އިންސާނީ ނަސްލު ދެމިއޮތުމުގެ އެންމެ މުހިންމު އެއް ތަނބަކީ އާއިލާއެވެ. އާއިލާއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދުޅަހެޔޮ، އަދަބުވެރި އަދި މުޖުތަމަޢަށް ފައިދާހުރި ދަރިންތަކެއް ބަލާ ބޮޑުކުރުމެވެ.
ދަރިން ބަލާ ބޮޑުކުރުމޭ ބުނުމުން ގިނަ ފަހަރަށް އަހަރެމެންގެ ހިތަށް އަންނަނީ އެކުދިންނަށް ކާންބޯން ދިނުމާއި، އުނގަންނައިދިނުމާއި، އަދި ބޭނުންވާ ޖިސްމާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ. ނަމަވެސް، ކުއްޖެއްގެ ޝަޚުޞިއްޔަތު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެކުއްޖާއާއި މައިންބަފައިންނާ ދެމެދު އޮންނަ ޖަޒުބާތީގުޅުމެވެ.
މި ދެންނެވި ޖަޒުބާތީ ގުޅުމަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގަލެވެ. ޖަޒުބާތީ ގުޅުމެއް އޮތުމުގެ މާނައަކީ ހަމައެކަނި އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅުމެއް ނޫނެވެ. އެއީ ކުއްޖާގެ ހިތުގެ ވިންދާއި، އޭނާގެ ހިތުގައި އުފެދޭ ބިރުވެރިކަމާއި އުފަލާއި ހިތާމަތައް މައިންބަފައިންނަށް އިހުސާސްވުމެވެ.
މަންމަގެ ނުވަތަ ބައްޕަގެ ހާޒިރީއަކީ ކުއްޖެއްގެ ހަޔާތުގައިވާ އެންމެ ވަރުގަދަ އެއް ބިންގަލެވެ. އެއީ ކުއްޖާއަށް އޭނާ ބަލައިގަންނަކަމާއި އޭނާގެ އަޑުއަހާކަމާއި އޭނާގެ އަގުވަޒަންކުރާކަން އިހުސާސްވާ ފަދަ ގާތްކަމެކެވެ. މިގޮތުން، ކުއްޖަކަށް، ތިމާއަށް އަބަދުވެސް އަޅާލުން ލިބޭކަން އިހުސާސްވާނަމަ، އެކުއްޖެއްގެ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ވަރުގަދަ އިތުބާރަކާއި ޔަގީންކަމެއް އުފެދެއެވެ. "އަހަންނަކީ މުހިންމު މީހެއް" ކަމުގެ އިހުސާސް އެކުއްޖަކަށް ކުރެވެއެވެ.
ގާތުގައި ތިބެމެ ދުރުވުން
މިއަދުގެ އަވަދިނެތި ދިރިއުޅުމުގައި ގިނަ މައިންބަފައިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހާޒިރުވެ ހުރެ، ޣައިބުވުން" ކުއްޖާއަށް ތަޖުރިބާ ކުރެވުމެވެ. މައިންބަފައިން ގޭގައި ތިބެދާނެއެވެ. ނަމަވެސް، ވަޒީފާގެ މަސައްކަތްތަކާއި، ސްމާޓް ފޯނާއި، ސޯޝަލް މީޑިއާގެ ސަބަބުން ދަރިންނާ ދެމެދު އޮންނަންޖެހޭ ފުން ގުޅުން އޮންނަނީ ކެނޑިފައެވެ. ކުއްޖާ ވާހަކައެއް ބުނަން އަންނަ އިރު، މައިންބަފައިންގެ ނަޒަރު ހުންނަނީ ފޯނަށެވެ. މިއީ އިމޯޝަނަލް ނިގްލެކްޓް ނުވަތަ ނަފްސާނީގޮތުން ދެވޭ އަނިޔާއެކެވެ.
ދަރިންނާ އޮންނަ ގުޅުން މިގޮތަށް މެދުކެނޑޭނަމަ، ކުއްޖާ އެކަހެރިވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، އެކުދިންގެ ހިތުގައި އުފެދޭ ހުސްކަން ފޫބެއްދުމަށްޓަކައި ނޭދެވޭ އަމަލުތައް ކުރަން ފަށައެވެ. ނުވަތަ ބޭރުގެ އެހެން ދިމާލަކުން އެ އަޅާލުން ހޯދަން މަސައްކަތް ކުރެއެވެ. މިއީ ލޯބި ނެތުމުން ވާކަމެއް ނޫނެވެ. ނަމަވެސް ކުއްޖާގެ ބޭނުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުމުގެ ނަތީޖާއެވެ.
ލޯބި މިނެކިރޭ ތިލަފަތް
ކުޑަކުދިންނަށް ލޯތްބަކީ ސަމާލުކަމެވެ. އެކުދިން ވާހަކަދައްކާއިރު މައިންބަފައިން މަޑުޖެހިލާ މިންވަރެވެ. އެކުދިންގެ މިޒާޖަށް އަންނަ ކުދިކުދި ބަދަލުތައް މައިންބަފައިންނަށް ފާހަގަކުރެވޭ މިންވަރެވެ. ހިތްހަމަނުޖެހޭ ފަދަ ހަގީގަތްތައް ފަސްޖެހުމަކާނުލާ ހިއްސާކުރަން އެކުދިންނަށް ރައްކާތެރިކަން އިހުސާސްވާ މިންވަރެވެ.
ހާއްސަކޮށް ފުރާވަރުގެ އުމުރަކީ މި ގާތްކަމަށް އެންމެ ބޮޑަށް ބޭނުންވާ ދުވަސްވަރެވެ. ގިނަ ފަހަރަށް ފުރާވަރުގެ ކުދިން މައިންބަފައިންނާ ދުރަށް ދާން އުޅޭހެން ހީވެދާނެއެވެ. އެކަމަކު އެއީ އެކުދިންގެ ނަފްސާނީ ހަނގުރާމައެކެވެ. އެކުދިން ހަގީގަތުގައި ބޭނުންވަނީ "އަދިވެސް އަހަރެންދެކެ ލޯބިވަން ހެއްޔެވެ؟" މި ސުވާލުގެ ޖަވާބެވެ. އެކުދިން ކިތަންމެ ބޮޑުވިޔަސް، މައިންބަފައިންގެ އޯގާތެރި ބަސްތަކާއި ބޮލުގައި ފިރުމާލުމަކީ އެކުދިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ބައެއް މައިންބަފައިންނަކީ އަމިއްލައަށްވެސް ޖަޒުބާތީ ގުޅުމުގެ ގޮތުން އެކަހެރި ތަރުބިއްޔަތެއްގެ ތެރެއިން ބޮޑުވެފައިވާ މީހުންނެވެ. އިންސާނަކަށް ދެވޭނީ އޭނާއަށް ލިބިފައިވާ އެއްޗެއްކަމުން، ތިމާއަށް ކުޑައިރު ލޯތްބާއި އޯގާތެރިކަން އިހުސާސް ކުރެވިފައި ނުވާނަމަ، އެކަން އަނެކާއަށް ދޭން ދަތިވެދާނެއެވެ. ނަމަވެސް، މިއީ އުޒުރަކަށް ހަދައިގެން ފަރުޖެއްސޭނެ ކަމެއް ނޫނެވެ. ދަރިންގެ ހައްގުގައި މިކަން ދަސްކުރަންޖެހެއެވެ. މިކަން ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.
ޖަޒުބާތީގޮތުން ގާތްގުޅުމަކަށް މަގުފަހިކުރުން
- އިހުލާސްތެރިކަމާއެކު އަޑުއެހުން: ދަރިން ވާހަކަދައްކާއިރު ފޯނު ބާއްވާށެވެ. އެކުދިންގެ ލޮލަށް ބަލައިގެން ވާހަކަދައްކާށެވެ. އެކުދިން ބުނާ އެއްޗަކަށްވުރެ ބޮޑަށް، އެކުދިންނަށް އިހުސާސްވާ ގޮތް ދެނެގަންނަން މަސައްކަތްކުރާށެވެ.
- ޝަރުތެއް ނެތް ލޯބި ދިނުން: ކުއްޖާ ކުރާ ކުށަކާ ގުޅިގެން ލޯބި އުނިނުކުރާށެވެ. ކުށަށް އަދަބު ދޭއިރުވެސް، އެއީ އެކުއްޖާ ދެކެ ލޯބިވާތީ، އޭނާ އިސްލާހުކުރަން ކުރާ ކަމެއްކަން ބުނެދޭށެވެ.
- ވަގުތު ހުސްކުރުން: ދުވާލަކު މަދުވެގެން 15 މިނެޓު، އެއްވެސް މެދުކެނޑުމަކާނުލާ ދަރިފުޅަށް ހުސްކުރާށެވެ. އެ ވަގުތަކީ ހަމައެކަނި ކުޅުމާއި، ހީނ ސަމާސާކުރުމަށް އޮންނަ ވަގުތަކަށް ހަދާށެވެ.
- އިހުސާސްތަކަށް އިހުތިރާމްކުރުން: "ތިއީ ކުޑަ ކަމެކޭ، ދެން ނުރޮއޭ" ބުނުމުގެ ބަދަލުގައި، އެކުއްޖާ ދެރަވާ ސަބަބު ދެނެގަނެ، އެކަމުގައި ބައިވެރިވާށެވެ. ކުއްޖާގެ އިހުސާސްތަކީ ބޭކާރު އެއްޗެއް ނޫންކަން އޭނާއަށް ވިސްނައިދޭށެވެ.
އިސްލާމީ ނަޒަރަކުން ދަރިންނަށް އޯގާތެރިވުން
އިސްލާމްދީނަކީ އޯގާތެރިކަމާއި ރަހުމުގެ ދީނެވެ. ކީރިތި ރަސޫލާ ﷺ އަކީ ކުޑަކުދިންނަށް އިންތިހާއަށް އޯގާތެރި ބޭކަލެކެވެ. އެކަލޭގެފާނު ސަޖިދައިގައި އޮންނަވާއިރު ކާފަދަރިކަލުން ބުރަކަށިފުޅަށް އެރުމުން، އެކުއްޖާއަށް އުނދަގޫވެދާނެތީ ސަޖިދަ ދިގުކުރެއްވި ކަމީ، ކުދިންގެ އިހުސާސްތަކަށް ދޭންޖެހޭ ސަމާލުކަމުގެ މަތިވެރި ނަމޫނާއެކެވެ.
"ކުޑަކުދިންނަށް ރަހުމް ނުކުރާ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހެއް ނޫނެވެ." މި ހަދީޘްފުޅުން ދޭހަވަނީ، އިސްލާމީ ތަރުބިއްޔަތުގައި އޯގާތެރިކަމާއި ޖަޒުބާތީ ގުޅުމަށް ދެވިފައިވާ ބޮޑު އަހައްމިއްޔަތެވެ. ދަރިންނަށް ހަމައެކަނި ތަކެތި ހޯދައިދިނުމަކުން ދީނީ މަސްއޫލިއްޔަތު އަދާކުރެވުނީއެއް ނޫނެވެ. އެކުދިންގެ ހިތްތަކުގައި އީމާންތެރިކަމާއި ލޯބި އާލާކުރުމަށްޓަކައި މައިންބަފައިންގެ ގާތްކަން އިންތިހާއަށް ބޭނުންވެއެވެ.
ބަދަލަކަށް މަސައްކަތްކުރުން
ވިސްނުންތެރިވުމަކީ ބަދަލުގެ ފުރަތަމަ ފިޔަވަޅެވެ. ކޮންމެ މީހަކީވެސް ފުރިހަމަ މީހަކަށް ނުވެދާނެއެވެ. ނަމަވެސް، ކޮންމެ ދުވަހަކުވެސް އިއްޔެއަށްވުރެ ރަނގަޅު މައެއް ނުވަތަ ބަފައެއް ކަމުގައި ވުމަށް މަސައްކަތް ކުރެވިދާނެއެވެ. ދަރިންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމަކީ ހަމައެކަނި އެކުދިން ބޮޑުކުރުމެއް ނޫނެވެ. އެއީ އެކުދިންގެ ހިތްތަކުގައި ލޯތްބާއި އަމާންކަމުގެ އިހުސާސް ބިންވަޅުނަގާ ދިނުމެވެ.
ގޭތެރޭގެ މާހައުލަކީ ހަމައެކަނި ކައިބޮއެ ނިދާ ތަނަކަށް ނުހަދާށެވެ. އެއީ ހިތްހަމަޖެހުމާއި ރައްކާތެރިކަމާއި އެކަކު އަނެކަކަށް އަޅާލާ މަރުކަޒަކަށް ހަދާށެވެ. ދަރިންނާއެކު ހޭދަކުރާ ވަގުތަކީ އެކުދިންގެ މުޅި ހަޔާތުގައިވެސް ދެވޭނެ އެންމެ އަގުބޮޑު އިންވެސްޓްމަންޓެވެ. ތިބާގެ ދަރިފުޅު ބޮޑުވެގެން ހަނދާން ހުންނާނީ ތިބާ ހޯދައިދިން އަގުބޮޑު ކުޅޭ އެއްޗެއްގެ ވާހަކައެއް ނޫނެވެ. އެކަމަކު، އޭނާ ދެރަވި ދުވަހު ތިބާ އޭނާގެ ބޮލުގައި ފިރުމާލި ފިރުމާލުމާއި، އޭނާ ބުނި ވާހަކަ އަޑުއަހަން ހޭދަކުރި ވަގުތުގެ ހަނދާންތަކެވެ.
ކޮންމެ މައަކު އަދި ކޮންމެ ބަފައަކުވެސް އަމިއްލަ ނަފްސާ ކޮށްލަންވީ ސާދާ ސުވާލެކެވެ. "އަހަރެންގެ ދަރިންނަށް އެކުދިންގެ ހަޔާތުގައި އަހަރެންގެ ހާޒިރީ އިހުސާސްވޭ ހެއްޔެވެ؟" ނުވަތަ "އަހަރެމެން މި އުޅެނީ އެއް ފުރާޅެއްގެ ދަށުގައި ތިބި ބީރައްޓެހިންތަކެއްގެ ގޮތުގައި ހެއްޔެވެ؟"