯޓުތަކަށާއި ރަށްރަށުގެ މުޖުތަމައުތަކަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

މި ބޯޓުތަކުގެ ސަބަބުން ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާވެ، ރަންވޭ ނެތް މަންޒިލްތަކަށް ފަތުރުވެރިން އުފުލުމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މޯލްޑިވިއަން އިން މިހާރުވެސް 25 ބޯޓުގެ ފްލީޓެއް އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި 11 ޓްވިން އޮޓާ ބޯޓު ހިމެނެއެވެ.

މީގެ އިތުރުން އެއާބަސް A330-200 އާއި A320 ގެ އިތުރުން އޭޓީއާރް އަދި ޑޭޝް 8 މަރުކާގެ ބޯޓުތައް އެ އެއާލައިނުން ބޭނުންކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 1,000 އަށްވުރެ ގިނަ ޓްވިން އޮޓަ ބޯޓު އުފައްދާފައިވާއިރު، މިއީ ދުނިޔޭގެ އެންމެ ފުންނާބު އުސް މަލްޓި-ޔޫސް އެއަކްރާފްޓެވެ.

comment ކޮމެންޓް