ބަރުދަން ލުއިކުރަން ސައްޙަ ނޫން ތަކެތި ބޭނުން ނުކުރަން އަންގައިފި

ހެލްތު މިނިސްޓަރު ޤީލާ ޢަލީ މަޖިލީހުގެ ޖަލްސާގައި: --- ފޮޓޯ: މަޖިލިސް

ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ، ސައްޙަ ނޫން މަޢުލޫމާތު ހިމެނޭ ކާބޯތަކެތި އިޝްތިހާރުކޮށް ބޭނުންކުރަމުންދާތީ އެ ކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ، ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި، ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތު ނުހިފޭ މަޢުލޫމާތު ހިމެނޭ ގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އެ ތަކެތި ބޭނުންކުރާ ފަރާތްތަކަށް މަޢުލޫމާތު އޮޅި، ސިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ވަކިން ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

https://www.sun.mv/224924

ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޢުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދުގެ ދަށުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.

އެހެންކަމުން، ސިއްޙަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާ ކަމެއްކަން އެމްއެފްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ޙަގީގަތާ ޚިލާފަށް ނުވަތަ ޙަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީވެސް މި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ސާބިތު ނުހިފޭ މަޢުލޫމާތު ހިމެނޭ އުފެއްދުންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެގެން ކަސްރަތުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ސައްޙަ ނޫން މަޢުލޫމާތުތަކަށް ޢާންމުން ސަމާލުވުމަކީ ސިއްޙީ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.

comment ކޮމެންޓް